ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމް 11 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމާ ގުޅިގެން އެ މަނިކުފާނު މިނިވަންކުރުމަށް ބޮޑު މުޒާހަރާއެއް ބާއްވަން ނިންމާފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
ކުރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހުކުރި އެ ހުކުމުގައި ވަނީ ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމާނާކޮށް އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ހުކުމް ކޮށްފައެވެ. ޔާމީނަށް ކުރި ހުކުމްތައް އިސްތިއުނާފު ކުރައްވާނެ ކަމަށް އެ މަނިކުފާނުގެ ގެ ގަނޫނީ ވަކީލުންގެ އިސް ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ އެ ދުވަހު ވިދާޅުވެފައެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޔާމީން މިނިވަންކުރުމަށް ގޮވާލައި ބާއްވާ ބޮޑު މުޒާހަރާ އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު 4:00 ގައި ކަމަށެވެ. އަންނަ ހުކުރު ދުވަހު ބާއްވާ އެ މުޒާހަރާ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެންމެ ތަންފުކެއްވެސް ދޫނުކުރައްވާށޭ. ކެރިގެން ރައްޔިތުން ނުކުމެވަޑައިގެން މި ގައުމު ސަލާމަތްކުރުމަށް ރައީސް ޔާމީން ފައްޓަވާދެއްވި މަސައްކަތުގައި ސާބިތުވެ ތިއްބަވާށޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، މުޒާހަރާކުރުމާއި އެއްވުންތައް ބޭއްވުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށާއި ހުކުރު ދުވަހު ބާއްވާ މުޒާހަރާއަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ސަޕޯޓަރުން ތިބީ ފުލުހުން ހުރަސް އެޅިޔަސް މުޒާހަރާ ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ކުރިމިނަލް ކޯޓުން ޔާމީނަށް ކުރި ހުކުމަކީ ހަރާން ހުކުމެއް ކަމަށާއި މަތީ މަރުހަލާގެ ކޯޓުން އެ މަނިކުފާނަށް އިންސާފު ލިބިވަޑައިގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު