ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓު އަލުން ގެޒެޓުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއަށް ގެނައި ބަދަލުތައް ގެޒެޓުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

"ހުރިހާ ރަށެއްގެ ކައުންސިލް އިދާރާއިންނާއި، އައްޑޫ، ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީހުންނާއި، ކުޅުދުއްފުށީ ސިޓީގެ ކައުންސިލް އިދާރާގެ އިތުރުން އިންތިހާބާ ބެހޭ މަރުކަޒު، ދަރުބާރުގެއިން ޝަކުވާ ބަލައިގަންނާނެ. ކައުންސިލްތަކުގެ އިދާރާތަކުން ލިސްޓު ފެންނަން ހުންނާނެ. އަދި ސަރުކާރުގެ ގެޒެޓުންނާއި އީސީގެ ވެބްސައިޓުން ފެންނަން ހުންނާނެ،" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ 1414 އަށް ގުޅައިގެންނާއި އީސީގެ ވެބްސައިޓުން އަދި އެސްއެމްއެސް ކޮށްގެންވެސް ވޯޓާސް ލިސްޓުގެ މައުލޫމާތު ބެލެން ހުންނާނެ ކަމަށެވެ.

"މިއީ، މި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ލިބޭ އެންމެ ފަހު ފުރުސަތު ކަމަށްވާތީ، ޝަކުވާ ހުށަހެޅުއްވި ފަރާތްތަކުންނާއި، ކައުންސިލް އިދާރާތަކުންނާއި ޕާޓީތަކުން ލިސްޓު ޗެކް ކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއް،" ހަބީބު ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން އެ ޕާޓީގެ ރައީސް، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވާދަކުރައްވާނެކަން ވަނީ އިއުލާންކޮށްފައެވެ. އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓު ހަވާލުކުރައްވާފައިވަނީ އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ.

އަލަށް އުފެއްދި ސިޔާސީ ޕާޓީއެއް ކަމަށްވާ ދަ ޑިމޮކްރެޓްސްގެ ފަރާތުން ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވަނީ އިއުލާންކުރައްވައިފައެވެ.