އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އަމަލުތައް ހުރީ ގާނޫނާ ހިލާފަށް ކަމަށްވުމުން އެ މުއައްސަސާއަށް އިތުބާރު ނެތް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަން، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި މޯލްޑިވްސް ރީފޯމް މޫވްމެންޓާއި "ދަ ޑިމޮކްރެޓްސް" އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ސަރުކާރު އިދާރާތަކުން ދަނީ އީސީއަށް ނުފޫޒު ފޯރުވަމުން ކަމަށާއި އެކަމުގެ ބޭނުމަކީ ރިޔާސީ އިންތިހާބުފެ މިނިވަންކަމާއި އިންސާފުވެރިކަން ގެއްލުވާލުން ކަމަށެވެ.
ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ނުކޮށްދީ އީސީން ލަސްކުރަނީ ވެސް ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަދިވެސް ގަބޫލެއް ނުކުރަން ހުއްދަ ދެއްވަން އުޅޭ ކަމަކަށް. މިއަދުގެ މިހާތަނަށް ހުއްދައެއް ނުލިބޭ. އިތުބާރެއް ނެތް އިލެކްޝަންސް ކޮމިޝަން ހިނގަމުން ދާ ގޮތާމެދު،" ހަސަން ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާހަކަދައްކަވަމުން ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީން ދަނީ ދައުލަތުގެ ވަސީލަތްތަކާއި މުދާތައް ބޭނުން ކުރަމުން ކަމަށެވެ. މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވޭނެކަން ޔަގީން ކުރެވޭނީ އީސީން އެކަންކަމަށް ބަސް ބުނެގެން ކަމަށާއި ނަމަވެސް މިހާރު ފެނިގެން ދަނީ އެއްވެސް މުއައްސަސާއަކުން އެކަމަށް އަޅާނުލާ މަންޒަރު ކަމަށެވެ.
"ސަރުކާރުގެ ނުފޫޒު އިންތިހާއަށް އިލެކްޝަން ކޮމިޝަނަށް އޮތްކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ދަލީލުކޮށްދޭ ކަންތައްތަކެއް ވަކިން ހާއްސަކޮށް މިދިޔަ ދެ ހަފުތާތެރޭ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އިލެކްޝަން އިން އެބައޮތް ވަކިވަކި ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ގައުމީ ލަފާދޭ ކޮމިޓީއެއް އެކުލަވާލާފައި. އަޅުގަނޑު ހިތާމަކުރަން މިފަދަ ބޮޑެތި ކަންތައްތައް އިލެކްޝަނާ ގުޅިގެން ހުރި އިރު ގައުމީ ލަފާދޭ ކޮމިޓީން އެއްވެސް ބައްދަލުވުމެއް މިހާތަނަށް ބޭއްވުނީކީ ނޫން،" ޝިޔާމް ވިދާޅުވިއެވެ.
އެމްއާރްއެމްގެ ފަރާތުން ވާހަކައްކަވަމުން އެ ޕާޓީގެ އެކްްސްކޯ މެންބަރެއް ކަަމަށްވާ އިސްމާއިލް ޒަބީހު ވިދާޅުވީ އީސީން ގެންދަނީ ގާނޫނާ ހިލާފަށް ކަންކަން ކުރަމުންކަން އެންމެންނަށް ސާފުވާ ކަމަށާއި އެމްއާރްއެމް އުވާލުމަށް ވެސް އީސީން ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ރިޔާސީ އިންތިހާބެއް ކައިރިވެފައިވާ އިރު، އީސީން ގާނޫނާ ހިލާފަށް ކަންކަން ކުރުމުން އިތުބާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެންޕީގެ ނައިބު ރައީސް، މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކަންކަން މިނިވަންކަމާއި އިންސާފުވެރިކަމާ އެކީ ހިނގަން ޖެހޭނީ ހަމައެކަނި ވޯޓުލާ ދުވަހު އެކަނި ނޫން ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ މެމްބަރެއް ކަމަށްވާ ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސެއިން ވިދާޅުވީ އީސީއަކީ މިނިވަން މުއައްސަސާއެއް ކަމަށް ބުނާ ބުނުން މިހާރު ހަމައެކަނި ނަންބޯޑުގައި އޮންނަ އެއްޗަކަށް ބަދަލުވެފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު