އިދިކޮޅު އެންމެ ބޮޑު ކޯލިޝަން ޕީޕީއެމް/ޕީއެންސީ ކޯލިޝަން އަދި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަކީ ރާއްޖޭގެ ރައްޔިތުންގެ ކަޅި ހުއްޓިފައިވާ ޝަރީއަތަކެވެ. އެ ޝަރީއަތުގައި ޔާމީން ދައްކަވާ ވާހަކަތަކާއި އެ މަނިކުފާނު ލީޑަރުކަން ކުރައްވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕުން އަމަލުކުރާ ގޮތްވެސް ހުރިހާ ރައްޔިތުން ގާތުން ބަލައެވެ. މިއަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ދެކޮޅަށް ނުކުންނަވާން ހުންނެވި އެންމެ ވާދަވެރި ކެންޑިޑޭޓަކީ ޔާމީންއެވެ.
އެއީ ޔާމީންގެ ޝަރީއަތައް ރައްޔިތުންގެ ނަޒަރު ހުއްޓޭ އެއް ސަބަބެވެ. ދެވަނަ ސަބަބަކީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޔާމީނަށް ލިބިވަޑައިގެންފައިވާ ހަނި ފުރުސަތަކީ ވެސް އެ ޝަރީއަތް ކަމަށްވާތީ އެވެ.
ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވައިގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި 11 އަހަރަށް ޔާމީން ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ. އެ ހުކުމުގެ އިސްތިއުނާފު މަރުހަލާ ނުފެށި ލަސްވުމުގެ ކަންބޮޑުވުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑާޝިފުން އަދި ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ފާޅުކޮށްފައެވެ. އެ ބޭފުޅުން ދެކެވަޑައިގަންވާ ގޮތުގައި ހައި ކޯޓުގައި ޔާމީންގެ އިސްތިއުނާފީ މައްސަލަ ނުފެށި ލަސްވަނީ ސަރުކާރުން ނުފޫޒު ފޯރުވާތީއެވެ. އެއީ ރައީސް ސޯލިހު، ޔާމީން ދެކެ "ބިރު" ގަންނާތީކަމަށް އެ ބޭފުޅުން ތަކުރާރުކޮށް ވިދާޅުވެއެވެ.
އެ ހުކުމުގެ އިސްތިއުނާފީ މަރުހަލާގެ އިބްތިދާއީ އަޑުއެހުންތައް މިހާރު ވަނީ ފަށައިފައެވެ. އިބްތިދާއީ މަރުހަލާ ފެށުމުން ޕީޕީއެމް/ޕީއެންސީ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ސިފަކުރީ އަޑުއެހުން ނުބާއްވައި ލަސްވުމުންނެވެ. ހައިކޯޓުން މިހާރު ވަނީ ޔާމީންގެ ތިން ޝަރީއަތެއް މިދިޔަ ހަފުތާގައި ބާއްވައިފައެވެ.
ޔާމީންގެ އިސްތިއުނާފީ އަޑުއެހުންތައް އެހާ ދިގުކޮށް އެހާ އަވަސްއަވަހަށް ބާއްވާތީ ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކިއިރު ލީޑާޝިޕުން ވަނީ އެ ކަންބޮޑުވުން ހިފައިގެން ހިޔުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)، ރައީސް އޮފީސް އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށްވެސް ގޮސްފައެވެ. ތިން އޮފީހުންވެސް އެ ބޭފުޅުންނަށް އެދެވޭ ކާމިޔާބީއެއް ލިބިވަޑައިގެންފައިވާ ނުވާކަމަށް ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމް ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޔާމީން އާލާސްކަންފުޅެއްގައި ހުންނަވަނިކޮށް އެ މަނިކުފާނުގެ ޝަރީއަތް 13 ގަޑިއިރަށް ބޭއްވުން ބަލައިނުގަނެވޭނެ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ އެ މަނިކުފާނަކީ ބުރަކަށިފުޅުގެ އާލާސްކަންފުޅެއްވެސް ހުންނަ ބޭފުޅެއް. އެކަމަކު އެކަމަށްވެސް ބެލުމެއް ނެތި މިކަން ކުރިއަށް މިގެންދަނީ،" ޝިޔާމް ވިދާޅުވިއެވެ.
ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ޔާމީންގެ ޝަރީއަތް 13 ގަޑިއިރަށް ބޭއްވުމަކީ އެއްވެސް ގޮތަކަށް ކުރެވޭނެކަމެއް ނޫން ކަމަށެވެ. އަދި އެހާ ދިގުކޮށް ޝަރީއަތް ބޭއްވި މައްސަލަ މިހާރު އދ. އަށްވެސް ހުށަހަޅައިފައިވާ ކަމަށް ވިދާޅުވިއެވެ.
ދެ ބޭފުޅުންވެސް އިއްތިފާގުވެވަޑައިގަންނަވަނީ ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދަނީ އެ މަނިކުފާނުގެ އިންސާނީ ހައްގުތަކާ ހިލާފަށް ކަމަށެވެ. މާ އަވަސްއަރުވާލައިގެން ކަމަށެވެ.
އެކަމަކު ޔާމީން ޝަރީއަތުގައި ދައްކަވާ ވާހަކަފުޅުތަކަށް ބަލާއިރު ޝަރީއަތް ދިގުވުމަކީ އެ މަނިކުފާނު ކަންބޮޑުވާކަމެއްކަމަށް ނުބެލެވެއެވެ. އެ މަނިކުފާނު ބޭނުންފުޅުވަނީ ޝަރީއަތްތައް އަވަސް އަވަހަށް ތާވަލުކޮށް، ދިގުކޮށް ބާއްވައި މައްސަލަ ވީހާވެސް އަވަހަށް ނިންމާލުމަށެވެ.
"އަޅުގަނޑު ހަމަ އިލްތިމާސެއް ދަންނަވާލަން، މިއީ އިސްތިއުނާފީ މައްސަލައަކަށް ވާތީއާއެކީ، އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް، ތަންކޮޅެއް ވަގުތު ދިގުކޮށް އަވަސް އަވަހަށް ގެންގޮސް ދެއްވައިފިއްޔާ އަޅުގަނޑު ހަމަ ވަރަށް ޝުކުރެވިވާނަން. އެއީ ކްރިމިނަލް ކޯޓުގައި އެބަދޭ ހަމަ ވަރަށް އަވަސް އަވަހަށް، ހަމަ ވަރަށް ދިގުކޮށް. އެހެންވީމަ މިއީ އިސްތިއުނާފު މައްސަލައަކަށްވާތީ އަޅުގަނޑު ހަމަ ނިހާޔަތަށް އެދެން މި މައްސަލަ ތަންކޮޅެއް ފްރީކުއެންޓްކޮށް ވަގުތު ދިގުލައިގެންދާގޮތަށް ކުރިއަށް ގެންދެވުން،" ޔާމީން ވިދާޅުވިއެވެ.
ކުރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައިގެ ގޮތުގައި ޔާމީން ފާހަގަކުރެއްވީ، މ.ފުއްގިރީގެ މައްސަލައަށެވެ.
ގއ. ވޮޑަމުއްލާ މައްސަލައިގައި ޔާމީނަށް ކުރި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ އިސްތިއުނާ އަޑުއެހުންތަކުގައި ވެސް ޔާމީން ވިދާޅުވެފައިވަނީ އެ މަނިކުފާނު ބޭނުންވަނީ ގިނައިރުވިޔަސް އަވަހަށް މައްސަލަ ނިންމާލަން ކަމަށެވެ.
އެހެންކަމުން ލީޑާޝިޕުގެ ކަންބޮޑުވުމަކީ ޖާއިޒު ކަންބޮޑުވުމެއްކަމަށް ނުބެލެވެއެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޔާމީންގެ ޝަރީއަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ކޯލިޝަނުން އަމަލުކުރަނީ ސީދާ ޔާމީން އަންގަވާ ގޮތެއްގެ މަތިން ކަމަށެވެ.
އެހެންކަމަށް ވާނަމަ އަޑުއެހުން ދިގުކޮށް ބޭއްވުމަކީ ޔާމީނަށް މައްސަލައަކަށް ނުވާއިރު ލީޑާޝީޕަށް އެއީ ބޮޑު ކަންބޮޑުވުމަކަށް ވަނީ ކީއްވެހެއްޔެވެ؟ ޝަރީއަތް އަވަސްކޮށް ދިގުކޮށް ބާއްވައިގެން ވިޔަސް މައްސަލަ އަވަހަށް ނިންމާލަން ޔާމީން ބޭނުންފުޅުވާއިރު، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް އެގޮތް ކަމުނުދަނީ ކީއްވެހެއްޔެވެ؟ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭނުންވަނީ ޔާމީންގެ ޝަރީއަތްތައް ދިގުދަންމާލައި ޔާމީން ނޫން ގޮތެއް އުފަންކޮށް ދިރުވަންތޯއެވެ؟
އިންތިހާބަކަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކެއް ގާނޫނުއަސާސީގައި، ނުވަތަ ގާނޫނެއްގައި، ނުވަތަ ގަވާއިދެއްގައި ކަނޑައަޅައިފައިވާނަމަ، އެ އިންތިހާބަކަށް ކުރިމަތިލާ ކޮންމެ މީހެއްގެ ކިބައިގައި އެ ޝަރުތުތައް ފުރިހަމަވާން ޖެހެއެވެ. ޖިނާއީ މައްސަލައެއްގައި އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދާތީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ގާނޫނު އަސާސީގައި އޮންނަ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ޔާމީންގެ ކިބައިން، ކުރިމިނަލް ކޯޓުގެ ހުކުމާއެކު ވަނީ އުނިވެފައެވެ.
ހައިކޯޓުން ޔާމީންގެ މައްސަލަ އަވަސްކޮށް އަދި ދިގުކޮށް ކުރިޔަށް ގެންދިއުމަކީ އެ މަނިކުފާނަށް އިންތިހާބުގައި ވާދަކުރުމަށް އޮތް ހަނި ފުރުސަތު ފުޅާވެދާނެކަމެކެވެ. އެކަން އެހެން އޮއްވައި އަޑުއެހުންތައް ދިގުވާތީ ލީޑާޝިޕުން ކަންބޮޑުވުން ފާޅުކުރުމުން ލީޑާޝިޕުގެ ނިޔާތާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. އަދި އަމުދުން، ޝަރީއަތްތައް ދިގުކޮށް، އަވަހަށް ބޭއްވުމާ ދެކޮޅަށް އެބޭފުޅުން ހިއުމަން ރައިޓްސް ފަދަ ތަންތަނަށްވެސް ވަޑައިގެން، މީޑިއާގައި ވެސް އަޑުއުފުއްލަވަމުން ގެންދަވަނިކޮށް، ރައީސް ޔާމީން ޝަރީއަތުގެ މަޖިލީހުގައި ސީދާ އެއާއި ދެކޮޅަށް ބޭނުންފުޅުވުމުން އިތުރު ސުވާލުތަކެއް އުފެދެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް