ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެ މަނިކުފާނު ދެވަނަ ދައުރަކަށް ރައްޔިތުން ހޮވައިދެއްވައިފިނަމަ ކަނޑާއި ވައިގެ މަގުން މުޅި ރާއްޖެ ގުޅާލާއި ދަތުރުފަތުރުގެ ނިޒާމު ފުރިހަމަކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ގޮތުން މިއަދު ށ. ނޫމަރާއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އާރުޓީއެލް ފެރީގެ ފަސޭހަ ހިދުމަތް މިހާރު ބޮޑުތިލަދުންމައްޗަށް ލިބެމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ ނޫމަރާ ފަދަ ވަކިން އޮންނަ ރަށަކަށް އެންމެ ބޮޑަށް ބޭނުންވާ ކަންކަމުގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމު ފުރިހަމަވުން ހިމެނޭ ކަމަށެވެ. އެ މަނިކުފާނުގެ އަމާޒަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުން ކަމަށް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުރިއަށް އޮތް ފަސް އަހަރުގެ ދައުރު ނިންމާނީ މި ދެންނެވި ހުރިހާ ކަމެއް ކޮށް ނިންމާފަ،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމާ އެ މަނިކުފާނު ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ ހާލަތު އޮތީ ވަރަށް ގޯސް ކަމަށާއި އެގޮތުން މަގުތަކުގައި މީހުން މެރުމާއި ވިޔަފާރިވެރިންނަށް ހުރި ފިއްތުންތަކާއި ސިޔާސީގޮތުން ހިޔާލުތަފާތުވާ މީހާ ޖަލަށްލުން ފަދަ ކަންކަން އޭރު ފެނިގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ކުރި މަސައްކަތަކީ ރައްޔިތުންނަށް އަމާން އަދި ހަމަޖެހޭ މުޖުތަމައެއް ހޯދައިދިނުމުގެ މަސައްކަތް ކަމަށާއި އެކަން ރާއްޖޭގެ ރަށްރަށުން މިއަދު އެބަ ފެންނަ ކަމަށެވެ.
މި ސަރުކާރުގައިވެސް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި އެގޮތުން ފެށުނީއްސުރެ ސަރުކާރަށް ދަތިކުރަމުންދިޔަ ބަޔަކު އުޅުނު ކަމަށް ރައީސް ވިދާޅުވިއެވެ.
"މެދުނުކެނޑި ސަރުކާރަށް ދައްޗާއި އުނދަގޫ ކުރަމުން ދިޔަ ބަޔަކު ތިބި، ބޭނުމަކީ އެ މީހެއްގެ ނުވަތަ އެބައެއްގެ އަމިއްލަ މަސްލަހަތު އިސްކުރުން. ނަމަވެސް އެއަކަށް އަޅުގަނޑުމެން ޖާގައެއް ނުދެން. އަޅުގަނޑުމެން އިސްކުރީ ތިބޭފުޅުން، ރައްޔިތުންގެ މަސްލަހަތު،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާނީ އެ މަނިކުފާނަށް ދެވަނަ ދައުރެއް ދީގެން ކަމަށެވެ. އަދި ދެވަނަ ދައުރެއް ނުލިބިއްޖެ ނަމަ މިހާރު ފަށާފައިވާ ބައެއް މަޝްރޫއުތައް ހުއްޓުމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު