ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އޭއައި ހުނަރުތައް ތަރައްގީކުރުމަށް އިސްކަންދީގެން ހިންގާ "ގާލްސް ޓު ކޯޑު" ޕްރޮގްރާމް ބ. އޭދަފުއްޓަށް މިއަދު ތައާރަފުކޮށްފިއެވެ.

މި ޕްރޮގްރާމަކީ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމުގެ މަގުސަދުގައި 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ. މީގެ ކުރިން ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ލ. އަތޮޅު، ހއ. ދިއްދޫ އަދި މާލެ ސިޓީގައި މި ޕްރޮގްރާމް ހިންގާފައިވާ އިރު، 100 އަށްވުރެ ގިނަ ޒުވާން އަންހެން ކުދިން ވަނީ މި ތަމްރީނުތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.

މިއަހަރު އޭދަފުށީގައި ބޭއްވި އިވެންޓާއެކު ޕްރޮގްރާމް ފެށިގެންދިޔައީ ބ. އޭދަފުށީގައެވެ.

އޭދަފުށީގައި ކުރިއަށްދާ މިއަހަރުގެ އެޑިޝަނުގައި، އޭއައި ހުނަރުތަކަށް އިތުރު ހާއްސަކަމެއްދީ ޕްރޮގްރާމުގެ މުގައްރަރަށް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. ހަތް ހަފުތާގެ މުއްދަތަށް "ހައިބްރިޑް" މޮޑެލްއަށް ކުރިއަށްދާ މި ޕްރޮގްރާމުގައި އަމަލީ ކުލާސްތަކާއި، ވާޗުއަލް ސެޝަންތަކުގެ އިތުރުން މެންޓާޝިޕް ސެޝަންތައް ހިމެނެއެވެ.

ދިރާގުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 15 އަހަރާއި 35 އަހަރާ ދެމެދުގެ، ކޯޑިންގެ ތަޖުރިބާއެއް ނެތް އަންހެންކުދިންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމް ނިމޭއިރު، ބައިވެރިންނަށް އަމިއްލައަށް ވެބްސައިޓާއި ޑިޖިޓަލް ޕްރޮޖެކްޓްތައް ތައްޔާރުކުރަން ދަސްވެގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން، ޓެކްނޮލޮޖީ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ތައުލީމީ އަދި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ވެސް ބައިވެރިންނަށް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

އޭދަފުށީގައި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ސީނިއާ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ، މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ހަލުވިކަމާއެކު ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި ކުރިއަށްދިއުމަށް ބޭނުންވާ ހުނަރާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުން ކަމަށެވެ. އަދި މިއަހަރުގެ ޕްރޮގްރާމްގައި އޭއައި އަށް ހާއްސަ ސަމާލުކަމެއް ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ނައިބު ރައީސް މިހްނާ ޒާހިރު ވިދާޅުވީ، މި ޕްރޮގްރާމްގެ ސަބަބުން އިތުރު ޒުވާން އަންހެނުން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވެ، ކޯޑިން އަދި އޭއައިގެ ހުނަރުތައް ވަރުގަދަކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މިއީ ޑިޖިޓަލް ދާއިރާގައި އަމިއްލަ ފައިމައްޗަށް ތެދުވެ، އާ އުފެއްދުންތައް ބިނާކުރާނެ ބަޔަކަށް ވުމުގެ އިތުބާރު ލިބިގެންދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ މުހިންމު ބައެއްގެ ގޮތުގައި "ޓެކް އެންޑް ބިޔޯންޑް" ގެ ހާއްސަ ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތަކުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ އިސްވެރިންނާއި ފަންނީ މާހިރުން ވަނީ މި ދާއިރާގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވައިފައެވެ.

ފަންނީ ތަމްރީނުތަކުގެ އިތުރުން، "ގާލްސް ޓު ކޯޑު" އަކީ ޑިޖިޓަލް އަހުލުވެރިކަން އިތުރުކުރުމަށާއި، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަކާލާތުކުރާ ޕްރޮގްރާމެކެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށް ދިރާގުން ފާހަގަކުރެއެވެ.