ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޑިމޮކްރަޓިކް އުސޫލުތަކެއްގައި ހިފަހައްޓާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށް ދުށް ދުވަސްތަކެއް ދިޔަ އެވެ. އެ ޕާޓީ ތެރޭގައި ހިޔާލުތަފާތުވާ ކޮންމެ ފަހަރަކު މަޝްވަރާގެ އުސޫލުން ގޮތެއް ނިންމައި ޑިމޮކްރަޓިކް އުސޫލުތައް ނަގަހައްޓައެވެ. އެ ހުރިހާ ކަމަކަށް ނިމުމެއް އައީ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ދެމެދު މައްސަލަ ޖެހި އެކަން ހައްލުނުވުމުގެ ސަބަބުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކުރިން ވެސް ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން ވަނީ މަޖިލީހުގައި ރައީސް ސޯލިހަށާއި ސަރުކާރަށް އެތައް ތުހުމަތެއް ކުރައްވައިފައެވެ. އެއިރު ފެންމަތިވަމުން ދިޔަ ކަންކަމުގެ ހަގީގަތް ސަރުކާރަށް ނޭނގުނީކަމެއް ނުވަތަ އެނގިތިބެ އަޅައިނުލައި ދޫކޮށްލީކަމެއް ސާފެއް ނޫނެވެ. ރައީސް ސޯލިހު އެއިރު ވިދާޅުވެފައިވަނީ އެ މެންބަރުން ދައްކަވާ ވާހަކަތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ގޮތުން ދައްކަވާ ވާހަކަތަކެއް ކަމަށާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރާ އެކު ކަމަށެވެ. މެންބަރުން ސީދާ ސަރުކާރަށް ގެއްލުންވާނެކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.

އެ މެންބަރުން ސަރުކާރަށް ފާޑު ވިދާޅުވެ ކުރެއްވި ތުހުމަތުތަކަކީ ނިއްވައިނުލެވޭނެ އަލިފާންގަނޑެއް ރޯވުމަށް ބުރަމުން ދިޔަ ކަނިތަކެވެ. އެކަން އެންމެ ބޮޑަށް އެނގިގެން ދިޔައީ އެ ޕާޓީގެ ޗެއާޕާސަން އިންތިހާބުގައެވެ. އެމްޑީޕީ ދެ ބަޔަކަށް ބެހި ރައީސް ސޯލިހަށް ތާއިދުކުރައްވާ ފެކްޝަނަކާއި ނަޝީދުއަށް ތާއިދުކުރައްވާ ފެކްޝަނުން ޗެއާޕާސަން އިންތިހާބުގައި ވާދަކުރިއެވެ. ނަޝީދުގެ ތާއިދާއެކު ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ ވަނީ ސަރުކާރާ މެދު ހުރި ހިތްހަމަނުޖެހުންތައް އެއްވެސް ފޮރުވުމެއް ނެތި ފާޅުކުރައްވައިފައެވެ. ރައީސް ސޯލިހުގެ ފަޅިން ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެ ތުހުމަތުތައް ދޮގު ކުރައްވައި ވިދާޅުވަމުން ގެންދެވީ އެއީ އިންތިހާބުތަކާ ދިމާކޮށް ދައްކާ ވާހަކަތަކެއް ކަމަށާއި އެ މެންބަރާއެކު މަސައްކަތް ނުކުރެވޭނެ ހާލަތަކަށް ނުދާނެ ކަމަށެވެ.

ފައްޔާޒުގެ އެ އުއްމީދާ އެއްގޮތަށް ކަންކަން ނުދާނެ ކަން އެނގުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައެވެ. އެ އިންތިހާބުގައި ވާދަކުރެއްވި ނަޝީދު ވަނީ ރަނގަޅު އަލިފާންގަނޑެއް ރޯކުރައްވައިފައެވެ. އެ މަނިކުފާނު ގެންދެވީ ރައީސް ސޯލިހަށާއި އެ މަނިކުފާނުގެ ސަރުކާރަށް އަމާޒުކޮށް ވަރަށް ހުތުރު ތުހުމަތުތަކެއް ކުރައްވަމުންނެވެ. އެ ހުރިހާ ތުހުމަތުތަކަށް ބާރު ދެއްވައި އިތުރަށް އެ ވާހަކަ ދެއްކެވީ އެ މަނިކުފާނަށް ތާއިދުކުރައްވާ މަޖިލިސް މެންބަރުންނެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި ރައީސް ސޯލިހު ވެސް ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ވެރިކަން ލިބިވަޑައިގަތުމުން ތިން އަހަރު ނުވަނީސް އިސްތިއުފާ ދެއްވި ކަމަށާއި އަދި ރައްޔިތުން މަޖިލިސް މެދުވެރިކޮށް ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަން މަސައްކަތް ކުރައްވަނީ "ވެރިކަމުގެ ދަހިވެތި" ކަމުގައި ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބު ކުރެއްވިއިރު ނަޝީދަށް ލިބިވަޑައިގަތީ ހުދު އެ މަނިކުފާނުވެސް ހީފުޅުނުކުރައްވާ ވަރުގެ ދަށް ނަތީޖާއެކެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެހާ ހިސާބުން ނަޝީދު ފާޅުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާނެކަމަށް ދައްކަވަމުން ގެންދަވާ ވާހަކައަށް އަމަލީ ސިފަ ގެންނެވިއެވެ.

އެ މަނިކުފާނު އެކަން ކުރެއްވީ މަޖިލީހުގެ ރިޔާސަތުގައި ހުންނަވައިގެންނެވެ. ސަރުކާރަށް ދަތި ކުރުމާއި އެމްޑީޕީއަށް ގެއްލުންވާ ގޮތަށް އަމަލުތައް ކުރައްވަމުން ގެންދަވާތީ ރައީސް ސޯލިހަށް ތާއިދު ކުރައްވާ މަޖިލިސް މެންބަރުން ބައެއް ފަހަރު ނަޝީދަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވައެވެ. މަޖިލިސް ތެރެއިން ނަޝީދު ވަނީ ސަރުކާރަށް ދަތި ކުރުމުގެ ތެރެއިން ބިލްތަކުގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވާފައިކަމަށް ރައީސް ސޯލިހަށް ތާއިދުކުރައްވާ މެންބަރުން ތުހުމަތު ކުރައްވައެވެ. ނަޝީދު ސަރުކާރާ ދެކޮޅަށް ކުރައްވާ މަސައްކަތަށް ކެތް ނުކުރެވިގެން އެމްޑީޕީ އަދި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ނަޝީދު "އެއްކިބާ" ކުރުމުގެ މަސައްކަތް ވެސް ފަށައިފައެވެ.

މަޖިލީހުގެ ރިޔާސަތުގައި ނަޝީދު ހުންނަވައިގެން ގެންދަވަނީ އެމްޑީޕީގެ މެންބަރުން ވާހަކަ ދައްކަވާއިރު އެކަމަށް ހުރަސް އަޅުއްވައި މަޖިލިސް ގަވާއިދާ ހިލާފު ކަންކަން ކުރައްވަމުން ކަމަށް ތުހުމަތުކުރެއެވެ. ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ގެންދަވަނީ އެމްޑީޕީގެ މެންބަރުންނަށާއި މި ސަރުކާރަށް ޖިނާއީ އެތަކެއް ތުހުމަތެއް ކުރައްވަމުންނެވެ. ނަޝީދު ރިޔާސަތުގައި ހުންނަވައިގެން އެ މަނިކުފާނަށް ތާއިދުކުރައްވާ މެންބަރުންނަށް "ހާއްސަ ކަމެއް" ދެއްވާކަމަށް އެމްޑީޕީ މެންބަރުން ތުހުމަތުކުރެއެވެ. އެންމެ ފަހުން ނަޝީދު މަޖިލިސް ރައީސްގެ މަގާމުން ވަކިކުރައްވަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމިއެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ 54 މެމްބަރުންގެ ސޮޔާއެކު ޖޫން މަހުގެ ހަތްވަނަ ދުވަހުއެވެ. އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށެހެޅީ ގާނޫނު އަސާސީ އާއި ގަވައިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާ ކަމަށް ތުހުމަތުކޮށެވެ.

ނަޝީދުގެ މައްސަލަ ވެއްދިއިރު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް އޮތީ މަޖިލީހަށް ހުށަހަޅައިފައެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅީ އެ ޕާޓީން ވަކިވެ، "ދަ ޑިމޮކްރެޓްސް" ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން އުޅުއްވަނިކޮށް، މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހުއެވެ.

ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ޅ) ގައި ބުނަނީ، މަޖިލީހުގެ ރައީސް އެ މަގާމުން ވަކި ކުރުމާބެހޭ ބަހުސެއް ހިނގާ، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެން ނުވާނެ ކަމަށެވެ. ހަމަ އެހެންމެ މަޖިލީހުގެ ނާއިބު ރައީސް މަގާމުން ވަކި ކުރުމާބެހޭ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނާއިބު ރައީސް ބަލަހައްޓައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން، ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ)ގައިވާގޮތުގެމަތިން މަޖިލީހުގެ ރައީސް ކަނޑައަޅަން ވާނެ ކަމަށެވެ. އެގޮތަށް ރިޔާސަތު ބަލަހައްޓަން ކަނޑައަޅުއްވާ މެންބަރަކަށް ރިޔާސަތު ބެލެެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަށް ކަމަށެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފައިވާތީ މަޖިލީހުގެ ބައެއް މަސައްކަތްތައް ވަނީ ހުއްޓިފައެވެ. ސިޔާސީ ގަދަހިފުމެއްގެ ނަތީޖާއަކަށް ވީ މަޖިލިސްގައި މަރުތަޅު އެޅިގެން ދިޔުމެވެ. މަޖިލީހުގެ ގިނަ މެންބަރުން މަޖިލިސް ޖަލްސާތައް، މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ވިދާޅުވެއެވެ. ނަމަވެސް ނަޝީދު މަޖިލިސް "ހައިޖެކް" ކުރައްވައިފައިވާތީ މަޖިލިސް ކުރިއަށް ނުގެންދެވޭކަމަށް އެ މެންބަރުން ވިދާޅުވެއެވެ.

އަނެއްކޮޅުން ނަޝީދަށް ތާއިދުކުރައްވާ މެންބަރުން ވިދާޅުވަނީ ސަރުކާރުން ގަސްދުގައި މަޖިލީހުގައި މަރުތަޅު އެޅުވީއެވެ. އެހެން ނޫނީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްފަހަރާ ހުށަނާޅުއްވާނެކަމަށް އެ މެންބަރުން ފާހަގަ ކުރައްވައެވެ. އެއީ ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުން ހިންގާ ކޮރަޕްޝަންތަކުގެ އަޑުތައް ކަނޑުވާލުމަށް ކުރިކަމެއްކަމަށް އެ މެންބަރުން ވިދާޅުވެއެވެ.

އެކަމަކު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 12 މެންބަރުން އެ ޕާޓީން ވަކިވުމާއެކު ހަގީގަތުގައި މަޖިލީހުގައި މިވަނީ މަރުތަޅުއެޅުވިފައެވެ. ސަބަބެއްކަމަށް ނަޝީދު ވިދާޅުވަނީ އެ މެންބަރުން ވަކިވެވަޑައިގަތުމާ ގުޅިގެން، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގައި މެންބަރުން ހިމެނޭގޮތަށް އައި ބަދަލާ ގުޅިގެން މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން ހިމެނެނިފައިވާ ގޮތް ބަދަލުކުރަން ޖެހުމެވެ. އެއީ މަޖިލިސް ތަޅުމަށް ހުށަހަޅައިގެން ކުރަން ޖެހޭ ކަމެކެވެ. މަޖިލިސް ރައީސް ތަކުރާރުކޮށް ވިދާޅުވަނީ، އެ ބަދަލު ނުގެނެވިގެން އުޅެނީ، ޕާޓީތަކުން އެއްބަސްނުވެގެން ކަމަށެވެ.

މަޖިލިސް ގަވާއިދު ބުނާގޮތުން، މަޖިލީހަށް ހުށަހެޅޭ އިތުބާރުނެތްކަމުގެ މައްސަލަތަކަށް، ތަޅުމުގައި ބަހުސް ކުރެވޭނީ، އެ މައްސަލައިގެ ބަހުސް ކުރިއަށްގެންދާނެ ދިގުމިނެއް އާއްމު ކޮމިޓީން ފާސް ކުރުމުންނެވެ. އެ ވަގުތުގެ ތެރެއިން، ބަހުސްގައި ވާހަކަދެއްކުމަށް މެންބަރުންނަށް ދޭންޖެހޭ ވަގުތާއި، އިތުބާރުނެތްކަމުގެ މައްސަލަ ރައްދުވާ ފަރާތް ޖަވާބުދާރީވާން ދޭނެ ވަގުތެއްވެސް ކަނޑައަޅަން ޖެހެނީ އާއްމު ކޮމިޓީންނެވެ. އެހެންކަމުން މަޖިލީހުގެ މައިގަނޑު މަސައްކަތްތަކާއެކު، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލަތައް ވެސް މިވަނީ ހުއްޓިފައެވެ. ކޮމިޓީތައް ހުއްޓިފައިވާތީ، މުހިއްމު ބިލުތަކެއްގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެމްޑީޕީން ބުނަނީ ކޮމިޓީތައް އެކުލަވައިލުމަށް ދެވެން އޮތް ދުލެއް ދީފައިވާ ކަމަށެވެ. ނަމަވެސް މަޖިލިސް ގަވާއިދާ އެއްގޮތަށް މެޖޯރިޓީ ޕާޓީގެ ހައިސިއްޔަތުން އެ ޕާޓީއަށް ކޮމިޓީތަކުގެ 61 ޕަސެންޓް ލިބެން ޖެހޭނެ ކަމަށްވެސް އެމްޑީޕީން ބުނެއެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެގޮތުގެ މަތިން މިހާރުވެސް ކޮމިޓީތައް ބަހާލެވިދާނެ ކަމަށާއި، ބަހާލުމުން، ޕާޓީތަކުން އެ ކޮމިޓީއެއްގައި އެ ޕާޓީއަކުން ހިމަނަން ބޭނުންވާ މެންބަރެއްގެ ނަން ޕީޖީ ގްރޫޕުން ފާސްކޮށްގެން ފޮނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ މަޖިލިސް ގަވާއިދުގައިވެސް އޮންނަނީ އެހެން ކަމަށެވެ.

މަޖިލީހުގެ މަސައްކަތް ރޭވިފައި އޮންނަގޮތުން، މުޅި މަޖިލީހުގެ ކޮމިޓީ ފިޔަވައި، ބިލެއް، ނުވަތަ މައްސަލައެއް ވެސް މަޖިލީހުން ފާސްކުރެވޭނީ، ކަމާބެހޭ ކޮމެޓީން އެކަމެއް ދިރާސާކުރުމަށްފަހު ތަޅުމަށް ހުށަހެޅުމުންނެވެ. އިތުބާރުނެތްކަމުގެ މައްސަލަތައްވެސް ކުރިއަށްދަނީ ހަމަ އެ މަގުންނެވެ.

އެހެންކަމުން މަޖިލީހުގެ މައިގަނޑު މަސައްކަތްތަކާއެކު، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލަތައް ވެސް މިވަނީ ހުއްޓިފައެވެ. މި ހުރިހާ ކަމެއްގެ މިހެން ހުއްޓާ، މަޖިލިސް މިހާރު ވަނީ ޗުއްޓީއަށް ވެސް ގޮސްފައެވެ.

ދެ ރައީސުންގެ މެދުގައި ސިޔާސީ ގޮތުން އުފެދުނު ކޯޅުމުގެ ނަތީޖާއަކަށް ވެފައި މިވަނީ، ދައުލަތުގެ އެންމެ މުހިންމު ގުނަވަނުގައި މަރުތަޅުއެޅިގެން ދިޔުމެވެ. ރައްޔިތުންގެ ހައްގު ދަމަހައްޓަން އެންމެ ބޮޑަށް ވަކާލާތު ކުރުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ދައުލަތުގެ އެއްބާރު، ރައްޔިތުން މަޖިލިސް ނުވަތަ ގާނޫނު ހެދުމުގެ ބާރު މިހާރު މިވަނީ ހުއްޓުމަކަށް އައިސްފައެވެ. މިނިވަން ޑިމޮކްރަޓިކް ގައުމެއްގައި ޑިމޮކްރަސީ ނެގެހެއްޓުމުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތު ހިފެހެއްޓުމުގެ ޒިންމާވެސް އޮތް ރައްޔިތުންގެ މަޖިލީހުގައި މި ވަނީ މަރުތަޅެއް އަޅުވައިފައެވެ. މަޖިލިސް ހުއްޓުމުގެ އިތުރުން އެ މަޖިލީހުގެ މަސައްކަތް ދެން ފަށައިގަންނާނެ ގޮތަކާމެދުވެސް މިވަނީ ހިޔާލުތަފާތުވެފައެވެ. ޗުއްޓީ ނިމިގެން މަޖިލިސް އަލުން ފަށާއިރުވެސް މިއިން ކަމަކަށް ހައްލެ އަތުވެދާނެ ފަދަ އުއްމީދެއް ފެންނާކަށް އަދި ނެތެވެ.

ސިޔާސީ ގޮތުން އުފެދޭ ހިޔާލުތަފާތުވުމެއްގެ ސަބަބުން މަޖިލިސް ހުއްޓި، ގައުމު ހުއްޓުމަކަށް އައިސްގެން ނުވާނެކަމަށް އާންމުން ގަބޫލުކުރެއެވެ. ގާނޫނު މާނަކުރުމުގައިވެސް، ތިމާގެ ސިޔާސީ ނިޔަތަަށް އިސްކަން ދޭން ވެއްޖެ ނަމަ އެ ވެވެނީ ގައުމަށް އިހުލާސްތެރިއެއް ނޫނެވެ. އެ ފަހަރުގެ ހުންނެވި ސިޔާސީ ވިސްނުމަކަށް ބަލައިގެން ގާނޫނު މާނަކުރައްވާ ނަމަ، އެއީ ގައުމަށް ގައްދާރުވުމެކެވެ. މަޖިލީހުގައި ކަންކަން ތަރުތީބުވެފައި ވަނީ "ހަމަ މީހަކު ބޭނުންވާއިރަށް" ހުއްޓާލެވޭ ގޮތަށް ކަމަށްވަންޏާ އެކަމެއް ބަދަލުވާންޖެހެއެވެ.