ރަސްމާލެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ބިމުން އިސްރާއީލުގެ ރައްޔިތުންނަށް އެއްވެސް ޕްރޮޕަޓީއެއް ގަނެ، ވިއްކައި އަދި ކުއްޔަށް ނުހޯދޭ ގޮތަށް ގާނޫނުގެ ތެރެއިން މަނާކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ފަލްސް" ޕޮޑްކާސްޓުގައި، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް މިއަދު ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ ބިޔަ މަޝްރޫއުގެ ދަށުން އިސްރާއީލުގެ ޕާސްޕޯޓު އޮންނަ މީހުން އެކަނި ނޫން ކަމަށާއި، އެހެން ނިޒާމުތައް މެދުވެރިކޮށް ބަލައިގެން ވެސް އިސްރާއީލުގެ ރައްޔިތުންނަށް އެ ފުރުސަތު ބަންދުކުރައްވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ހުރިހާ ގޮތަކުން ބަލައި، އިސްރާއީލުގެ ރައްޔިތުންނަކަށެއް މި ޕްރޮޖެކްޓްގެ ތެރެއިން، އަދި ކުރިއަށް އޮތް ތަނެއްގައި އެއްވެސް ޕްރޮޖެކްޓަކުން ވެސް މިތަނުން އެއްވެސް ޕްރޮޕަޓީއެއް ގަނެ، ވިއްކައި، ކުއްޔަށް ހޯދައި މިކަހަލަ އެއްވެސް ކަމެއް ނުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
ރިއަލް އެސްޓޭޓާ ބެހޭ އާ ގާނޫނެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތައާރަފުކުރާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި ގޮތުގައި، ރަސްމާލެއިން ޕްރޮޕަޓީ ހޯދާ މީހުންނަކީ ވަކި އެއް ގައުމެއްގެ ބަޔަކަށް ނުވާނެއެވެ. އެގޮތުން، ބޭރު މީހުންނަށް ޕްރޮޕަޓީ ވިއްކާ ނަމަ، އެއްވެސް ގައުމެއްގެ ރައްޔިތުންނަށް އެންމެ ގިނަވެގެން ލިބޭނީ 25 އިންސައްތަ ކަމަށް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޕްރޮޕަޓީ ގަންނަ ބިދޭސީންނަށް ދިވެހި ރައްޔިތުކަން ނުލިބޭނެކަން ގާނޫނުތަކުގައި ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. މި އިންތައް ގާނޫނުގެ ތެރެއިންނާއި އެއްބަސްވުންތަކުގައި ބަޔާންކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ބޭރު މީހުންނަށް ލިމިޓްތަކެއް ކަނޑައެޅި ނަމަވެސް، ދިވެހިންނަށް ޕްރޮޕަޓީ ގަތުމުގައި އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ދިވެހިން ބޭނުން ނަމަ ހުރިހާ ޕްރޮޕަޓީއެއް ވެސް ގަނެވިދާނެއެވެ. އަދި ގަތުމަށް ފަހު ސަރުކާރަށް އަނބުރާ ވިއްކާލުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
ރަސްމާލޭގެ އަގުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، 1،000 އަކަފޫޓުގެ ޕްރޮޕަޓީއެއްގެ އަގު އުޅެނީ ގާތްގަނޑަކަށް ހަ ލައްކަ ޑޮލަރަށް ކަމަށެވެ. މިއީ ރާއްޖޭގެ މެދުފަންތިއާއި އެއަށް ވުރެ މަތީ ފަންތީގެ އާމްދަނީ ލިބޭ އެތައް ރައްޔިތުންނަކަށް ގަނެވޭނެ އަގެއް ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް