ކިލިއަން އެމްބާޕޭއަށް ރެއާލް މެޑްރިޑްގެ ވާތް ފަޅިން ކުރިއަށް ކުޅެން ފުރުސަތެއް ނުލިބޭނެ ކަމަށާއި، ކުރިއަށް ދާން އެންމެ ފަސޭހަވާނެ ގޮތަކީ ސެންޓަ ފޯވަޑަކަށް ބަދަލުވެގެން ކަމަށް ރެއާލަށް ކުރިން ކުޅުނު ފޯވަޑް ކަރިމް ބެންޒެމާ ބުނެފިއެވެ.
ފްރާންސްގެ ސުޕަ ސްޓާރު އެމްބާޕޭ، 25، ރެއާލާ ގުޅިފައި ވަނީ މި ސީޒަނަށެވެ. އެއީ ކުރިން ކުޅެމުންދިޔަ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ހިލޭ ޓްރާންސްފާއެއްގައެވެ. އެމްބާޕޭ މީގެ ދެ ސީޒަނެއް ކުރިންވެސް ރެއާލާ ގުޅެން މަސައްކަތް ކުރި ނަމަވެސް، ޕީއެސްޖީން ވަނީ އޭނާ ހިފަހައްޓައިފައެވެ.
އެމްބާޕޭ ރެއާލާ ގުޅި މިހާތަނަށް ކުޅުނު މެޗުތަކުގައި އޭނާގެ ފެންވަރުން އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ. ޕީއެސްޖީއަށް ކުޅުނު 308 މެޗުން ކްލަބު ރެކޯޑު 256 ގޯލު އެމްބާޕޭ ޖަހާފައިވާ އިރު، މިހާތަނަށް ރެއާލަށް ކުޅުނު 10 މެޗުގައި އޭނާއަށް ޖެހުނީ ހަ ގޯލެވެ.
އެމްބާޕޭއަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ރެއާލުން ބާސާ ކައިރިން ބަލިވި މެޗުގައި އޭނާގެ ފަރާތުން މާ ބޮޑު ތަފާތެއް ނުފެނުމުންނެވެ.
"އަހަންނަށް ފެންނަ ގޮތުގައި އެމްބާޕޭއަށް ދިމާވެގެން އުޅޭ މައްސަލައަކީ، އޭނާއަކީ ރަސްމީ ސެންޓަ ފޯވާޑަކަށް ނުވުން. ގައުމީ ޓީމުގައިވެސް ނަންބަރު 9 ގެ މަގާމަށް ކުޅޭއިރު އެމްބާޕޭއަށް އުނދަގޫތަކާ ދިމާވާނެ. އެއީ އޭނާގެ އަސްލު މަގާމަށް ނުވާތީ. އެމްބާޕޭއަކީ އަސްލު ފޯވާޑެއް ނޫން ނަމަވެސް، އެންމެން ޑިމާންޑް ކުރަނީ އެ މަގާމުގައިވެސް ރަނގަޅަށް ކުޅެން. އެހެނެއް ނުވާނެ ހުރިހާ މެޗަކު،" ފްރާންސް ގައުމީ ޓީމަށްވެސް ކުރިން ކުޅުނު ބެންޒެމާ ބުންޏެވެ.
ބެންޒެމާ ބުނީ އެމްބާޕޭއަށް އޮތް ގޮތަކީ އަމިއްލައަށް އެޖެސްޓް ވުން ކަމަށާއި، އެމްބާޕޭގެ އަސްލު މަގާމު ކަމަށްވާ ވާތް ފަޅިން ކުރިއަށް ކުޅެން ރެއާލްގައި ހުރީ އޭނާއާ އެއް ފެންވަރެއްގެ ވިނީޝިއަސް ޖޫނިއާ ކަމަށެވެ. އޭގެ އިތުރުން ވިނީޝިއަސް އަރިމަތިން ކުޅޭ ކުޅުން ތަފާތު މޮޅު ކަމަށާއި، އެ މަގާމު އެމްބާޕޭއަށް ނުލިބޭނެ ކަމަށް ބެންޒެމާ ބުންޏެވެ.
ބެންޒެމާ އިތުރަށް ބުނީ ޕީއެސްޖީގައި އެހެން މަގާމު ބަދަލުކޮށްގެން ކުޅެމުން ދިޔަ ނަމަވެސް، އެކަން ރެއާލްގައި ނުކުރެވޭނެ ކަމަށާއި، ރެއާލްގައި ގޯލެއް ނުޖެހި ދެތިން މެޗެއް ދާ ހިސާބުން ޕްރެޝަރު ބޮޑުވާނެ ކަމަށެވެ.
ބެންޒެމާއަކީ ރެއާލްގެ ތާރީހުގައި ދެވަނައަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. 2022 ވަނަ އަހަރު ބެލޮންޑިއޯ ހޯދި ބެންޒެމާއަށްވުރެ ގިނައިން ރެއާލަށް ގޯލު ޖަހައިދީފައިވާ ހަމައެކަނި ކުޅުންތެރިޔަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް