ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި ބުލީ ކުރުމާ ދެކޮޅު ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މި ދައުރުގައި، ފާސްކުރަން ބައިވަރު ބިލްތައް އެބަހުރި ކަމަށާއި އެތައް ބިލެއް މަޖިލީހަށް ހުށަހަޅަން އެބަހުރި ކަމަށެވެ.

"ކުރިއަށް އޮތް ހަފުތާއެއް ދެ ހަފުތާއެއްގެ ތެރޭގައި އިތުރު ބިލްތައް މަޖިލީހަށް ދާނެ. މިސާލަކަށް އެންޓި ބުލީން ބިލް، ގަނާކުރުން ހުއްޓުވުމުގެ ބިލް މަޖިލީހަށް ދާނެ ވަރަށް އަވަހަށް. ދެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ކުރިއަށްދާނެ. ދެން ދީނީ އެއްބައިވަންތަކަމުގެ ގާނޫނަށް އިސްލާހެއް ގެނައުމަށް އަޅުގަނޑުމެން ގަސްތުކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ދައުރުގެ ތެރޭގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވެސް ހުށަހަޅުއްވާނެ ކަމަށެވެ،

މީގެ އިތުރުން ބަޖެޓު ފާސްވެގެންދާ އިރު ބަޖެޓުގައިވާ ކަންކަން ތަންފީޒު ކުރުމަށް ބައެއް ގާނޫނުތަަކަށް އިސްލާހު ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ މުހިންމު ހަތަރު ބިލެއް ސަރުކާރުގެ ފަރާތުން ހުށަހަޅައިފައެވެ. އެއީ މަރުގެ ހުކުމް ތަންފީޒުކުރުމުގެ ބިލަކާއި ރިއަލް އެސްޓޭޓާ ގުޅޭ ބިލަކާއި އިމިގްރޭޝަން ބިލަކާއި އަބުރުގެ ބިލެވެ.