ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ ބިޔަ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކަނީ ދިވެހިންގެ އަދުއްވުން ކަމަށް މާފަންނު ހުޅަނގު ދައިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
މެންބަރު މިހެން ވިދާޅުވީ، ރަސްމާލެ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މެންބަރު ވިދާޅުވީ، މި ޕްރޮޖެކްޓާބެހޭ މައުލޫމާތު ނުލިބިގެން ކަމަށް ވިދާޅުވެ ގަރާރު ހުށަހަޅުއްވާފައިވާއިރު، ސަރުކާރުންނާއި އެ ޕްރޮޖެކްޓް ކުރިއަށް ގެންދާ ފަރާތްތަކުން ނޫސްވެރިންނާ ބައްދަލުކޮށް ތަކުރާރުކޮށް އެކަމާބެހޭ މައުލޫމާތު ހާމަ ކުރަމުން އަންނަ ކަމަށެވެ.
އެހެންކަމުން މިއަށްވުރެ ހާމަކަން ބޮޑުގޮތަކަށް އެ ޕްރޮޖެކްޓްގެ ކަންކަން ކުރާނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
"99 އަހަރަށް ތަންތަން ދޭވާހަކަ ދައްކާއިރު މިކަން ފެށުނީ 2015 ވަނަ އަހަރު އޭރުގެ ވެރިކަމުގައި 99 އަހަރަށް ތަންތަން ދޭގޮތަށް ނިންމައި ގާނޫނަށާއި، ގާނޫނުއަސާސީއަށް ބަދަލު ގެނައި. އެގޮތުުން އެނބޫދޫ ލެގޫންގެ 750 ހެކްޓަރު ކުރީ ސަރުކާރުން ދޫކޮށްލީ 40 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓަކަށް ދައުލަތަށް ލިބޭނެ ކަމަށް މިބަލަނީ އަހަރަކު ދެ މިލިޔަންޑޮލަރު. މި މެންބަރު މަޖިލީހުގައި އިންނަވަނިކޮށް މިދިޔަ ސަރުކާރުން ނިންމެވީ ޕްރޮޖެކްގެ ވެލިއުއަކީ 27 މިލިޔަން ޑޮލަރު. އެވަރުން ނިމުނީކީނޫން ވ. އަތޮޅުވެސް އެ އޮތީ ދޫކޮށްލައިފަ 700 ހެކްޓަރު ހަމަ 99 އަހަރަށް 38 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓަކަށް. އަހަރަކު ދައުލަތަށް ލިބޭނެ ކަމަށް މި ބަލަނީ ދެ މިލިޔަން ޑޮލަރު، އެެހެންވީމަ މިދިޔަ ސަރުކާރުން އެކަނި ރާއްޖޭގެ ސަރަހައްދުން 1450 ހެކްޓަރު އެއޮތީ 99 އަހަރަށް ދޫކޮށްލައިފަ،"
ނަމަވެސް މެންބަރު ވިދާޅުވީ، މި ސަރުކާރުން 500 ހެކްޓަރު ދޫކޮށްލަން ނިންމާފައިވަނީ، ރާއްޖެއަށް 20 ބިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއް ގެނައުމަށް ކަމަށެވެ. އެހެންކަމުން އަހަރަކު 3.1 ބިލިޔަން ޑޮލަރު ދައުލަތަށް ވަންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ރާއްޖެ ތަރައްގީވެ، ރައްޔިތުންނަށް ތަނަވަސްކަމާއި އުފާފާގަތިކަން ލިބޭނެ ޕްރޮޖެކްޓެއް ކަަމަށް މެންބަރު ވިދާޅުވިއެވެ.
އެހެންކަމުން އެފަދަ ކަމަކާ ދެކޮޅަށް ވާހަކަ ދައްކާނީ ދިވެހި ރައްޔިތުންގެ އަދުއްވުން ކަމަަށާއި، ގައުމަށް ހެޔޮއެދޭ ބައެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރަސްމާލެ
ކޮމެންޓް