ސައުދީ އަރަބިއާ ލީގަށް ބަދަލުވީ އެގައުމަކީ މުސްލިމް ގައުމަކަށްވާތީ ކަމަށާއި، މުސްލިމް ކުޅުންތެރިޔަކަށްވެހުރެ ދިރިއުޅެން އެންމެ އެކަށީގެންވާ ގައުމަކީ އެއީ ކަމަށް ކަރިމް ބެންޒެމާ ބުނެފިއެވެ.
ރެއާލް މެޑްރިޑްގައި މިދިޔަ 14 އަހަރު ހޭދަކުރި ކްލަބު ލެޖެންޑް ބެންޒެމާ ކުރިއަށް އޮތް ސީޒަނަށް ސައުދީ ލީގުގެ އެންމެފަހުގެ ޗެމްޕިއަން އަލް-އިއްތިހާދަށް ބަދަލުވެފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އިތުބާރު ނޫސްތަކުން ބުނާ ގޮތުގައި ކްލަބު މުސާރައާއި ވިޔަފާރި އެއްބަސްވުންތަކާއެކު ބެންޒެމާއަށް އިއްތިހާދުން ސީޒަނަކަށް 200 މިލިއަން ޔޫރޯ ދޭނެއެވެ. އެހެންކަމަށްވާނަމަ، ބެންޒެމާއަށް ތިން ސީޒަނުން 600 މިލިއަން ޔޫރޯ މުސާރައިގެ ގޮތުގައި ޖެހޭނެއެވެ.
މިދިޔަ އަހަރުގެ ބެލޮންޑިއޯ ހޯދި އުމުރުން 35 އަހަރުގެ ފޯވަޑް ބެންޒެމާ ސައުދީ ލީގަށް ބަދަލުވި ސަބަބާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބުނީ ސައުދީއަކީ އޭނާ ދިރިއުޅެން ބޭނުންވާ ގައުމެއް ކަމަށާއި، މުސްލިމުންގެ ލޯބި އޭނާއަށް ލިބުމަކީ ސައުދީން ލިބޭ އެންމެ ބޮޑު ފައިދާ ކަމަށެވެ.
"ސައުދީއަކީ މުސްލިމް ގައުމެއް. ސައުދީއަކީ ލަގްޒަރީވެސް ގައުމެއް. މި ގައުމަކީ ހިތްގައިމު މަންޒިލެއް. އަހަންނަށް މިއީ ހަޔާތުގައި އެންމެ ދިރިއުޅެލަން ބޭނުންވާ ގައުމު. އަހަންނަށް ވަރަށް މުހިއްމު ކަމެއް މުސްލިމް ގައުމެއްގައި އުޅުމަކީ. އެއީ މުސްލިމުންގެ ލޯބި އަހަންނަށް ލިބޭތީ،" ބެންޒެމާ ބުންޏެވެ.
ބެންޒެމާ ބުނީ ސައުދީގައި އޭނާއަށް މުޅިން އާ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ.
"އަހަންނަށް ސައުދީން މުޅިން އާ ދިރިއުޅުމެއް އުޅުމަށް ފުރުސަތު ލިބޭނެ. އަރަބި ބަސް ފުރިހަމައަށް ދަސްކުރަންވެސް އަހަރެން ބޭނުން. ސައުދީގައި އުޅެވޭތީ އަހަރެން މިއީ ނަސީބު ގަދަ މީހެއް. މައްކާގެ ކައިރީގައި ދިރިއުޅެވުން އެއީ ނަސީބެއް. އެއީ އަހަންނަށް މުހިއްމުވެސް ކަމެއް،" ބެންޒެމާ އިތުރަށް ބުންޏެވެ.
ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ފޯވަޑް ބެންޒެމާއަކީ ރެއާލްގެ ތާރީހީ ލެޖެންޑެކެވެ. މިދިޔަ ސީޒަނުގައިވެސް ކްލަބުގެ ކެޕްޓަންކަން ކުރި ބެންޒެމާ ވަނީ އެކްލަބާއެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ހަތަރު ފަހަރު ލަލީގާވެސް ކާމިޔާބު ކޮށްފައެވެ.
ބެންޒެމާ 2009 ވަނަ އަހަރު ލިޔޯންއިން ރެއާލްއަށް ބަދަލުވިފަހުން 647 މެޗު ކްލަބުގެ ޖާޒީގައި ކުޅެފައިވާ އިރު، 353 ގޯލު ޖަހާފައިވެއެވެ. ރެއާލް ޖާޒީގައި ބެންޒެމާއަށްވުރެ ގިނައިން ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.