މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ބެހޭގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއެކު މަޝްވަރާކޮށްފިއެވެ.

ސަން ސިޔާމް ބިލްޑިންގައި މިއަދު ހަވީރު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޕީއެންސީގެ ނައިބު ރައީސް، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި އެމްޑީއޭއަކީ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށާއި ޕީޕީއެމް، ޕީއެންސީ އަދި އެމްޑީއޭއަކީ އެއް ޕާޓީއެއް ކަމަށެވެ.

ޕީޕީއެމާއި އެމްޑީއޭއަކީ ވަކިނުކުރެވޭވަރުގެ ގާތް ދެ ޕާޓީ ކަމަށާއި އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާ ގުޅިގެން މަސައްކަތްކުރުމުގެ ރީތި ތާރީހެއް އެބައޮތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ހަގީގަތުގައި އެމްޑީއޭ އަކީ ޕީޕީއެމްގެ ބައިވެރިއެއް. އަޅުގަނޑުމެން ހެދިފައި އޮތް ކޯލިޝަން އެއްބަސްވުމަކީ އޮނާ ކުރެވި، ޓެސްޓުވެ އަދި ފާސްވެފައި އޮތް އެއްބަސްވުމެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެމްޑީއޭ އާއި ޕީޕީއެމް ކޯލިޝަނަކީ ވަކި ނުވެވޭހާ ގާތް ދެ ޕާޓީ،" ޝުޖާއު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭގޮތުން އެންމެ އިސްކަމެއް ދިނީ އެމްޑީއޭއަށް ކަމަށާއި ކުރިން ކޯލިޝަން ހެދުމާ ގުޅޭގޮތުން އެމްޑީއޭއާ މަޝްވަރާނުކުރީ އެ ޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ސިޔާމް ނުކުންނެވުމުގެ ވިސްނުން ގެންގުޅުއްވާތީ އިހުތިރާމުކުރުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މީގެ ކުރިން އެމްޑީއޭއާ ހިޔާލުތަފާތުވުމުގެ ސަބަބުން ވާހަކަ ދައްކާފައިވިޔަސް، މިހާރު ސިޔާމަކީ ސިޔާސީގޮތުން ބުރަދަން ހުރި ބޭފުޅެއް ކަމަށާއި އަދި ސިޔާމަކީ ރައީސްގެ މަގާމަށްވެސް އެކަށީގެންވާ ބޭފުޅެއް ކަމަށެވެ. އަދި ސިޔާސީ މައިދާނުގައި އަބަދުވެސް ކަންތައް ބަދަލުވެގެންދާނެ ކަމަށާއި އެހެންކަމުން މާޒީއަށް ބަލައިފައި ކަންކަން ނުނިންމާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެ ޕާޓީގެ ސަޕޯޓަރުންނަކީވެސް ވަރަށް ބަދަހި ސަޕޯޓަރުންތަކެއް. ގްރާސްރޫޓުގެވެސް ވަރަށް ގުޅުން ބަދަހި، އެއް ގްރާސްރޫޓެއް މި އޮންނަނީ ދެ ޕާޓީގަވެސް. އެހެންވީމާ އުންމީދަކީ ހަމަ އިރާދަކުރެއްވިއްޔާ އެކުގައި މަސައްކަތް ކުރެވޭނެ ދުވަހެއް ވަރަށް އަވަހަށް ފަހިވެގެން ގޮސް، އަޅުގަނޑުމެންގެ ގްރާސްރޫޓު ހިތްއުފާ ކޮށްދޭވަރުގެ ކޯލިޝަނަކަށް އަނެއްކާވެސް މި ކޯލިޝަން ވެގެން ދިއުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އުއްމީދެއް،" ޝުޖާއު ވިދާޅުވިއެވެ.

އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު ވިދާޅުވީ އެމްޑީއޭއިން ވަނީ 2013 ވަނަ އަހަރު ޕީޕީއެމްއާއެކު ހެދި ކޯލިޝަން ވަރަށް ކަމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައި ކަމަށެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން ވަކި ކޮޅަކަށް ނޭރުމުގެ ސަބަބުން ޕާޓީއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ގައުމީ ކައުންސިލުން ނިންމީ އަޅުގަނޑުމެން 2023 ގައި ކޯލިޝަންއާއެކީގައި ދަތުރުކުރުމުގެ ވިސްނުން،" މައުރޫފު ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ ޕީޕީއެމްއާއެކު ބޭއްވި ބައްދަލުވުމަކީ ވަރަށް ބިނާކުރަނިވި މަޝަވަރާތަކެއް ކުރެވުނު ބައްދަލުވުމެއް ކަމަށާއި ޕީޕީއެމްގެ ލީޑާޝިޕުންނާއި އެމްޑީއޭގެ ފަރާތުން ބައެއް ކަންކަން ހުށަހަޅާފައިވާ ކަމަށާއި، އެ ހުށަހެޅުންތަކުގެ މައުލޫމާތު ފަހުން މީޑިއާތަކަށް ހިއްސާކުރާނެ ކަމަށެވެ.

އެމްޑީއޭ ވަނީ ހުރިހާ ސިޔާސީ ޕާޓީއަކަށްވެސް ހުޅުވިފައި ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްވެސް އެމްޑީއޭގެ ރައީސް ސިޔާމްއާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި އެމްޑީއޭއިން ކޯލިޝަން ހަދާނީ ގައުމަށް އެންމެ ފައިދާ ހުރި އަދި ސިޔާސީ ހަމަޖެހުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީއޭގެ ލީޑަރު ސިޔާމަކީ އަހުލާގު ރަނގަޅު ބޭފުޅެއް ކަމަށާއި ކޯލިޝަނެއް ހަދައިފިނަމަ އެ ކޯލިޝަން ސިޔާމް ދަމަހައްޓަވާނެ ކަމަށާއި 2013 ވަނަ އަހަރު ހެދި ކޯލިޝަންގައި ހިމެނޭ ޕާޓީއަކުން ޔާމީންގެ ވެރިކަން ވައްޓާލަން މަސައްކަތްކުރެއްވި ނަމަވެސް ސިޔާމް މަސައްކަތްކުރެއްވީ ވެރިކަން ދަމަހައްޓަން ކަމަށް މައުރޫފު ވިދާޅުވިއެވެ.