އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރާނީ އަހަރު 1.5 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭގޮތަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އާޓީފިޝަލް ބީޗުގައި ރޭ ބޭއްވި "އިބޫ 2023" ޖަލްސާގައި ރައީސް ވިދާޅުވީ، 20 މިނެޓާއި 30 މިނެޓުން ދަތުރުކުރެވޭ ހިސާބުތަކުގައި އެއާޕޯޓު ހަދާނެ ކަމަށެވެ. އަދި ވިދާޅުވީ ހދ. ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓް ފަދައިން ދެކުނުގެ ރަށްތަކުގައި އިންޓަނޭޝަނަލް އެއާޕޯޓުތައް ތަރައްގީ ކުރާނެ ކަމަށެވެ.

"ގަން އިންޓަނޭޝަނަލް އެއާޕޯޓު ވެގެންދާނީ އަހަރަކު 1.5 މިލިއަން ޕަސެންޖަރުންނަށް ހިދުމަތްދެވޭ އެއާޕޯޓަކަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ހޯރަފުށި އެއާޕޯޓުގެ މަސައްކަތް ނިންމާފައިވާ ކަމަށާއި މިހާރު ހޯރަފުށި އެއާޕޯޓް އާންމު ދަތުރުފަތުރަށް ބޭނުންކުރަމުންދާ ކަމަށެވެ. ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތްވެސް މި ސަރުކާރުން ނިންމާފައިވާ ކަމަށާއި މ. މުލި އެއާޕޯޓާއި ފ. މަގޫދޫ އެއާޕޯޓު މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ބޮޑުކުރުމުގެ މަސައްކަތް މިހާރު މޮބިލައިޒްކޮށްފައިވާ ކަމަށެވެ. އަދި ނ. މަކުނުދޫ، ބ. ތުޅާދޫ ށ. ބިލަތްފަހި އަދި ތ. ވިލުފުށި އެއާޕޯޓު މިހާރު ބީލަމަށް ލާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިކަންކަން ކޮށްފައި މެނުވީ ކުޑަ ދުލެއް އެމްޑީޕީ ދިނަސް ނުވިކަމެއް އަނެއްކާވެސް އޮންނާނީ ނުވެ ހުއްޓިފަ. ހުއްޓި އަޅުގަނޑުމެންނަކަށް ތިބެވޭކަށް ނެތް، އަޅުގަނޑުމެންދާން ޖެހޭނީ ކުރިއަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހަދަން ފަށާފައިވާ ފުލެޓުތައް ނިންމައި ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މާލޭ ރައްޔިތުންނަށް ހަމަޖެހިގެން އުޅެވޭނެ ގޮތްތައް ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓާނުލައްވާނެ ކަމަށެވެ.