މިއަހަރުގެ ރިޔާސީ އިންތިހާބު ބޯމަތި ވެފައި ވަނިކޮށް އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް ސަރުކާރުން މިވަނީ އިސްލާހުތަކެއް ހުށަހަޅައިފައެވެ.
ސަރުކާރަށް ތާއީދު ކުރާ މެންބަރުންނާއި، ސަރުކާރަށް ތާއީދު ނުކުރާ އެމްޑީޕީ މެންބަރުންނާއި އިދިކޮޅު މެންބަރުންގެ މެދުގައި މަޖިލިސް ތަޅުމުގައި މިހާރު އެންމެ ހޫނު ބަހުސެއް ހިނގަނީވެސް އެ އިސްލާހުތަކާމެދުގައެވެ.
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅު ކުރަމުން އަންނަނީ، އެ ގާނޫނުގެ 41 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހާމެދުގައެވެ.
ގާނޫނަށް އެ އިސްލާހު އަތުވެދާނެތީ މި ދެންނެވި މަޖިލިސް މެންބަރުންގެ އިތުރުން، ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ޑިމޮކްރަސީއަށް މަސައްކަތްކުރާ، ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ވެސް ވަނީ ކަންންބޮޑުވުން ފާޅުކޮށްފަ އެވެ.
ސަރުކާރުގެ ފަތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ގާނޫނަށް ހުށަހެޅުއްވި މި އިސްލާހާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެމްޖޭއޭ އާއި ޓީއެމް ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މުހިންމު އިންތިހާބެއް ބޯމަތިވެފައިވާ މި ދަނޑިވަޅުގައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެންނަ މި ބަދަލަކީ އިންތިހާބު ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިއުމަށް އޮތް ފުރުސަތު ހަނިކުރަން ކުރާ މަސައްކަތެއް ކަމަށެވެ.
އިންތިހާބުތައް ކުރިއަށްދާނީ އިންސާފުވެރިކަމާއެކުތޯ ބަލަން ފާރަވެރިވާ އެއް ފަރާތަކީ މީޑިއާތައް ކަމަށާއި އެހެންކަމުން އިންތިހާބު މޮނީޓާކުރަން މީޑިއާއަށް ލިބިދީފައިވާ ފުރުސަތު ހަނިކުރުމުން އިންތިހާބުގެ ނަޒާހަތްތެރިކަމާއި ސައްހަކަމާމެދު ސުވާލު އުފެދި އިންތިހާބާމެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެ ކަމަށްވެސް ބުންޏެވެ.
"އިސްލާހުތައް ފާސްވެއްޖެނަމަ މި އަހަރުގެ ރިޔާސީ އިންތިހާބާއި ދެންވެސް ހުރި އިންތިހާބުތައް ކަވަރުކުރުމަށް ޝައުގުވެރިވާ ރާއްޖެއިން ބޭރުގެ މީޑިއާ އައުޓްލެޓްތަކާއި ނޫސްވެރިންނަށް އެ ފުރުސަތު ގެއްލޭނެއެވެ. އަދި މީގެ އިތުރަށް ރާއްޖޭގައި ހަރަކާތްތެރިވާ ފްރީލާންސް ނޫސްވެރިންނަށްވެސް އެ ފުރުސަތު ގެއްލިގެންދާނެއެވެ" ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އެމްޖޭއޭއާއި ޓްރާންސްޕޭރަންސީން ވަނީ، ގާނޫނަށް އިސްލާހު ގެނައުމަށް ކުރާ މަސައްކަތްތަކަކީ އިންތިހާބުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތްކުރާ ހުރިހާ ޖަމިއްޔާތަކާއި މީޑިއާތަކުގެ ކަމާގުޅޭ އެހެން ފަރާތްތަކާ މަޝްވަރާކޮށްގެން ގެންނަ އިސްލާހުތަކަކަށް ހެދުމަށް ގޮވާލައިފައެވެ. ގާނޫނަށް ގެންނަ އިސްލާހުތަކަކީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެވޭ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭ އިސްލާހުތަކެއްކަން ކަށަވަރު ކުރުމަށާއި ބޭރުގެ މީޑިއާތަކަށް އަދި ފްރީލާންސް ނޫސްވެރިންނަށްވެސް އިންތިހާބު މޮނިޓާކުރުމުގެ ފުރުސަތު މިހާރު މިއޮންނަ ގޮތަށް ދެމެހެއްޓުމަށްވެސް ގޮވާލާފައިވެއެވެ.
މި ބިލު މަޖިލިސް ތަޅުމަށް ހުށަހެޅުމުން، ބިލަށް އެންމެ ފުރަތަމަ ވާހަކަ ދެއްކެވި، އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑޭ) ވަނީ ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން (އީސީ)ން ކަނޑައަޅާ ނޫސްވެރިންނަށް އިންތިހާބު މޮނީޓާ ކުރެވޭ ގޮތަށް ގާނޫނުގައި މިހާރު އޮތް ގޮތް ބަދަލު ކުރަން ސަރުކާރުން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އިސްލާހު ހުށަހަޅާފައި ވަނީ ރަޖިސްޓަރީވާ ނޫސްވެރިންނަށް އެކަނި މޮނިޓާ ކުރެވޭގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ އެންމެ ވަރުގަދަ އެއް އަސާސަކީ، އިންތިހާބުތަކުގެ ވޯޓުލުމުގެ މަސައްކަތް ހިނގަމުންދާ ގޮތުގެ ސާފު މައުލޫމާތު ރައްޔިތުންނަށް ގެނަސްދިނުންކަން ފާހަގަ ކުރައްވައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވެސް އެ އިސްލާހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ނޫސްވެރިންނާއި ނޫސް މަޖައްލާތަކާއި މީޑިއާތައް، އިންތިހާބު ކަވަރު ކުރުމުގައި އަމަލު ކުރަންވީ ގޮތްތަކާއި، އެ މައުލޫމާތުތައް ރައްޔިތުންނަށް ފޯރު ކޮށްދިނުމުގެމަގު، މިހާރު އޮތް ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައި ވަނިކޮށް ސަރުކާރުން މި އިސްލާހު ހުށަހެޅީ، އެ ފުރުސަތު ނޫސްވެރިންނަށް ހަނި ކުރުމަށް ކަމަށެވެ.
"ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސްވެރިންނަށް އެކަނި އެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެވޭ ގޮތަށް ހަނިކޮށްލީމާ މުޅި ރާއްޖޭގައި ހިނގާ އިންތިހާބު ތަކުގައި، ހާއްސަކޮށް ކުރިއަށް މި އޮތް ރިޔާސީ އިންތިހާބުގައި އެ މައުލޫމާތު މީޑިއާތަކަށެއް ރައްޔިތުންނަކަށް ފޯރުކޮށެއް ނުދެވޭނެ،"
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވެސް ބިލަށް ވަރަށްބޮޑަށް ފާޑު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައީ އިންތިހާބުތަކަކީ އިންސާފުވެރި، ދެފުށް ފެންނަ އެއްޗަކަށް ހެދުމުގެ ވައުދާއެކުގައި ނަމަވެސް މިއަދު މި ފެންނަނީ އެއާ މުޅިން ދިމާ އިދިކޮޅަށް ގާނޫނުތައް އިސްލާހުކުރުމަށް މަސައްކަތް ކުރަމުން އަންނަ ތަން ކަމަށެވެ.
"މިހާވަރަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީޑިއާތަކަށް ނުފޫޒު ފޯރުވަން، އިންތިހާބުތަކަށް ނުފޫޒު ފޯރުވަން ކުރާ ކަމަކީ، އެއް ގޮތަކަށް ވެސް އަޅުގަނޑުމެން ބަލައިގެނެވޭނެ ކަމެއް ނޫން؛ މި ވާހަކަދައްކާ ނޫސްވެރިއެއް ވެއްޖެއްޔާ އޭނާއަށް ވެސް ކޮންމެވެސް ގޮތެއް ހަދާފައި، އޭނާއަށް ވާހަކަ ނުދެއްކޭ ގޮތަށް މަސައްކަތްކަތްކުރަނީ،" އިލްޔާސް ލަބީބް ވިދާޅުވިއވެ. މިހާރު ފެންނަމުން ދަނީ ރިޔާސީ އިންތިހާބުގެ ކަންކަން ވަކި ބަޔަކު ބޭނުންވާ ގޮތަށް ކުރުމަށް މަގު ކޮށަމުން އަންނަ މަންޒަރުގެ ގޮތުގައި އޭނާ ތުހުމަތު ކުރެއްވި އެވެ.
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ، މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ގަޑުބަޑު ކުރުމަށް ޓަކައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.
"ރަނގަޅު ނިޔަތަކު ނޫން އެކަން ކުރަން އެއުޅެނީ، ވޯޓު ގަޑުބަޑު ކުރަންވެގެން، ވޯޓު ފޮށިން މަކަރު ހަދަންވެގެން، ވޯޓުން އޮޅުވާލަންވެގެން،" އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި ރާއްޖޭގެ ހުރިހާ ރައްޔިތުން މި އިސްލާހަށް ދެކޮޅު ހަދަން ޖެހޭ ކަމަށެވެ.
އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގައި މިހާރު އޮންނަނީ، ވޯޓުނަގާ ދުވަހު ވޯޓު ލުމުގެ ކަންތައްތައް ރިޕޯޓަރުންގެ ހައިސިއްޔަތުން މޮނީޓަރު ކުރުމަށްޓަކައި ވޯޓުލާ ސަރަހައްދުތަކުގައާއި ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރި ވެވޭނީ މި ގާނޫނުގެ ދަށުން އެކަމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދޭ ރިޕޯޓަރުންނަށެވެ.
މާނައަކީ މީޑީއާތަކުގައި ފޮޓޯގްރާފަރުންގެ ގޮތުގައާއި އެހެނިހެން ގޮތްގޮތުން މަސައްކަތް ކުރާ މީހުންނަށް އެފުރުސަތު ލިބިގެން ނުވުމެވެ. އެފުރުސަތު ލިބޭނީ ހަމައެކަނި ރިޕޯޓަރުންނަށެވެ.
އެ މާއްދާއަށް ގެނައުމަށް މަޖިލިސްތަޅުމަށް ފޮނުވާފައިވާ އިސްލާހުގައި ބުނަނީ، ވޯޓުނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް މޮނިޓާ ކުރުމަށްޓަކައި، ވޯޓުލާ ސަރަހައްދު ތަކުގައާއި ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ މި ގާނޫނުގެ ދަށުން އެކަމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދޭ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށެވެ.
މާނައަކީ ރިޕޯޓަރުންނާއި ފޮޓޯގްރާފަރުންނާއި، ވީޑިއޯގްރާފަރުން ހިމަނައިގެން، ނޫސްވެރިއެއްގެ ގޮތުގައި ނޫހެއްގައި މަސައްކަތް ކުރާ ކޮންމެ ފަރާތަކަށްވެސް އެ ފުރުސަތު ލިބިގެންދިއުމެވެ.
ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގައި މިހާރު އޮންނަނީ ވޯޓުނަގާ ދުވަހުގެ 10 ދުވަސްކުރިން އެރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި، ނުވަތަ އެތަނެއްގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ، ރަޖިސްޓްރީ ކޮށްފައިވާ ނޫސް، މަޖައްލާ އަދި ހަބަރު ފަތުރާ ކޮންމެ އިދާރާއަކުން، ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް އެކަަކަށްވުރެ އިތުރު ނުވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޫކުރަންވާނެއެވެ.
މި މާއްދާގައި ބުނާގޮތުން އެކަމަށް ހުއްދަ ހޯދުމަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާ ތަކަށެވެ. އަދި އެކަމަށް އިލެކްޝަންސް ކޮމިޝަނަށް ހުއްދަ ދޫ ކުރެވޭނީވެސް އެއިން ކޮންމެ ސަރަަހައްދަކަށްވެސް އެންމެ މީހަކަށެވެ.
މި މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ވޯޓުނަގާ ދުވަހުގެ 10 ދުވަސްކުރިން އެރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ނުވަތަ އެތަނެއްގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ، ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް، ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް ވަނުމުގެ ހުއްދަ، ތަފާތު ކުރުމަކާ ނުލައި، މިގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރާ އަދަދަކަށް އިލެކްޝަންސް ކޮމިޝަނުން ދޭންވާނެ އެވެ.
ތަފާތަކީ ހުއްދަ ހޯދުމަށް އެދި ހުށަހަޅަން ޖެހޭނީ، ރަޖިސްޓްރީ ކޮށްފައިވާ ނޫސް، މަޖައްލާ އަދި ހަބަރު ފަތުރާ އިދާރާތައް ކަމަށް މިހާރު ގާނޫނުުގައި ބުނެފައި އޮތް ގޮތް ބަދަލުކޮށް، ހުއްދަ ހޯދުމަށް އެދި ހުށަހަޅާ، ނޫސްވެރިންނަކީ ރަޖިސްޓްރީ ކޮށްފައިވާ ބަޔަކަށްވުމެވެ.
އެ ކަންތައް އިތުރަށް އޮޅުންފިލުއްވައި ދެއްވީ އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބެވެ.
ރިޔާސީ އިންތިހާބާބެހޭގޮތުން، އީސީއަށް ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ފެށުމުގެ ގޮތުން އިއްޔެ ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަބީބު ވިދާޅުވީ، އިންތިހާބެއް ނިމިގެންދާއިރު، އެ ހިންތިހާބުން ލިބޭ ތަޖުރިބާ އާއި، އީސީއަށް ލަފާދޭ ކޮމިޓީން ދޭ ލަފާތަކަށް ބަލައި، ޖެހިގެން އޮންނަ އިންތިހާބަށް ގާނޫނަށް އިސްލާހެއް ގެންނަން ފެންނަ ނަމަ އެކަމެއް އެޓާނީ ޖެނެރަލްގެ އޮފީސް (އޭޖީ) އަށް ހުށަހަޅުއްވަމުން ގެންދަވާ ކަމަށެވެ. އިންތިހާބުތަކާބެހޭ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަކީވެސް އެފަދަ އިސްލާހުތަކެއް ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ، ގާނޫނަށް ގެންނަން މިހާރު ހުށަހަޅާފައިވާ އިސްލާތަކުގެ ސަބަބުން ނޫސްވެރިންނަށް މިހާރަށްވުރެން ބޮޑަށް ފުރުސަތުތައް ފުޅާ ވެގެންދާނެ ކަމަށެވެ.
"ގާނޫނުގައި ރިޕޯޓަރުންނޭ އޮތް ނަމަވެސް ނޫސްވެރިންގެ ތެރޭގައި އެބަ ހިމެނިވަޑައިގަންނަވާ ކެމެރާމަނުންނާއި ތަފާތު ގިންތީގެ ބޭފުޅުން އެބަ ހިމެނިވަޑައިގަންނަވާ، އެހެންވީމަ އެބައި ބަދަލުކުރަން އަޅުގަނޑުމެން ހުށަހަޅާފަ މިވަނީ ނޫސްވެރިންނަށް، އޭތި ފުޅާވެގެން އެދަނީ އޭރުން ކެމެރާމަނުންނާއި ހުރިހާ ނޫހެއްގައި މަސައްކަތްކުރާ އެންމެނަށް ވެސް އިސީން އެފުރުސަތު ދީފަ އެކްރެޑިޓް ކޮށްފިއްޔާ އެ ފުރުސަތު އެބަ ލިބޭ،"
އެގޮތުން އިންތިހާބު މޮނީޓާ ކުރަން ހުރެވޭނީ، އެންމެ ރިޕޯޓަރަކަށްކަން ކަމަށް ގާނޫނުގައި މިހާރު ބަޔާންކޮށްފައި އޮތް ނަމަވެސް އެ އިސްލާހުގެ ސަބަބުން، އެއް ނޫހެއްގެ އިތުރު ނޫސްވެރިންނަށް އެތަނަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ
"ގާނޫނުގެ 41 ވަނަ މާއްދާގެ (ށ)ގައި މިހާރު ބުނަނީ، އެންމެ ރިޕޯޓަރަކަށޭ ހުރެވޭނީ ވޯޓުލާ މަރުކަޒެއްގައި، އެކަމަކު އަޅުގަނޑުމެނަށް މިހާތަނަށް ތަޖުރިބާ ކުރެވުނު ކަންތައްތަކަށް ބަލާއިރު ކެމެރާމަން ވަދެފަ ރިޕޯޓަރުން ވަންނަންވީމަ އެ ފުރުސަތެއް ނޯވޭ މިހާރަކު، އެހެން ނަމަވެސް އަޅުގަނޑުމެން އެދިފަ މިއޮތީ، މި ގަވާއިދުގަ ބަޔާންކުރާ އަދަދަކަށް އެތަނުގައި ޖާގަ އޮތިއްޔާ ހަމަ ދެމީހުންނަށްވެސް ވަދެވޭނެ އެފުރުސަތުވެސް ފުޅާކުރަން އެެދިފަ އެއޮތީ."
ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ތަކުގެ ތެރެއިން، އެންމެބޮޑު ކަންބޮޑުވުމަކީ ރަޖިސްޓްރީ ކޮށްފައިވާ ނޫސްތަކޭ ބުނާ މައްސަލަކަން ފާހަގަ ކުރައްވައި ހަބީބު ވިދާޅުވީ، "އަޅުގަނޑުމެން މިހާރު ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގައިވެސް ހަމަ ބުނަނީ މިހާރުވެސް މިއޮތީ ހަމަ ރަޖިސްޓްރީކޮށްފައި އޮތް ފަރާތްތަކަށް، އަޅުގަނޑުމެން މިހާރުވެސް ހަމަ ފުރުސަތު މިދެނީ އެގޮތަށް، ރަޖިސްޓްރީ ނުކުރާ، މަގުމަތިން އަންނަ މީހަކު، ތިމަންނަމީ ރިޕޯޓަރެކޭ ބުންޏަސް އަޅުގަނޑުމެން އެކަމެއް ނުކުރާނެ،، ކުރީގަވެސް ނުކުރަން އަދި ކުރިއަށް އޮތްތަނުގައިވެ ކޮމިޝަންގެ ވިސްނުމެއް އެކަން އެގޮތަށް ކުރާކަށް ނެތް،" ހަބީބު ވިދާޅުވިއެވެ.