މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓު، އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން މެނޭޖަރަކަށް ކެޕްޓަން މުހައްމަދު އަމީން އަދި ޑެޕިއުޓީ ކެމްޕޭން މެނޭޖަރަކަށް އަބްދުﷲ ނާޒިމް އިބްރާހީމް ހަމަޖައްސައިފިއެވެ.
ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޕީޕީއެމް/ޕީއެންސީ ހިންގުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ.
ނާޒިމަކީ ޔާމީންގެ ވެރިކަމުގެ ދައުރުގައި ހެލްތު މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އަދި އަމީނަކީ މޯލްޑިވިއަންގެ ފުލައިޓް އޮޕަރޭޝަންގެ ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.
ޔާމީން މިހާރު ގެންދަވަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. ކުރިމިނަލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އެ މަނިކުފާނުގެ ފަރާތުން ވަނީ އިސްތިއުނާފުކޮށްފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ނަން ހުށަހެޅުމުގެ ފުރުސަތު އޮގަސްޓް މަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި އޮކްޓޯބަރު މަހު އިންތިހާބު ބާއްވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އޮގަސްޓް މަހުގެ ކުރިން ޔާމީންގެ އިސްތިއުނާފީ މައްސަލަ ހައި ކޯޓުން ނުނިމޭނެކަން ގިނަ ވަކީލުން ވަނީ ފާހަގަކުރައްވައިފައެވެ. އެހެންކަމުން ޔާމީނަށް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު