ސައުދީ އަރަބިއާގެ ނަން ފުޓުބޯޅައަށް ތައާރަފު ވެއްޖެއެވެ. އެގައުމުގެ މުއްސަނދިކަން ފުޓުބޯޅައިން ފެންނަން ފަށައިފިއެވެ. ކުޅިވަރުން އާމްދަނީ ހޯދުމުގެ އާ ހިޔާލުތަކެއްގެ ބޭނުން ސައުދީން ކުރަން ފަށައިފިއެވެ. 100 މިލިއަނުން ކުޅުންތެރިންނަށް އަގު ކިޔައި، ޔޫރަޕްގައި ތިބި ސުޕަސްޓާރުން އެގައުމުގެ ފުޓުބޯޅަ ލީގަށް ގެންދަންވެސް ފަށައިފިއެވެ. އެއީ ފުޓުބޯޅައަށް ދޭ ސިގްނަލެކެވެ. ސައުދީގެ ލީގަށް ތަފާތު ބަދަލުތަކެއް ގެނެސް، އެގައުމުގެ ފުޓުބޯޅައިގެ މިސްރާބު ހުރީ ފައިސާގެ ބޮޑު ލީގަކާ ދިމާލަށް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނަމުންދެއެވެ. އެކަމަށް ޝައްކެތް ނެތެވެ. ސައުދީގެ ބިޑެއް ޔޫރަޕްގެ ވަރުގަދަ ކުޅުންތެރިޔަކަށް ނުކުރާ ދުވަހެއް މިހާރު މަދެވެ. "އުފުރާލައިގެން" ގެންދަނީއެވެ.
މިދިޔަ އަހަރު ސައުދީން ކްރިސްޓިއާނޯ ރޮނާލްޑޯ އެގައުމަށް ގެންދިޔައީ ދުނިޔޭގެ ރެކޯޑު މުސާރައެއްގައެވެ. އަލް-ނަސްރުން ރޮނާލްޑޯ ގެންދިޔަ ހިސާބަކީ އެގައުމުގެ ފުޓުބޯޅަ، ދުނިޔޭގެ ޗާޓަށް އެރި ހިސާބެވެ. މިލިއަނުން މީހުން ސައުދީ ލީގު "ފޮލޯ" ކުރަން ޖެހުނު ޓްރާންސްފާއަކީވެސް އެއީއެވެ. އަލް-ނަސްރުގެ މަގުބޫލުކަން އިންތިހާއަށް ބޮޑުވެ، ދިވެހީންވެސް އެ ކްލަބުތަކުގެ މެޗުތައް ބަލަން ފެށީ އެހިސާބުންނެވެ. ވާނީވެސް އެހެންތާއެވެ. ފަސް ފަހަރަށް ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯއަކީ ފުޓުބޯޅައިގެ އެންމެ ބޮޑު ބްރޭންޑެވެ.
އޭރުވެސް ބެލެވިފައި އޮތީ ރޮނާލްޑޯގެ ޓްރާންސްފާއަކީ ފެށުން ކަމަށެވެ. އެ ހީވިހީވުން ރަނގަޅެވެ. އެއީ ފެށުމެވެ. ސައުދީގެ ދުރު ރާސްތާ ޕްލޭނަށް އެޅި ބިންގަލަކީ އެއީއެވެ. އިއްޔެރޭ އިއުލާނުކުރީ އެންމެފަހުން ބެލޮންޑިއޯ ހޯދި ކަރިމް ބެންޒެމާ އެގައުމުގެ ފުރަތަމަ ޑިވިޝަން ކްލަބު، އަލް-އިއްތިހާދާ ގުޅުނު ކަމަށެވެ. ރެއާލް މެޑްރިޑާއެކު 14 އަހަރު ހޭދަކުރުމަށްފަހު ބެންޒެމާ ސައުދީއަށް ދިޔައީ ސީޒަނަކަށް ގާތް ގަނޑަކަށް 200 މިލިއަން ޕައުންޑް ޖެހޭ ޑީލެއްގައެވެ. އެހިސާބުން ސައުދީ ހުއްޓައެއް ނުލައެވެ. ފުޓުބޯޅަ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ގެންދަންވެސް ހިފާލިއެވެ. އަލް-ހިލާލުން މެސީއަށް ބޮޑު މުސާރައެއް ކީ ނަމަވެސް، އޭނާ ރޭ ނިންމީ އެމެރިކާ ލީގަށް ދާށެވެ. އެހެން ނަމަވެސް، މެސީއަކީ އަދިވެސް ސައުދީގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ހާއްސަ އެމްބެސެޑަރެކެވެ. އޭގެ އިތުރުން އެންގޯލޯ ކާންޓޭވެސް ގެންދަން ސައުދީން ނިންމަނީ އެވެ. އެލެކްސިސް ސަންޗޭޒްއާއި ސާޖިއޯ ރާމޯސްގެ ސޮޔަށްވެސް މަސައްކަތް ކުރަނީއެވެ. ތަރިންގެ މައްޗަށް ތިބި "ސުޕަސްޓާރުން" މެދުއިރުމަތީގެ ލީގަކަށް ގެންގޮސް، ސައުދީން ކުރަން މިއުޅެނީ ކީއްކަން ސާފުވާން ވަގުތު ބޭނުންވާނެއެވެ. އެ މަންޒަރު ކުލަކުރަން ކުރިމަގަށް ނަޒަރުވެސް ހިންގަން ޖެހެއެވެ. ސައުދީން ކުޅިވަރުން ވިޔަފާރިކޮށް، އަމާޒުހިފަނީ 2030 އަށެވެ.
ސައުދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑު (ޕީއައިއެފް) ފުޓުބޯޅަ އާއިލާއަށް އެނގިގެން ދިޔައީ ދާދިފަހުން އެ ފަންޑުން ނިއުކާސަލް ޔުނައިޓެޑްގެ މެޖޯރިޓީ ހިއްސާ ގަތުމުންނެވެ. ސައުދީން ނިއުކާސަލްއަށް އިވެންސްޓްކުރަން ހިފާލުމުން އެކަމުގައި "އިންސާނީ ހައްގުތަކާ ގުޅޭ" މައްސަލަތަކެއް އުފެދުނުވެސް މެއެވެ. އެހެން ނަމަވެސް ސައުދީން އެކަން ކާމިޔާބުކޮށް ޔޫރަޕްގެ ކްލަބެއް ގަނެފިއެވެ. އެއީވެސް އިނގިރޭސި ޕްރިމިއާ ލީގުގެ ވަރުގަދަ، ތާރީހީ ނަމެކެވެ. އަންނަ ސީޒަނުގައި ނިއުކާސަލް ކުޅޭނީ ޗެމްޕިއަންސް ލީގުގައެވެ.
އެހިސާބުން ސައުދީގެ ނަން ފުޓުބޯޅައަށް ތައާރަފުވެ، އެ ގައުމުން ފުޓުބޯޅައަށް ވަނީއެވެ. ދެން އޮތީ އަމިއްލަ ގައުމުގެ ފުޓުބޯޅައެވެ. ގައުމުގެ އެންމެ ތާރީހީ ހަތަރު ކްލަބު ކަމަށްވާ އަލް-އިއްތިހާދާއި، އަލް-އަހްލީ، އަލް-ނަސްރުގެ އިތުރުން އަލް-ހިލާލަކީވެސް މީގެ ކުރިން "ސްޓޭޓް އޯންޑް" ކްލަބުތައް ނަމަވެސް، އެ ކްލަބުތައް ކުންފުނިތަކަށް ހަދައި ޕްރައިވެޓައިޒް ކުރަން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން އަލް-އަހްލީއަކީ ދެވަނަ ޑިވިޝަނުގެ ނަމެއް ނަމަވެސް، އަނެއް ތިން ކްލަބަކީ ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކެވެ. އެގައުމުގެ ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ކްލަބުތައް ޕްރައިވެޓައިޒްކޮށް، ފުޓުބޯޅައިގެ އިންގިލާބީ ބަދަލަކަށް ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ.
ކްލަބުތައް ޕްރައިވެޓައިޒްކުރުމުގެ ބަދަލު ސައުދީން ގެނެސްފައިވާ އިރު، މިހާރު ކުރިން ފާހަގަކުރި ހަތަރު ކްލަބުގެ 75 ޕަސެންޓް ހިއްސާ އޮންނާނީ ޕީއައިއެފް އަތުގައެވެ. އަނެއް 25 ޕަސެންޓް ހިއްސާ އޮންނާނީ ކްލަބުގެ އެންޖީއޯއެއް އަތުގައެވެ. ސައުދީގެ ސްޓޭޓް ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޕްރައިވެޓައިސޭޝަން ޕްލޭނަކީ ސީދާ ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާނުގެ ނިންމެވުމެކެވެ. އޭނާގެ ވިސްނުމުގައި ހުރީ ކްލަބުތަކަށް އިންވެސްޓަރުން ހޯދޭނެ މަގުތައް ހޯދައިދީ ސައުދީ ކްލަބުތަކުގެ ކޮންޓްރޯލްވެސް އަމިއްލަ ކުންފުނިތަކަށް ދިނުމަށެވެ.
ސައުދީގެ ކްލަބުތަކަށް އިންވެސްޓަރުން ހޯދުން އެ ހަތަރު ކްލަބާ ހަމައިން ނިމުނީކީ ނޫނެވެ. ސްޕޯޓްސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ދެވަނަ ޑިވިޝަނުގެ އަލް-ސުގޫރުވެސް ކުންފުންޏަކަށް ބަދަލުކޮށް، ނެއޯމްގެ ކްލަބަކަށް ވެގެން ގޮސްފައިވާ ކަމަށެވެ. ނެއޯމްއަކީ ސައުދީގެ ހަނަފަސް ސަހަރާގައި އިންގިލާބީ، ޒަމާނީ "ލައިން" ސިޓީ ޕްރޮޖެކްޓްގެ ފަހަތުގައިވާ ކުންފުންޏެވެ. އަދި އޭގެ އިތުރުން މިހާރު ބަދަލުވާ ބަދަލުވުމާއެކު ސައުދީގެ އެންމެ ވަރުގަދަ އެއް ތެޔޮ ކުންފުނި، އަރަމްކޯއަށް ފުރަތަމަ ޑިވިޝަނުގެ އަލް-ގާދްސިއާވެސް ވަނީ ވިއްކާލައިފައެވެ.
ހަމައެއާއެކު، ތިންވަނަ ޑިވިޝަނުގެ އަލޫލާ އެފްސީ މިހާރު ކޮންޓްރޯލް ކުރަނީ ރޯޔަލް ކޮމިޝަނުންނެވެ. ފުރަތަމަ ޑިވިޝަނުގެ އަލް-ދިރައިއާ އެފްސީއަކީ މިހާރުވެސް ދިރިއާ ގޭޓް ޑެވަލޮޕްމަންޓް އޮތޯރިޓީގެ ކްލަބެކެވެ.
ސައުދީން ކުރަމުން އަންނަ މަސައްކަތް ސާފެވެ. ކްލަބުތަކަށް އިންވެސްޓަރުން ހޯދަނީއެވެ. އެ އިންވެސްޓަރުންގެ އިންވެސްޓްމެންޓްތައް ބޮޑު ކުރުމަށް ސަރުކާރުން އެހީވަނީ ޕީއައިއެފްއިންވެސް ބޮޑެތި އިންވެސްޓްމަންޓްތައް ކޮށް، ކްލަބުތަކުގެ އަގު އަރުވާލައިގެންނެވެ. ސައުދީން އާންމުކޮށް ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ ކުރިން، ޕީއައިއެފްއިން އެ ކުންފުންޏެއް ގަނެ، އިންވެސްޓްތައް ކުރެއެވެ. ޕީއައިއެފްއިން ބައެއް ކުންފުނިތަކުގެ ބައިކުޅަބައި ހިއްސާ ގަނެގެންވެސް ކުންފުނިތަކުގެ އަގު އަރުވަން ސައުދީން ފަންޑު ކޮށްފައިވެއެވެ. އެހެންކަމުން މަސައްކަތަކީ ލީގުގެ އަގު މަތިކުރުމުގެ މަސައްކަތެވެ.
ކުޅިވަރަކީ 2030 އަށް ސައުދީން ކަނޑައަޅާފައި ތަސައްވަރުގެ ބޮޑު ބައެކެވެ. ހާއްސަކޮށް އިގުތިސާދީ ބަދަލަކަށް ސައުދީން ވަމުން އަންނަ ތައްޔާރީގައި ބޮޑުކޮށް ކުޅިވަރު ހިމެނެއެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ގޮލްފް މުބާރާތް ބާއްވާ، ފޯމިއުލާ ވަން ފަދަ މަގުބޫލު ކުޅިވަރު އިވެންޓްތައް އެގައުމުގައި ބާއްވަމުން ދިޔުމަކީ އެކަމުގެ ކޮޅުމައްޗެވެ. މުޅިން އާ މާހައުލަކުން ސައުދީގެ އިގުތިސާދަށް ހެޔޮ ބަދަލެއް ގެންނަން ސަރުކާރުން ފަށާފައިވާ މަޝްރޫއުގައި ފުޓުބޯޅަ ލީގު ހިމެނެއެވެ. އެ ފުޓުބޯޅަ ލީގުގެ އަގު މަތިކޮށް، ވަޒީފާގެ ފުރުސަތުތައް ލީގުން ފޯރުކޮށްދިނުން އެއީ ސައުދީގެ އަމާޒެވެ. އެއީ ޔޫރަޕްގެ ފުޓުބޯޅަވެސް ހިނގާ މަގެވެ. ސައުދީގެ ތަފާތަކީ ޔޫރަޕްގެ އޮންނަ ފައިސާގެ އުސޫލުތައް އެގައުމަށް ނުހިނގުމެވެ. ބޮޑެތި މުސާރަތައް ދޭން ހުރަހެއް ނެތުމެވެ.
ސައުދީގެ ޕްރޮފެޝަނަލް ލީގުގެ އާމްދަނީ 2030 އަންނަންވާއިރަށް، ބޮޑުތަނުން އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. 2030 ވަނަ އަހަރު ލީގުގެ މާކެޓް ވެލިއު، 2.1 ބިލިއަން ޑޮލަރަށް ޖެއްސުމަކީ ސަރުކާރުން ހިފާފައިވާ އަމާޒެކެވެ. އެއަގަށް ލީގުގެ އަގު މައްޗަށް ޖެއްސިއްޖެނަމަ، ސައުދީ ލީގަށް އިންވެސްޓް ކުރާނެ ކުންފުނިތައް ގިނަވެ، ބެލުންތެރިން އިތުރުވެސް ވާނެއެވެ. ހާއްސަކޮށް ފުޓުބޯޅައިގެ ބޮޑެތި ނަންތައް ސައުދީއަށް ދާން އިތުރަށް މަސައްކަތް ކުރާނެ ކަމަށްވެސް އެގައުމުން ލަފާކޮށްފައިވެއެވެ.
"ޕްރޯ ލީގުގެ އަމާޒަށް ސައުދީ ވާސިލުވާން ސަރުކާރުން ހުރިހާ ކަމެއް ކޮށްދޭނެ. އަމާޒަކީ ދުނިޔޭގެ އެންމެ ވަރުގަދަ 10 ލީގު ތެރޭގައި ސައުދީ ލީގު ހިމެނުން،" ސައުދީ ސަރުކާރުގެ ނޫހެއްގައި ލީގުގެ ތަސައްވަރާ ގުޅޭގޮތުން ބުނެފައިވެއެވެ.
ސައުދީން ގެންގުޅޭ 2030 ގެ ތަސައްވަރުގައި އެއަހަރުގެ ވޯލްޑް ކަޕް އެގައުމުގައި ބޭއްވުންވެސް ހިމެނިފައިވާ އިރު، މިހާރު ކުރަމުން އަންނަ މަސައްކަތަކީ ވޯލްޑް ކަޕަށް ކުރަމުން އަންނަ "ޕޮޕިއުލާރިޓީ ކެމްޕޭނެއް،" ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ. ސައުދީން ވޯލްޑް ކަޕް ބާއްވަން ބިޑްކުރަނީ ގްރީސްއާއި މިސްރުވެސް ހިމެނިގެންނެވެ. އެކަމަށް ސައުދީއަށް އޮތް ހުރަހަކީ އެގައުމުގެ އިންސާނީ ހައްގުތަކާމެދު ހުޅަނގުން އަބަދުވެސް އުފައްދަމުން އަންނަ ސުވާލުތައް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެއީ ފުޓުބޯޅައިގެ ކުރިމަގަށްވެސް ކޮންމެވެސް ދުވަހަކުން އަންނާނެ ހުރަހެއް ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ. ސައުދީއަށް ފާޑުކިޔާ މީހުންގެ ނަޒަރުގައި އެގައުމުން ކުރަމުން އަންނަ މަސައްކަތަކީ ކުޅިވަރުން ގައުމުގެ މަންޒަރު ދުނިޔެއަށް ރީތިކޮށް، "ސްޕޯޓްސްވޮޝިން"ގެ މަސައްކަތެކެވެ.
މީގެ ކުރިން ފުޓުބޯޅަ ކުޅުންތެރިންނަށް ބޮޑު އަގު ކިޔައިގެން ޔޫރަޕްގައި ތިބި ބޮޑެތި ނަންތައް ގެންދަން ފެށި ބަޔަކީ ޗައިނާއެވެ. ޗައިނީސް ސުޕަ ލީގަށް އިންގިލާބީ ބަދަލެއް، 2019 ހިސާބު ގެނެސް ބޮޑެތި މުސާރަތަކަށް ކުޅުންތެރިން ގެންދިޔަ ނަމަވެސް، އެގައުމުން އަމިއްލައަށް އެކަން ހުއްޓާލީ ގައުމީ ޓީމުގެ ފެންވަރު ދަށަށް ދާ ކަމަށް ބުނެއެވެ. އެގައުމުން ވަނީ 2020 ވަނަ އަހަރު ލީގުގެ މުސާރަތައް ކެޕް ކުރަން ނިންމައި، ކޮންމެ ކޮންމެ މުސާރައެއް ނުދެވޭނެ އުސޫލެއް އެކުލަވާލައިފައެވެ. އެއީ ޗައިނާގެ ފުޓުބޯޅަ ދުނިޔޭގެ ޗާޓުން ވަރަށް ބޮޑަށް ގެއްލުނު ހިސާބެކެވެ.
އެފަހުން ދެން ސުޕަ ސްޓާރުން ގެންދަން މި ފެށީ ސައުދީންނެވެ. ޔޫރަޕްގެ ފައިނޭންޝިއަލް ފެއާޕްލޭ އުސޫލު ނުހިނގާ ސައުދީއަށް، މިހާރު އޮތް ގޮތުން ކިތަންމެ ބޮޑު އަގެއްގައިވެސް ކުޅުންތެރިޔަކު ގެންދެވިދާނެއެވެ. ސުވާލަކީ "ޕީކް"ގައި ތިބި ކުޅުންތެރިން ޔޫރަޕްގެ ފުޓުބޯޅަ ދޫކޮށް ސައުދީއަށް ދާން ފަށާނެތޯ ކުރެވޭ ސުވާލެވެ. ފައިސާއަށް ބޭނުންވާނަމަ، ކުޅުންތެރިން ދާނެކަން ޔަގީނެވެ. އެހެން ނަމަވެސް، ދުނިޔޭގެ އެންމެ ވަރުގަދަ ލީގުތަކުން އަދިވެސް ކުޅުންތެރިން ފެންނާނެކަން ޔަގީނެވެ. މުސާރައިގެ ގޮތުން އަޅައި ނުކިޔޭ ނަމަވެސް، "ވާދަވެރި، ވަރުގަދަ" ލީގުތައް އަދިވެސް އޮތީ ޔޫރަޕްގައެވެ. އެ ވާދަވެރިކަން އެއީ ކުޅުންތެރިން ބޭނުންވާ ވާދަވެރިކަމެކެވެ. "ޕެޝަން" އަކީ ފުޓުބޯޅައިން ކަނޑުވައިލެވޭނެ އެއްޗެއްނޫން ކަމަށްވެސް ބައެއް ތަޖުރިބާކާރުން ބުނެއެވެ. ފައިސާއަށް މުޅި ފުޓުބޯޅަ ނުވެސް ވިކޭނެތާއެވެ.
ދެން އޮތް ސުވާލަކީ ފީފާގެ އާ ޕްލޭނުގެ ދަށުން މުސާރަތައް ކެޕްކޮށްފި ނަމަ، ދެން ސައުދީ ލީގަށް ހަދާނީ ކިހިނެއްތޯ ކުރެވޭ ސުވާލެކެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާ ދައުރަކަށް ދާދިފަހުން އިންތިހާބުވެ، އިއުލާނު ކުރައްވާފައިވާ އެއް ކަމަކީ ދުނިޔޭގެ ފުޓުބޯޅައިގެ މުސާރަތައް ހަމަހަމަ ކުރަން ބޮޑު ބަދަލެއް ގެންނަވާނެ ކަމަށެވެ. އިންފަންޓީނޯ ވަނީ ފުޓުބޯޅައިގެ މުސާރަތައް ކުޑަކޮށް، އެއް ހަމައެއްގައި ހިފަހައްޓަން އުސޫލެއް ހެދުމުގެ ވާހަކަތައް އެންމެފަހުން އޮތް ފީފާ ކޮންގްރެސްގައި ދައްކަވާފައެވެ. އިންފަންޓީނޯ އޭރު ވިދާޅުވީ ފުޓުބޯޅަ، މުޅި ދުނިޔެއަށް ހަމަހަމަ ކުރުމަށް ފީފާއިން ހަރުކަށި އުސޫލުތަކެއް ހަދަން ގަސްދުކުރާ ކަމަށާއި، ސެލެރީ ކެޕެއް ދުނިޔޭގެ ފުޓުބޯޅައަށް އެކުލަވައިލުން އޭގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.
ޔޫރަޕްގެ ކްލަބުތަކަށް ކުޅޭ ފުޓުބޯޅަ ކުޅުންތެރިންގެ މުސާރަ ކެޕް ކުރުމަށް ކްލަބުތަކުން ރުހޭ ކަމަށް ޔޫއެފާގެ ރައީސް އެލެކްސާންޑްރާ ޗެފެރިން ދާދިފަހުން ވިދާޅުވެފައިވާ އިރު، އޭނާ އިތުރަށް ވިދާޅުވީ މުބާރާތްތަކުގެ ވާދަވެރިކަމަކީ މުހިއްމު ކަމެއް ކަމަށާއި، ފަސް ވަރަކަށް ޓީމުން އަބަދުވެސް ލީގަށް ވާދަކޮށް، ދެތިން ޓީމަކުން އަބަދު ލީގުތައް ކާމިޔާބުކުރުމަކީ ހަމަޖެހޭ ވިސްނުމެއް ނޫން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ސައުދީ ލީގަށް ފީފާފެ ސެލެރީ ކެޕެއްގެ އަސަރު ކޮށްފާނެއެވެ. އެހެން ނަމަވެސް، އެކަމުން އަރައިގަތުމަށް ސައުދީން ވިސްނުމެއް ގެންގުޅޭނެ ކަމަށް ބެލެވޭ އިރު، މިހާރުގެ ތަސައްވަރު އޮތީ 2030 އަށެވެ. އެއީ ކުޅިވަރުން ކުރަމުން އަންނަ ވިޔަފާރި އެހެން ހަރުފަތަކަށް ގެންދިއުމުގެ ވިސްނުމެވެ. ސައުދީ ލީގަކީ ބޮޑު ވިޔަފާރިއަކަށް ހަދަން ސައުދީން މަސައްކަތް ކުރަމުން އަންނަނީ މާސްޓާ ޕްލޭނެއްގެ ދަށުންކަން ޔަގީނެވެ. އޭގެ އެންމެ ބޮޑު އަދި އެންމެ ފުރަތަމަ އަމާޒު ހުރީ ކުރިޔަށް އޮތް ވޯލްޑްކަޕަށް ކަމަށެވެ.