ޚަބަރު

އިމުގެ މައްސަލަ: ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން މަޝްވަރާކޮށްފި

މުހައްމަދު އިޝާން

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިޓްލޮސްއިން ކުރި ހުކުމާއެކު ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށްބުނެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން މަޝްވަރާކޮށްފިއެވެ.

ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން މަޝްވަރާކުރެއްވީ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން، ޕީޕީއެމް، ޖުމްހޫރީ ޕާޓީ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިންނެވެ.

އެ ފަރާތްތަކުގެ މަންދޫބުން މިއަދު ވަނީ މާގިރި ހޮޓަލުގައި ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް، ޕީޕީއެމްގެ ސެނެޓު މެމްބަރު އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތާރިގު، ޖުމްހޫރީ ޕާޓީގެ ފަރާތުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން، ފިކުރެއްގެ ދިރުމުގެ ފަރާތުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު، މެދުހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާޒިމް އަދި އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަހުމަދު އުޝާމްއެވެ.

އަލީ ހުސެއިން "ވަން" އަށް މިރޭ ވިދާޅުވީ އެ ބައްދަލުވުމުގައި ޗާގޯސް އާއި ރާއްޖެއާ ދެމެދު އިން ވަކިކުރުމުގައި ދެން ކަންތައް ކުރަންވީ ގޮތާ ބެހޭ ގޮތުންނާއި އިމުގެ މައްސަލައިގައި ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން މަޝްވަރާކުރައްވާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެގޮތަށް މަޝްވަރާ ކުރެއްވި ނަމަވެސް އަދި އެއްވެސްކަމެއްގައި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

"އަދި ހަމަ މަޝްވަރާކުރެއްވީ އެހެންވީމާ އަދި އެކަމުގައި ގޮތެއް ނުނިންމަން،" އަލީ ހުސެއިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިމުގެ މައްސަަލައިގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރިނަމަވެސް ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުވަތަ މަޝްވަރާއެއް ކުރައްވާފައިނުވާނެ ކަމަށެވެ.

އިމުގެ މައްސަލައިގައި އިޓްލޮސްއިން މިދިޔަ މަހުގެ 28 ވަނަ ދުވަހުކުރި ހުކުމުގައި ބުނެފައިވަނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ. އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ވަނީ އެ ގޮތަށް ކަނޑުގެ ސަރަހައްދު ބެހުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.