ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ އެންމެހައި ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ ބޭނުމުގައި "ދިވެހީންގެ ރިސޯޓް ހިއްސާ ކޯޕަރޭސަން" ގެ ނަމުގައި ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.

މި ކުންފުނި އުފެއްދެވީ ކުންފުނީގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ.

ރައީސް އޮފީހުން ބުނީ މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކާއި ގުދުރަތީ ވަސީލަތްތަކުގެ އަގު މަތިކޮށް، ދައުލަތަށާއި އަންނަންއޮތް ޖީލުތަކަށް އެއިން އެންމެ އެދެވޭ ދިގުމުއްދަތުގެ މަންފާ ލިބިދެވޭނެ ފަދަ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުން ކަމަށެވެ.

މީގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން ބައިނަލްއަގުވާމީ ފެންވަރުގެ ރިސޯޓުތައް ތަރައްގީކޮށް، ދިވެހި ރައްޔިތުންނަށް ވަޒީފާއާއި ފަންނީ ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދީ، ގައުމީ އިގުތިސާދަށް ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށްވެސް މި ކުންފުނިން މަސައްކަތް ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ކޮންމެ ރައްޔިތަކީ މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއް ކަމުގައި ގާނޫނަކުން ކަނޑައަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.