ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ކަނޑައެޅުމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އިސްކުރެއްވީ ގައުމި މަސްލަހަތު ކަމަށާއި އޭނާއަށް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ލީޑަކުރައްވާ ފިކުރެއްގެ ދިރުން، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ރިފްއަތު އަމަލުކުރައްވާފައިވާ ކަމަށް ބުނެ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
އެ ފަރާތްތަކުން ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ 10 މެމްބަރުންގެ ސޮޔާއެކުގައެވެ. މަޖިލީހުގައި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިމުގެ މައްސަލައިގައި ރިފްއަތު ވަކާލާތުކުރެއްވީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން، ބައިނަލްއަގުވާމީ ހަމައިގެ މަތިން ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ކަމަށެވެ.
"ގައުމުގެ ދިފާއުގައި ގޮތެއް ނިންމުމުގައި ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައިނުވާ އިން ވަކިކުރުމުގެ މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކުރައްވާފައި ވަނީ ތައުރީފް ހައްގު ޒިންމާދާރު މަސައްކަތްތަކެއް. މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވެސް ގާނޫނުއަސާސީ އާއި ގާނޫނުތައް ނަގަހައްޓަވައި ބަންޑާރަ ނައިބު މިހާތަނަށް އިސްކުރައްވާފައި ވަނީ ގައުމީ މަސްލަހަތު. ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ މައްޗަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފުރިހަމަ އިތުބާރު އެބައޮތް،" ރިފްއަތު ވިދާޅުވިއެވެ.
އެމްޑީޕީން ބުނީ އިމުގެ މައްސަލައިގައި ރިފްއަތު އަދާކުރެއްވި ޒިންމާއާ މެދު ސުވާލު އުފައްދައި އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭ ސަބަބެއް ނެތް ކަމަށާއި އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީ ރާވައިގެން ހިންގާ އެ ހަރަކާތުގައި އެމްޑީޕީގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް ބުންޏެވެ.
"އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދާ ހިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އެޅޭނެ،" އެމްޑީޕީން ބުންޏެވެ.
ޕީޕީއެމް/ޕީއެންސީގެ މަދު ބަޔަކު ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ފެއިލްވުމުން، އެ ފަރާތްތަކުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންގެ ހިތުގައި ސަރުކާރާ މެދު ނަފުރަތު އުފައްދައި ގައުމުގެ ހަމަޖެހުން ނަގާލައި، ބައިބައިކޮށް، އަމިއްލަ ސިޔާސީ މަންފާ ހޯދަން ކަމަށް އެމްޑީޕީން ބުންޏެވެ.
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުވިޔަ ނުދޭނެ ކަމަށާއި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރައްވައި ރިފްއަތު ކުރެއްވި މަސައްކަތާ ގުޅުވައި ނަގަން އުޅޭ އިތުބާރު ނެތް ކަމުގެ ވޯޓާ ދެކޮޅަށް އެމްޑީޕީ ޕީޖީ ގްރޫޕު ތިބި ކަމަށް އެމްޑީޕީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު