ސަރުކާރުގެ މަގާމުތަކުގައި ތިބި ޖުމްހޫރީ ޕާޓީގެ މެމްބަރުން، މަގާމުތަކުން ވަކި ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ރޭ ވަނީ ފާސްކޮށްފައެވެ. ޖުމްހޫރީ ޕާޓީގެ އެ ނިންމުމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ވަނީ ސަރުކާރުގައި ތިބި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މިނިސްޓަރުންނާއި އޭނުންވެސް މަގާމުތަކުގައި ތިބި މީހުން އިސްތިއުފާއަށް ގޮވާލައި އިސްތިއުފާ ނުދެއްވައިފި ނަމަ ނޯ ކޮންފިޑެންސް ވޯޓެއް ނަގާނެ ކަމަށް ވިދާޅުވެފައެވެ.

މެމްބަރުންގެ އެ ވާހަކަތަކަށް ރައްދުދެއްވައި ރައީސް ނަޝީދު މިއަދު ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މިހާރު މި އޮތީ އެމްޑީޕީ އިސްވެ އުފެއްދި ކޯލިޝަން ސަރުކާރެއް ކަމަށާއި އެހެންކަމުން އެއްވެސް ޕާޓީއެއްގެ މެމްބަރަކު ސަރުކާރު މަގާމަކުން ވަކި ނުކުރެވޭނެ ކަމަށެވެ.

"މިވަގުތު ހިނގަމުން މިދަނީ އެމްޑީޕީ އިސްވެ އުފެއްދި އިއްތިހާދުގެ ސަރުކާރެއް. މި ދައުރު ނިމެންދެން ސަރުކާރުގައި ހިމެނޭ އެއްވެސް ޕާޓީއެއްގެ މެންބަރެއް ސަރުކާރުން ވަކި ނުކުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާސިމުވެސް ވިދާޅުވީ، ކޯލިޝަން އެއްބަސްވުމަކީ މި އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް ދެމިގެންދާ ގޮތަަށް ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުން ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދިނުމުގެ ވާހަކަ އެއީ ލަދުވެތި ކަމެއް ކަމަށް ފާހަގަކުރެވޭ ނަޒަރިއްޔާތަކުން ވާހަކަފުޅު ދެއްކެވީމާ ދަންނަވާލަން އެއީ އެއްގޮތަކަށްވެސް ލަދުވެތިކަމެއް ނޫން،" ގާސިމް ވިދާޅުވިއެވެ.

"އެއްބަސްވުމެއްގައި އަޅުގަނޑުމެންގައި ސޮއިކޮށްގެން މި ސަރުކާރުގައި ތިބީ އެހެންކަމަށް ވަންޏާ އަޅުގަނޑުމެން ދަންނަވާނީ އިއްޒަތްތެރި ރައީސުލްޖުމްހޫރިްޔާވެސް ޖެހޭނީ އިސްތިއުފާ ދެއްވާށޭ، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާވެސް ޖެހޭނީ އިސްތިއުފާ ދެއްވަން،"

ގާސިމް އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ސަރުކާރުން ދީފައިވާ މަގާމުތަކަކީ އެއްވެސް މީހެއްގެ އަމިއްލަ ތަރިކަ މުދަލަކުން ދީފައިވާ މަގާމުތަކެއް ނޫން ކަމަށެވެ.

"ވީހިނދު އެއްވެސް ބޭފުޅަކު މި އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ކުރިން އިސްތިއުފާ ދޭން އަޅުގަނޑެއް ނުދަންނަވާނަން، އަޅުގަނޑަށް ފެންނަނީ އެއްގޮތަކަށްވެސް އިސްތިއުފާ ނުދެއްވުމަށް،" ގާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަމިއްލައަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ވަރަށް ރީތިކޮށް ޖާގަ ލިބޭ ކަމަށެވެ. އަދި ގިނަ ޕާޓީތައް ހަދައިގެން ތިބުމުގެ ބޭނުމަކީވެސް އެއީ ކަމަށާއި ރައްޔިތުންނަށް މަންފާތަކެއް ހޯދައިދެވޭނެ ގޮތްތަކެއް ހޯދައިދިނުމަށް ވާދަވެރިކަމެއް އޮންނަންޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.