ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުމަށް އެދިވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުގެ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ކުރިމިނަލް ކޯޓުން ޔަމީންގެ މައްޗަށް އިއްވި ހުކުމް އިއްޔެ ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑރ. ޖަމީލް ވިދާޅުވީ މިހާރު ކުރިއަށް ގެންދަވާނީ ކަފާލާތުގެ ދަށުން ޔަމީން މިނިވަންކޮށްދިނުމަށް އެދި ހުށަހެޅުއްވުމުގެ ކަންކަން ކަމަށެވެ.
"އަޅުގަނޑުމެން އެދޭނަން. އަދި އަޅުގަނޑުމެންނަށް އުއްމީދުކުރަން އެ ހުކުމް ދެއްވާނެ ކަމަށް. އެއީ މިހާ ބޮޑެތި ގޯސްތަކެއް ހަދާފައި ހުރުމުން،" ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް ވިދާޅުވީ ވޮޑަމުއްލާ މައްސަލައިގައި ޔާމީން ކަފާލާތުގެ ދަށުން މިނިވަން ކުރަން އަމަރު ނުލިބުނަސް، މި މައްސަލައިގައި ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އަމުރު ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ވަގުތު އޮއްވައި ޔާމީން މިނިވަންވެޑައިގަންނަވާނެ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި ކުރިމިނަލް ކޯޓުން ޔާމީނަށް ހުކުމްކުރުމުގައި ބޮޑެތި ގާނޫނީ ގޯސްތަކެއް ހަދާފައިވާ ކަމަށާއި ހައި ކޯޓުން ޔާމީން މިނިވަން ކުރާނީ އެކަންކަމަށް ރިއާޔަތްކުރުމަށްފަހު ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
"ވަރަށް ޔަގީންކަން އެބައޮތް މިހާރު މި އޮތް އިިންތިހާބުގައި އެކަށީގެންވާ ވަގުތު އޮއްވައި އަޅުގަނޑުމެންނަށް މިކަން ކާމިޔާބު ކުރެވޭނެ. ހައި ކޯޓުން މައްސަލަ ކާމިޔާބު ކުރެވޭނެ. ރައީސް ޔާމީންގެ ޒައާމަތެއް 2023 ވަނަ އަހަރުގެ އިންތިހާބަށް ފަހު ފެށިގެން ދާނެ" ޑރ. ޖަމީލް ވިދާޅުވިއެވެ.