ރާއްޖޭގައި ހަތަރު ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި ހޮސްޕިޓާތައް އިމާރާތް ކުރުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ތަރައްގީއާ ގުޅޭ އިތުރު އެއްބަސްވުންތަކެއްގައި ވެސް ޗައިނާގެ ކުންފުންޏާއެކު ވަނީ ސޮއިކޮށްފައެވެ.

މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ޗައިނާ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (ސިޑްކާއާ) އާ އެވެ. މި އެއްބަސްވުންތަކުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ސިޑްކާގެ ވައިސް ޗެއާމަން ދިން ބޯ ޖިން އެވެ.

ޗައިނާ އާއެކު މިއަދު ވަނީ ފަސް މަޝްރުއެއް ހިންގުމަށް އެއްބަސްވެފައެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީގައި ހަދާފައިވާ ދާރުލް އާސާރު މަރާމާތު ކުރުމާއި، ގައުމީ ކުތުބުހާނާ މަރާމާތު ކުރުމާއި 2026 އިން 2027 އަށް ޗައިނާ އާއި ރާއްޖޭގެ ތަރައްގީގެ ގުޅުން ބަދަހި ކުރުމަށް މަސައްކަތްކުރާނެ ގޮތުގެ އެއްބަސްވުމެއް ވަނީ ވެފައެވެ. އޭގެ އިތުރުން ހަތަރު ހޮސްޕިޓަލެއް އިމާރާތް ކުރުމަށާއި ޗައިނާ މޯލްޑިވްސް ފްރައިންޑްޝިޕް ބުރިޖުގެ މަރާމާތުގެ މަސައްކަތްކުރުމަށްވެސް މިއަދު ވަނީ އެއްބަސްވެފައެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ހޮސްޕިޓާ އިމާރާތްކުރަނީ ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ރ. އަލިފުށީގެ އިތުރުން ގއ. ވިލިނގިލީގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖެއަކީ ބައިނަލްއަގުވާމީ ހުރިހާ ގައުމެއްގެ އެހީތެރިކަމާއެކު ތަރައްގީގައި ކުރިއަށްދާ ގައުމެއް ކަމަށެވެ. ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށް ޗައިނާ ސަރުކާރުން ކޮށްދެމުން އަންނަ އަންނަ އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ޗައިނާއަކީ ރާއްޖޭގެ އިގުތިސާދާއި، ތަރައްގީއަށް ހިންގޭ މަޝްރޫއުތަކުގައި މުހިއްމު ދައުރެއް އަދާކުރާ ބައިވެރިއެއްކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ ބައިވެރިއެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ބައިނަލް އަގުވާމީ ހުރިހާ ގައުމުތަކަކާއެކު ގުޅުން ބަދަހިވެ ރާއްޖޭގެ ތަރައްގީގައި ބައިނަލްއަގުވާމީ ގައުމުތަކުގެ އެހީތެރިކަން ކުރިއަށްވުރެ ބޮޑަށް ލިބެމުން އަންނަކަން ޝާހިދު ވަނީ ފާހަގަކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިޑްކާގެ ވައިސް ޗެއާމަން ދިން ބޯ ޖިން ވިދާޅުވީ މި އެއްބަސްވުންތަކަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް އެކުވެރިކަމާއި އެއްބާރުލުން ރަމްޒުކޮށްދޭ ކަމެއްކަމަށެވެ. މި މަޝްރޫއުތައް ފެށުމަށް ޗައިނާގެ ތަޖުރިބާކާރު ޓީމެއް ރާއްޖެ އަންނާނެ ކަމަށާއި ލަސްތަކެއް ނުވެ މަޝްރޫއުތަކުގެ މަސައްކަތް ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.