ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ނުކޮށްދީ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް މާގިނަ ދުވަހަކު ނުތިބެވޭނެކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް، ގާނޫނުގައި ބުނާ 3،000 މެންބަރުންގެ ސޮއި ހަމަކުރުމަށް ތިން މަސް ދުވަސް އިލެކްޝަނުން ދިނެވެ. އެ އަދަދަށް މެންބަރުން ހަމަކޮށް "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރަން 3،560 ފޯމު އީސީއަށް ހުށަހެޅީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ޕާޓީ ރަޖިސްޓްރީވުން ލަސްވާތީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ އިއްޔެ ހަވީރު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ގޮސްފައެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު ރޭ އެ ބޭފުޅުންނާ ބައްދަލުކުރައްވައި ވިދާޅުވީ ކޮމިޝަންގެ ދެ މެންބަރަކު ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމާ ދެކޮޅަށް ވޯޓު ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދެވެން ނެތް ކަމަށާއި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމާ ދެކޮޅަށް ވޯޓު ދެއްވި ދެ މެންބަރުންނަކީ އަލީ ނަޝާތު އަދި މުހައްމަދު އާސިފު ކަމަށެވެ.
"އެބޭފުޅުން ބައްލަވަން ބޭނުންފުޅުވާ ކަންކަން ސީދާ ވިދާޅެއް ނުވޭ. އެބޭފުޅުން ހަޅޭފުޅުލައްވާފައި ވަޑައިގެންފި. ވޯޓު އެއްވަރުވީ. އެހެންވެ، ހުއްދަ ދޭން މިވަގުތަށް ފާސްނުވީ،" ފުއާދު ވިދާޅުވިއެވެ.
އީސީގެ އެ ނިންމުމާ ދެކޮޅަށް އަޑުއުފުލުމަށް ދަ ޑިމޮކްރެޓްސްގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ. އީވާ ވިދާޅުވީ އީސީއާއެކު ބޭއްވި ބައްދަލުވުންތަކުގައި، އީސީގެ ބޭފުޅުން ވަނީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ފޯމު ހުށަހެޅުއްވި ގޮތް ފުރިހަމަވުން ތައުރީފު ކުރައްވާފައި ކަމަށެވެ.
"އީސީގެ އޮން ރިކޯޑް އެެނގޭތޯ ޖަލްސާތަކުގެ ޔައުމިއްޔާތަކުގަ އެބަ ވިދާޅުވޭ މިހާ ފުރިހަމަކޮށް ފޯމް ހުށަހަޅައިފައިވާ ޕާޓީއެއް ތިމަންނާމެން މަތިމަތިން ބަލާލީމާވެސް ނުފެނެއޭ މިހާ ފުރިހަމައޭ. އެހެންވީމާ އަޅުގަނޑުމެން އޮންނާނީ 3،000 ފޯމެއް ނޫން، އިތުރު 500 ފޯމާއެކު އަޅުގަނޑުމެން އޮންނާނީ އިލެކްޝަންސް ކޮމިޝަނަށް ލައިފަ. އެހެންވީމާ އަޅުގަނޑުމެން ޕާޓީ ރަޖިސްޓްރީ ނުކޮށް އެންމެ ދުވަހަކު ހިފަހައްޓާލެވިދާނެ، އެކަމަކު މި ޕާޓީ ޖެހޭނީ ރަޖިސްޓާ ކުރަން. އިރާދަކުރެއްވިއްޔާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގަ އޮންނާނެ، ތިބޭފުޅުން އަތްޕުޅަށް އަރާ ވޯޓު ކަރުދާސްކޮޅުގަ އަޅުގަނޑުމެންގެ ޕާޓީގެ ކެންޑިޑޭޓުގެ ނަންފުޅުވެސް އޮންނާނެ." އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ދަ ޑިމޮކްރެޓްސް ކެންޑިޑޭޓާއެކު ކުރިއަށް ގޮސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިންތިހާބުން ބަލިކުރާނެ ކަމަށެވެ. އީވާ ވިދާޅުވީ ރައީސް ސޯލިހު މިހާރުވެސް ހުންނެވީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންފައި ކަމަށެވެ.
2018 ވަނަ އަހަރު އިންތިހާބަށް ދިޔައިރުވެސް އެއިރުގައި އީސީގައި ތިބި މެންބަރުންނަށް ހީފުޅުވީ ވޯޓު އޮޅުވާލެވޭނެ ކަމަށާއި ނަމަވެސް ވޯޓު ކަރުދާސްކޮޅު ރައްޔިތުންގެ މައްޗަށް އެރުމުން، ރައްޔިތުން ވަނީ އިންތިހާބުގެ ނަތީޖާ ދައްކާފައިކަމަށް އީވާ ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމާ ދެކޮޅަށް ރޭ ވޯޓުން ދިން އީސީގެ ދެ މެންބަރުންނަށް ދަ ޑިމޮކްރެޓްސް "ގޮއްވާލެވޭނެކަމަށް" ހިފަހައްޓާލައިގެން ތިބެވިދާނެކަމަށް ހީފުޅުކުރެވިދާނެ ކަމަށެވެ. އީވާ ވިދާޅުވީ އީސީ އެ ދެ މެންބަރުންނަށް "އެ ފާޑަށް ފުއްޕޭނީ" ވަރަށް ކުޑަ ދުވަސްކޮޅަކަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު