ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފިއެވެ.

އެ މަނިކުފާނު ޕާކިސްތާނަށް މިރޭ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ އެ ގައުމުގެ ސަރުކާރުގެ އިސް ވަފުދަކުންނެވެ. އަދި ރައީސްގެ ޝަރަފުގައިވަނީ 21 ބަޑީގެ ސަލާމެއް އަރުވައިފައެވެ.

ރައީސް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރު، މުހައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް، އަންނަ ބުރާސްފަތީގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސަރުކާރުގެ ބައެއް މިނިސްޓަރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އަދި ސަރުކާރުގެ އިސް ވަފުދެއް މި ދަތުރުގައި ރައީސްއާއެކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

20 އޮކްޓޫބަރު 2026، ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތަނަށް ވަޑައިގަތުމުން، އެ ގައުމުގެ ސަރުކާރުގެ އިސް ވަފުދަކުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ ----- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން، އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ އެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށާއި ރަސްމީ ވާހަކަފުޅުތަކަށް ފަހު، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގިނަ ފަހުމުނާމާތަކެއް ބަދަލުކުރުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

20 އޮކްޓޫބަރު 2026، ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތަނަށް ވަޑައިގަތުމުން، އެ ގައުމުގެ ސަރުކާރުގެ އިސް ވަފުދަކުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ ----- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގައި 300 ބައިވެރިންނާއެކު ބިޒްނަސް ފޯރަމެއްވެސް ބާއްވާނެއެވެ.

ޕާކިސްތާނުގެ "ސަމާ ނިއުސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި 12 ވަރަކަށް އެއްބަސްވުމުގައި ޕާކިސްތާނާއި ރާއްޖެއިން ސޮއިކުރާނެއެވެ.

ޕާކިސްތާނު ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއާ އެކު ސޮއިކުރާ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލްއޭވިއޭޝަން، ދިފާއީ އަދި އަސްކަރީ ދާއިރާ ހިމެނޭ ކަމަށެވެ.

20 އޮކްޓޫބަރު 2026، ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތަނަށް ވަޑައިގަތުމުން، އެ ގައުމުގެ ސަރުކާރުގެ އިސް ވަފުދަކުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ ----- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ވަޑައިގެންނެވީ 2015 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި މިވަނީ، ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގައެވެ.

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.