އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރު މުހައްމަދު ޝިހާބު، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މަންދޫބުންނާ ބައްދަލުކުރައްވައިފިއެވެ.

ޝިހާބު މިހާރު ހުންނެވީ ރައީސް އޮފީހުގެ އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓްގެ މަގާމުގައެވެ. އެ މަގާމަކީ މިނިސްޓަރު ފެންވަރުގެ މަގާމަކެވެ.

“ވަން” އަށް އެނގިފައިވާ ގޮތުގައި ޖޭޕީގެ މަންދޫބުންނާ ޝިހާބު ބައްދަލުކުރެއްވީ މިއަދު ސަން އައިލެންޑް ރިސޯޓުގައެވެ. ނަޝީދުގެ ފެކްޝަނުން ދެން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ. އެ ދެ ބޭފުޅުންނަކީ ރައީސް ސޯލިހު ދާދިފަހުން މަގާމުތަކުން ވަކިކުރެއްވި ދެ ބޭފުޅުންނެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދާއި ޖޭޕީ ގުޅިގެން މަސައްކަތްކުރުމަށް ވަނީ ނިންމައިފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ރޭ ވިދާޅުވެފައިވަނީ އެމްޑީޕީ އާއި ޖޭޕީއާ ގުޅިގެން މަސައްކަތްކުރަނީ އަލަކަށް ނޫން ކަމަށާއި މީގެ ކުރިންވެސް ދެ ޕާޓީ ގުޅިގެން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ އާއި ޖޭޕީ އެކުގައި މަސައްކަތްކޮށް ރަސްމީ ބައްދަލުވުންތައް މިހާރު ބާއްވަމުން ދިޔަޔަސް، ދެ ޕާޓީން ގުޅިގެން އެއްކޮށް މަސައްކަތްކުރަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާންކުރާނީ އަދި ފަހުން ކަމަށެވެ.

މިހާރު ކުރަމުންދާ މަސައްކަތަކީ މެނިފެސްޓޯ އެކުލަވާލުމަށް ކުރަންޖެހޭ ކަންކަމާއި ރިޔާސީ އިންތިހާބުގައި ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި ކަންތައްތަކުގެ އިތުރުން ކޯލިޝަން އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކަމަށް އަމީން ވިދާޅުވެފައިވެއެވެ.