މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމައި، އެމްޑީޕީއާއެކު ކުރިއަށްދިއުމަށް އަދާލަތު ޕާޓީން ނިންމުމުން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދާލަތު ޕާޓީއަށް ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް ސޯލިހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖެއަށް ހަމަޖެހުމާއި އުފާވެރި ދުވަސްތަކެއް ހޯއްދަވައިދެއްވުމަށް އެންމެން ގުޅިގެން މަސައްކަތްކުރެއްވުމަށް ކަމަށެވެ.
"2023ގެ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން އެމްޑީޕީއާ ގުޅިގެން ކުރިއަށްދިއުމަށް ނިންމި ނިންމުމަށް މަރުހާބާއާއި ޝުކުރު ދަންނަވަން. އަޅުގަނޑު އެދެނީ ދިވެހިރާއްޖެއަށް ހަމަޖެހުމާއި އުފާވެރި މާދަމައެއް ހޯދައިދިނުމުގައި އަޅުގަނޑުމެން އެންމެން އެކީ ގުޅިގެން ކުރިއަށްދިއުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އަދާލަތު ޕާޓީން އެމްޑީޕީއަށް ތާއިދުކުރެއްވުމަށް ނިންމެވުމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯލިޝަންގެ އެތެރެއިންނާއި ބޭރުން ދިމާވި ދަތިކަމާއެކުވެސް ސަރުކާރާއެކު އަދާލަތު ޕާޓީ ދެމިތިބީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ.
"އަދާލަތު ޕާޓީގެ ނިންމުމަށް އެމްޑީޕީގެ ފަރާތުން ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން. ކޯލިޝަންގެ އެތެރެއިންނާއި ބޭރުން ކުރިމަތިކުރުވި ބޮޑެތި ގޮންޖެހުންތަކާ ފުރައްސާރަތަކާއެކުވެސް، ސާބިތުކަމާއެކު މިޕާޓީ އާއި ސަރުކާރާއެކު މި ވޭތުވެދިޔަތާ ގައުމުގެ ހެވާއި ލާބައަށް ތިއްބެވީތީ ޝުކުރު ދަންނަވަން،" ފައްޔާޒު ވިދާޅުވިއެވެ.
ރައީސް ސޯލިހަށް ތާއީދުކުރަން ނިންމިކަން އިއުލާންކުރުމަށް އަދާލަތުން މިރޭ ނެރުނު ގަރާރެއްގައި ބުނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހަށް ތާއީދުކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނާއި އެޕާޓީއާ ދެމެދު އެއްބަސްވެވުނު ކަންކަމާ މެދު މަޝްވަރާ ކުރުމަށް މިއަދު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށް ފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް އިސްކަން ދިނުމަށާއި މެނިފެސްޓޯ އެކުލަވާލުމުގައި އަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމައަށް ހޯދުމަށް އެއްބަސްވެފައިވާ ކަމަށެވެ.
ވޭތުވެދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު އަދާލަތު ޕާޓީއަށް ކުރެވިފައިވާ ތަޖުރިބާ އާއި އެކި ސަރުކާރުތަކުގައި އަދާލަތު ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރަން ލިބުނު ފުރުސަތުތަކަށާއި ދިވެހިރާއްޖޭގެ ސިޔާސީ މާހައުލު މިވަގުތު އޮތް ގޮތަށް ކައުންސިލް ބައްދަލުވުމުގައި ރިއާޔަތް ކޮށްފައިވާ ކަމަށްވެސް އަދާލަތުން ބުންޏެވެ.
އެކަންކަމަށް ރިއާޔަތް ކުރުމަށްފަހު އިސްލާމް ދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް އެ ޕާޓީއަށް މަސައްކަތްކުރެވެން އޮތީވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު އިންތިހާބުކޮށްގެން ކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
"އަދާލަތު ޕާޓީގެ ދުސްތޫރުގެ 49.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލުމަށްފަހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރުވަމެވެ،" ގަރާރުގައިވެއެވެ.
އެގޮތަށް ނިންމާފައިވަނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 42 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓާއެކު ކަމަށް އެ ޕާޓީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު