ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްއާ ނުލައި އެމްޑީޕީއަށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ގާސިމްގެ އެޑްވައިޒަރު އަދި މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން ސަލްޓަން ޕާކުގައި މިރޭ ބޭއްވި ގާސިމްގެ ކެމްޕޭން ހަރަކާތް ޖަލްސާގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ގާސިމް އަދި ސަރުކާރާ އިދިކޮޅު ހުރިހާ ޕާޓީތަކުން ވެސް ވާދަކުރަނީ އެމްޑީޕީއާ ދެކޮޅަށް ކަމަށެވެ.
އެމްޑީޕީއަށް ލިބުނު ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ހުންނެވީ ގާސިމް ކަމަށާއި އެއީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށްވިޔަސް، ސިޔާސީ ހަރަކާތް ހިންގުމުގައި ކަމަށްވިޔަސް އަދި އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހައްލުކުރުމުގައި ވިޔަސް، މުގުލުގައި ހުންނެވީ ގާސިމް ކަމަށް އަމީން ވިދާޅުވިއެވެ.
"އޮނަރަބަލް ގާސިމް އިބްރާހީމް ނެތި އެމްޑީޕީއަށް ކާމިޔާބު ކުރުމަކީ ފަސޭހަކަމަކަށް ނުވާނެ. އެހެންވީމާ އެމްޑީޕީއަށް އޮތް އުއްމީދު އަޅުގަނޑު ދަންނަވާނީ މިފަހަރު ކުރީ ފަހަރުހާއެއް ނޫނޭ. އޮނަރަބަލް ގާސިމް އިބްރާހީމް ހުންނަވާ ފަޅިއަކީ އަބަދުވެސް އިންތިހާބު ކާމިޔާބު ކުރައްވާ ފަޅި،" އަމީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިފަހަރު ގާސިމް އެ ހުންނެވީ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެން ކަމަށާއި ސިޔާސީ މަސްރަހު ތަރުތީބުވެގެންދާ ގޮތުގެ ނަތީޖާއަށް ވާނީ ގާސިމް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުން ކަމަށެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވާ އިރު، ސިޔާސީ ޕާޓީތަކުން ބައެއް ކަންކަން ތަރުތީބުކުރަން ޖެހޭ ކަމަށާއި ކުރިއަށްއޮތް ފަސް އަހަރަކީ ކާމިޔާބު ފަސް އަހަރަކަށް ހެދުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން އިތުރަށް ވިދާޅުވީ އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރެވޭނެ ފޯމިއުލާއެއް ހޯދަން ޖެހޭ ކަމަށާއި ޖުމްހޫރީ ޕާޓީން އެ ފޯމިއުލާ ހޯދާނެ ކަމަށެވެ. އަދި ފާއިތުވި ތިން ރިޔާސީ އިންތިހާބުވެސް ޕާޓީތަކަށް ކާމިޔާބުކުރެވުނީ ގާސިމްގެ ފޯމިއުލާއިން ކަމަށް ވެސް ވިދާޅުވިއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ޚަބަރު
ޚަބަރު
ޚަބަރު