ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އިނގިރޭސި ކްލަބު ޗެލްސީއާއި އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ވާދަކުރަން ޖެހިއްޖެއެވެ.
ޗެލްސީއާއި ރެއާލް ވަނީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާގައިވެސް ވާދަކޮށްފައެވެ. ޗެލްސީ އެ ފަހަރު އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި 3-1 އިން ބަލިވި ނަމަވެސް ރެއާލް ދަނޑުގައި އެ ޓީމު ބަލިކުރިއެވެ. އެ ފަހަރު ދެވަނަ ލެގުގެ މެޗު އިތުރު ވަގުތަށް ގޮސް، ރެއާލް ކުރި ހޯދީ އެގްރިގޭޓް 5-4 ގެ ނަތީޖާއަކުންނެވެ. ޗެލްސީން ރެއާލް ދަނޑުގައި މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ.
ޗެލްސީއާއި ރެއާލް އޭގެ ކުރީ އަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައިވެސް ވާދަކުރިއެވެ. 2020-21 ވަނަ އަހަރުގެ ސީޒަނުގައި ޗެލްސީއާއި ރެއާލް ވާދަކުރި ފުރަތަމަ މެޗު ރެއާލް ދަނޑުގައި 1-1 އިން އެއްވަރުވި އިރު، ދެވަނަ ލެގު ޗެލްސީން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. އެ އަހަރު ޗެމްޕިއަންސް ލީގު އުފުލައިލީވެސް ޗެލްސީންނެވެ.
މިއަދު ނެގު ޗެމްޕިއަންސް ލީގުގެ ގުރުގައި ދެން އެންމެ ފާހަގަކޮށްލެވޭ ކުއާޓާ ފައިނަލް މެޗަކަށް އޮތީ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ބަޔާން މިއުނިކްގެ ކުރިމަތިލުމެވެ. މީގެ ކުރިން ބަޔާންއާއި ސިޓީން ޗެމްޕިއަންސް ލީގުގައި ހަ ފަހަރު ވާދަކޮށްފައިވާ އިރު، ނަތީޖާތައް ފެންނަން އޮތީ ދާދި ހަމަހަމަ ކޮށެވެ. ކޮންމެ ޓީމަކުންވެސް ތިން މެޗު ކާމިޔާބު ކޮށްފައިވެއެވެ.
ބަޔާންއާއި ސިޓީން އެންމެފަހުން ޗެމްޕިއަންސް ލީގުގައި ވާދަކުރީ 2014-15 ވަނަ އަހަރުގެ ސީޒަނުގައެވެ. އެއީ ގްރޫޕް ސްޓޭޖުގައެވެ. އެ ފަހަރު ސިޓީ ހޯމްގައި 3-2 އިން ބަޔާން ބަލިކުރި އިރު، ބަޔާން ދަނޑުގައި ސިޓީ ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. އޭގެ ކުރިންވެސް 2011-12 އަދި 2013-14 ވަނަ އަހަރުގެ ސީޒަނުގައިވެސް ބަޔާންއާއި ސިޓީ ޗެމްޕިއަންސް ލީގުގައި ވާދަކުރަން ޖެހިފައި ވަނީ ގްރޫޕް ސްޓޭޖުގައެވެ. މިއީ އެ ދެ ޓީމުން ޗެމްޕިއަންސް ލީގުގެ ނޮކްއައުޓްގައި ކުރިމަތިލާންޖެހޭ ފުރަތަމަ ފަހަރެވެ.
ޗެމްޕިއަންސް ލީގުގެ މިފަހަރުގެ ކުއާޓާގައި ދެން އޮތް އަނެއް ދެ ކުރިމަތިލުމަކީ އޭސީ މިލާނާއި ނަޕޯލީގެ ކުރިމަތިލުމުގެ އިތުރުން އިންޓަ މިލާނާއި ބެންފިކާގެ ކުރިމަތިލުމެވެ.
މިހާރު ގުރުނަގައިފައިވާ ގޮތުން ޗެމްޕިއަންސް ލީގުގެ ސެމީތަކުގައި ޖެހޭނީ ވަރުގަދަ ޓީމުތަކެކެވެ. ބަޔާންއާއި ސިޓީގެ ކުރިމަތިލުމުން ސެމީއަށް ދާ ޓީމު ނުކުންނާނީ ޗެލްސީއާއި ރެއާލް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ސެމީގެ ދެވަނަ މެޗުގައި ކުޅޭނީ ބެންފިކާ އިންޓަ މިލާން މެޗުން މޮޅުވާ ޓީމަކާއި އޭސީ މިލާން ނަޕޯލީ މެޗުން މޮޅުވާ ޓީމެކެވެ.