މޫސުން ގޯސްވުމުގެ ސަބަބުން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓްލުމުގެ ވަގުތު މިއަދު ހަވީރު 5:00 އަށް އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ކުރިއަށްދާ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓް ނެގުމަށް ހަމަޖެހިފައިވާ ވަގުތުގައި މޫސުން ގޯސްވުމުގެ ސަބަބުން ވޯޓްލާން ދިއުމަށް ދަތިވެފައިވާ ކަމަށެވެ. އެހެންވެ ވޯޓްލުމުގެ ވަގުތު މިއަދު ހަވީރު 5:00 އަށް އުތުރުކޮށްފައިވާ ކަމަށެވެ.

ގުރައިދޫ ދާއިރާގެ ތިން ރަށް، ގުރައިދޫ އާއި މާފުއްޓާއި ގުޅި އަދި މާލޭގެ އިއްޒުއްދީން ސްކޫލްގައި ވޯޓު ފޮށި ބަހައްޓާފައިވާ އިރު، މިއަދު ހެނދުނު 8:30 ގައި ވަނީ ހުރިހާ ވޯޓް ފޮއްޓެއްގައި ވޯޓްލުން ފަށައިފައެވެ. އަދި މީގެ ކުރިން އީސީން ނިންމާފައިވަނީ ވޯޓްލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށެވެ.

ގުރައިދޫ ދާއިރާގެ ގޮނޑިއަށް ތިން ކެނޑިޑޭޓަކު ވަނީ ކުރިމަތިލައިފައެވެ. އެގޮތުން ޕީޕީއެމުން ރިޒާ ކޮއްކޮ ހުސައިން ރިޒާ އާދަމް ކުރިމަތިލާފައިވާ އިރު، އެމްޑީޕީން އިބްރާހީމް ޝާޒު އަދި އެމްއެންޕީން ކުރިމަތިލާފައިވަނީ އަލީ އަރީފްއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މެންދުރުފަހު 2:00އާ ހަމައަށް ވޯޓް ލާފައިވަނީ 51 ޕަސެންޓް މީހުންނެވެ. އެއީ 1،766 މީހުންނެވެ.

އެ ދާއިރާއަށް ވޯޓުލުމުގެ ހައްގު 3،423 މީހުންނަށް ލިބިފައިވާއިރު، މިއަދުގެ މެންދުރުފަހު 2:00ގެ ނިޔަލަށް 856 އަންހެންނާއި 910 ފިރިހެނުން ވަނީ ވޯޓް ލައިފައެވެ.

ގުރައިދޫ ދާއިރާގެ މަޖިލިސް އިންތިހާބު އަލުން އިލެކްޝަން ބާއްވަން ޖެހުނީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ޕީޕީއެމުންނެވެ. އެގޮތުން 2019 ގައި ބޭއްވި އިންތިހާބުގައި ރިޒާ ގޮނޑި ކާމިޔާބުކުރެއްވީ 47 ޕަސެންޓުންނެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓަށްށް ލިބުނީ 41 ޕަސެންޓް ވޯޓެވެ.