އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހަވީރު ގާސިމްގެ ސަން އައިލެންޑް ރިސޯޓުގައެވެ. ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންކަން އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެއެވެ.

އެ ބައްދަލުވުމުގައި ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާނާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ބައިވެރިވެވަޑައިގެންނެވިއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ލީޑަރު ގާސިމްއާއެކު އެ ޕާޓީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ޑެޕިއުޓީ ލީޑަރުން ކަމަށްވާ އަމީން އިބްރާހިމާއި އަހުމަދު ސައުދާއި އިގްބާލް އާދަމްގެ އިތުރުން ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ މިހާރު ވެސް ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަނާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިންމަނިކާއި ރައްޔިތުންގެ މަޖިލިހުގެ ވިލުފުށި ދައިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާއި ކުރީގެ ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ގާސިމްގެ ތަރުޖަމާން، މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނަޝީދުގެ ނުރަސްމީ ޓުވިޓާ އެކައުންޓު ކަމަށްބުނާ "އަނެއްދިވެހިރާއްޖެ" އިން ވަނީ އެ ބައްދަލުވުމުގެ ފޮޓޯއެއް މިއަދު އާންމުކޮށްފައެވެ. އެ ފޮޓޯއިން ފެންނަނީ ގާސިމާއި ހުދު ކޮތަރެކެވެ. އެއާއެކު ސޯޝަލް މީޑިއާގައި ވަނީ އެ ކޮތަރު ހިމެނޭ ގިނަ ފޮޓޯތަކެއް ދައުރުވާން ފަށައިފައެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ކުރެއްވި ޓުވިޓެއްގައި ހިއްސާކުރި ވީޑިއޯއަކުން ފެންނަނީ އެ ކޮތަރު ނަޝީދުގެ ކޮނޑަށް އަރައި އިން މަންޒަރެވެ. އަދި ފަހުން ފެންނަނީ ނަޝީދުގެ އަތުގައި އެ ކޮތަރު އިން މަންޒަރެވެ.

ނަޝީދު، ގާސިމްއާ ބައްދަލުކުރައްވާފައި މިވަނީ އެމަނިކުފާނުގެ މަންދޫބުން ޖުމްހޫރީ ޕާޓީގެ މަންދޫބުންނާއެކު ތިން ފަހަރެއްގެ މަތިން ކުނޫޒުގައި ބައްދަލުކުރައްވާފައި ވަނިކޮށެވެ.

އެ ބައްދަލުވުންތަކުގައި ނަޝީދުގެ "ފިކުރެއްގެ ދިރުން" ޓީމާއި ޖުމްހޫރީ ޕާޓީ ގުޅިގެން ރިޔާސީ އިންތިހާބުގައި މަސައްކަތްކުރުމަށް ނިންމައި ދަނީ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތްކުރަމުންނެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދުނުކުރައްވާނެ ކަމަށް ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ވިދާޅުވެފައިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވަކިން ވާދަކުރާނެ ކަމަށާއި އެހެންކަމުން ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ފާސްކޮށްފައިވަނީ އެ ޕާޓީން ބޭއްވި ގައުމީ ކޮންފަރެސްގައެވެ. އަދި ޕާޓީގެ ލީޑަރު ގާސިމަށް ވަނީ ރިޔާސީ ޓިކެޓު ހަވާލުކޮށްފައެވެ.

އެ ޕާޓީން ވަނީ އެމްޑީޕީ، އަދާލަތު ޕާޓީ އަދި އެމްޑީއޭ ފިޔަވައި ހުރިހާ ސިޔާސީ ޕާޓީތަކަށާއި، ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ބޭފުޅުންނަށް ކޯލިޝަން ހެދުމުގެ ދައުވަތު ފޮނުވައިފައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް އެ ފަރާތްތަކުން އަދި އެއްބަސްވެފައެއް ނުވެއެވެ.