ހއ. ދިއްދޫގައި އެއާޕޯޓެއް ގާއިމުކުރުމުގެ ވާހަކަ ނުދައްކަންވީ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ދިއްދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެ މަނިކުފާނު އަލުން ދިއްދުއަށް ވަޑައިގަވަޑައިގަންނަވާނެ ކަމަށެވެ.
"ރިޔާސީ އިންތިހާބުގެ ކެމްޕޭނުގަ، މެނިފެސްޓޯ އެކުލަވާލާނަން، ތިޔަބޭފުޅުންނާ މަޝްވަރާ ކުރާނަން. އޭގަ މިރަށު އެއާޕޯޓް ނުހިމަނަންވީ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ. އެހެންވީމާ މިދާއިރާގެ ތަރައްގީއަށްޓަކައި ތިޔަބޭފުޅުން އެދިވަޑައިގަންނަވާ މަގުން އަޅުގަނޑުމެންދާނީ ކުރިއަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިހަވަންދޫގައި ކުރަން ވައުދުވެވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން މަގު ހެދުމުގެ މަޝްރޫއާއި ގޭދޮށު މަސް ފެކްޓަރީ ގާއިމުކުރުމުގެ މަޝްރޫއަކީ މި ދައުރުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ މަޝްރޫއުތައް ކަމަށެވެ.
ރައީސް ވިދާޅުވީ ބިން ހިއްކައިދެއްވާނެ ކަމަށް ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުންނަށް އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި ބިން ހިއްކުމުގެ މަސައްކަތް ނުނިމިހުރި ރަށްރަށުގެ މަސައްކަތް ނިންމުމަށް ރާއްޖެއިން ބޭރުގެ ކުންފުންޏަކާއެކު މިހާރު މަޝްވަރާ ކުރަމުންގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. ބިން ހިއްކުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ދިއްދޫ ބިން ހިއްކުމުގެ މަސައްކަތްވެސް އަދި ނިމިފައިނުވާ ކަމަށާއި އެހެންކަމުން ބޭރުގެ ކުންފުންޏާއެކު ހަދާ އެއްބަސްވުމުގައި ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމުމަށް ހިމަނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޕްރައިމަރީގައި ވޯޓު ދޭއިރު ވިސްނަންވީ އެމްޑީޕީއަށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތަކަށް ވޯޓު ދިނުމަށް ކަމަށެވެ. އަދި ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތަކީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވުން ކަމަށް އެހެން ސިޔާސީ ޕާޓީތަކުންވެސް ގަބޫލުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮވިޑް-19އިގެ ސަބަބުން އެ މަނިކުފާނަށް ވެރިކަން ކުރެއްވުމަށް ލިބިވަޑައިގަތީ ދެ އަހަރު ނުވަތަ ދެ އަހަރާ ބައި ކަމަށެވެ. ކޮވިޑްގެ ދަތިތަކުގެ ތެރޭގައިވެސް އެ މަނިކުފާނުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ވޭތުވެދިޔަ ސަރުކާރުތަކުގެ ތެރޭގަ ފަސް އަހަރު ކީއްކުރަން 10 އަހަރުންވެސް ނުކުރެވިފައި ހުރި ވަރުގެ ތަރައްގީގެ މަޝްރޫއުތައް އިރާދަކުރެއްވިއްޔާ މި ހަތަރު އަހަރު ދުވަހުގެ ތެރޭގާ ކޮވިޑުގެ ދައްޗާއެކު އަޅުގަނޑުމެން މިގެންދަނީ ކުރިއަށް" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު