Close
ކަރިމް ބެންޒެމާ

ސައުދީގެ ބޮޑު ހުށަހެޅުމަކާއެކު ބެންޒެމާ ދެ ވިސްނުމެއްގައި!

ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރިމް ބެންޒެމާ ގެންދަން ސައުދީ އަރަބިއާގެ އަލް އިއްތިހާދުން ތަފާތު ބޮޑު ބިޑެއް ހުށަހަޅައިފިއެވެ.

އުމުރުން 35 އަހަރުގެ ބެންޒެމާ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން މި އަހަރު ޖޫން މަހުގެ ނިޔަލަށް ހަމަވާން އޮތް އިރު، ރެއާލްއިން ވަނީ އިތުރު އެއް އަހަރު ބެންޒެމާގެ އެއްބަސްވުން އާކުރަން ހުށަހަޅައިފައެވެ. ބެންޒެމާއަށް ގޮތެއް ނިންމަން މަދު ދުވަސްކޮޅެއް ދެން އޮތް އިރު، ސައުދީ ބިޑަކީ އޭނާގެ ޓީމަށްވެސް ގޮތް ނިންމަން އުނދަގޫވި ބިޑެއް ކަމަށް ނޫސްތައް ބުނެއެވެ.

ގާތްގަނޑަކަށް ސީޒަނަކަށް 100 މިލިއަން ޕައުންޑަށްވުރެ ބޮޑު އާމްދަނީއެއް ޖެހޭ ސައުދީ ބިޑު، ބެންޒެމާއަށް ހުށަހަޅާފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެހެންކަމުން ސައުދީގެ އެއްބަސްވުން ގަބޫލުކޮށްފިނަމަ، ބެންޒެމާއަށް ދެ ސީޒަނުން 200 މިލިއަން ޕައުންޑަށްވުރެ ބޮޑު އާމްދަނީއެއް ޖެހޭނެއެވެ.

މިދިޔަ އަހަރުގެ ބެލޮންޑިއޯ ހޯދި ފްރާންސްގެ ތަރި ބެންޒެމާ، 2009 ވަނަ އަހަރު ރެއާލްއާ ގުޅުނީ ލިޔޯންއިންނެވެ. އޭގެ ފަހުން ރެއާލް ޖާޒީގައި 438 މެޗު ބެންޒެމާ ކުޅެފައިވާ އިރު، އޭނާ ވަނީ ޖުމުލަ 237 ގޯލު ރެއާލްއަށް ޖަހައިދީފައެވެ.

ރެއާލްއާއެކު ބެންޒެމާ ހަތަރު ފަހަރަށް ލީގު ކާމިޔާބުކޮށް، ފަސް ފަހަރަށް ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައިވާ އިރު، އޭނާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.