ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން "ރަސްމާލެ" މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސް ވުމުގެ އެންމެހައި ތަފްސީލްތައް ހަމަ ކުރުމަށް ގޮވާލައި، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ދެނެގަތުމަށްޓަކައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.
މަޖިލީހަށް މި ގަރާރު ހުށަހަޅުއްވަމުން މީކާއީލް ވިދާާޅުވީ، މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެގްރީމެންޓާ ގުޅިގެން، އެ މަޝްރޫއު ކުރިއަށްދާ ވަރަކަށް ތަފްސީލީ އުސޫލުތައް އެކުލަވައިލާނެ ކަަމަށް ބަޔާންކޮށް އެއްބަސްވުމުގެ ތަފްސީލްތައް ސަރުކާރުން ސިއްރު ކުރަމުންދާ ކަމަށެވެ.
ރަސްމާލެއަކީ ރާއްޖޭގެ މުސްތަގުބަލުގެ ތަރައްގީއާ ގުޅިފައިވާ ގައުމުގެ އެންމެ އަގުބޮޑު ރައުސްމާލު ކަމަށްވާއިރު، މި މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އިއުލާނުކޮށްފައިވާ ތަފްސީލްތަކަށް ބަލާއިރު ވެސް ގިނަ ތަފްސީލްތައް ހާމަކޮށްފައި ނުވާ ކަމަށް މީކާއީލް ވިދާޅުވިއެވެ.
އޭގެ ތެރޭގައި:
-
- ސަރުކާރާއި އޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ހުރިހާ ތަފްސީލްތައް ހާމަކޮށްފައި ނުވުން
- ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަަށްފަހު، އެ ބިން ހިއްކުމަށްދިޔަ ހަރަދު ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް އެއްބަސްވުން އެކުލަވާލާފައި އޮތުން
- ރަސްމާލެއިން ހިއްކާފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސް ކުންފުންޏަށް ދީފައި އޮތުން
- އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް، އެއްބަސްވުން އެކުލަވާލާފައި އޮތުން
- އެ ބިމުގައި ތަރައްގީކުރާ ތަންތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުމުގެ (ރޯލިން ލީސް އިންޓްރެސްޓް އުފެއްދުމުގެ) ހައްގު އީގަލް ހިލްސް އަށް ލިބިގެންދާގޮތަށް އެއްބަސްވުން އެކުލަވާލާފައި އޮތުން
- މިފަދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުން ސިއްރުކޮށްފައި ބޭއްވުމަކީ، ދައުލަތުގެ މުދަލާއި މާލިއްޔަތަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބި، ކޮރަޕްޝަނަށް މަގުފަހި ވެދާނެ ކަމަކަށްވުން
މީކާއީލް ވިދާޅުވީ، ރަސްމާލެއަކީ ބޭރުގެ އެއްވެސް ފަރާތަކަށް އެންމެ ދުވަހަކަށްވެސް ކުއްޔަށް ދޭނެ ނުވަތަ ހިލޭ ދޭނެ ތަނެއްނޫންކަމަށް، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވި ނަމަވެސް ރަސްމާލެއިން ހިއްކާފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސްއަށް ކުއްޔަށްދޭން އެއްބަސްވެފައިވާ ކަަމަށެވެ.
ވެރިކަން ހިންގުުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމާއި، ކަންކަން ކުރުމަށްޓަކައި ގާނޫނުއަސާސީ އާއި ގާނޫނުގައިވާގޮތުގެމަތިން ފިޔަވަޅުތައް އެޅުމަކީ ގާނޫނުއަސާސީން މަޖިލީހާ މަތި ކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަަމަކަށްވާތީ އެ ގަރާރު ހުށަހެޅުއްވީ ކަމަށް މެންބަރު މީކާއީލް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް