އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީއާއެކު ކޯލިޝަން ނުހެދީ ފޮރިން ޕޮލިސީގައި ހިޔާލުތަފާތުތައް ހުރުމުން ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު ވިދާޅުވެއްޖެއެވެ.
ޗަމްޕާ ހޮޓެލްގައި މިއަދު ބޭއްވި އެމްޑީއޭގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި މައުރޫފު ވަނީ ކޯލިޝަން ހެދުމާ ބެހޭގޮތުން ޕީޕީއެމާ އެކު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފުސީލު ހިއްސާކުރައްވައިފައެވެ.
"ދެން އަޅުގަނޑު ސީދާ ރައީސްއާ (ސިޔާމް) ހިއްސާ ކުރިން ޕީޕީއެމްގެ ވާހަކަތައް. އެ ބޭފުޅުންގެ ވާހަކަތައް އިންނެވީ މިގޮތަށް ކަމަށާއި، އެ ބޭފުޅުންގެ ރިޔާސީ ކެންޑިޑޭޓު ކަމަށް މިވަގުތު އައްޔަންކޮށްފައި ހުރި ބޭފުޅުވީ ޖަލުގައި ކަމުން، ސައްހަ ކެންޑިޑޭޓެއް މިވަގުތު ފެންނަން ނެތް ކަމަށް. އަދި ރައީސް ޔާމީނަށް ކުރިމަތިލެވޭނީވެސް މިހާރުގެ ހުކުމުން މިނިވަންވެގެންކަން. އަޅުގަނޑު ތަކުރާރުކޮށް ސުވާލު ކުރިން އެއްވެސް އުއްމީދެއް އެބައޮތްތޯ ރައީސް ޔާމީނަށް ނުކުމެވަޑައިގަނެވޭނެކަމުގެ. އެ ބޭފުޅުން ދެންނެވީ ހައި ކޯޓުން އިސްތިއުނާފުވެގެން އެކަން ވެއްޖިއްޔާ ކުރިއަށް ދާނޭ. އެހެންނަމަވެސް އެއީ ކައިރި މުސްތަގުބަލެއްގައި ވެދާނެ ކަމަކަށް އެ ބޭފުޅުންނަކަށް ނުދެންނެވުނު،" މައުރޫފު ވިދާޅުވިއެވެ.
މައުރޫފު ވިދާޅުވީ ޔާމީން، ސައްހަ ކެންޑިޑޭޓަކަށް ވާނީ ޖަލުން މިނިވަންވުމުން ކަމަށާއި ސައްހަ ކެންޑިޑޭޓެއް ނެތި ކޯލިޝަން ހަދަން އުނދަގޫވާނެކަން ޕީޕީއެމްއަށް އެންގި ކަމަށެވެ.
ޕީޕީއެމްއިން މިހާރު އަވައްޓެރި ގައުމަކާ ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ކޯލިޝަން ހެދިޔަސް އެއްބާރުލުން ނުދޭނެކަން އަންގާފައިވާނެ ކަމަށްވެސް މައުރޫފު ވިދާޅުވިއެވެ.
ރާއްޖެއަކީ ޓޫރިޒަމް އިންޑަސްޓްރީއަށް ބަރޯސާވެފައިވާ ގައުމަކަށްވާ އިރު، ޕީޕީއެމުން އަވައްޓެރި ގައުމަކާ ދެކޮޅަށް ކުރާ މަސައްކަތުގެ ސަބަބުން ޓޫރިޒަމަށް ނޭދެވޭ އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީއޭގެ ޑެޕިއުޓީ ލީޑަރަކަށް ހުންނެވި ޑރ. އައިޝަތު ރަފިއްޔާވެސް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮމަންވެލްތުން ވަކިވުމުގެ ސަބަބުން ރާއްޖެއަށް ލިބެމުންދިޔަ ސްކޮލާޝިޕްތައް ލިބުން ހުއްޓުނުކަން ފާހަގަ ކުރައްވައިފައެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނު ނަމަވެސް މިހާރު ސްކޮލާޝިޕް ލިބޭ އަދަދު މަދު ކަމަށާއި އަދި ބައެއް ސްކޮލާޝިޕްތަކަށް ދަރިވަރުން އަމިއްލަޢަށް ފައިސާ ދައްކަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޔާމީންގެ ސަރުކާރުން ގަތަރާ އެކު އޮތް ގުޅުން ކަނޑާލުމުގެ ސަބަބުން އަދިވެސް އެ ގައުމާއި ރާއްޖެއާ ދެމެދު ހަރުދަނާ އެކުވެރި ގުޅުމެއް އުފެދިފައިނުވާ ކަމަށް ރަފިއްޔާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު