ވޯލްޑް ކަޕް 2022ގައި ނެދަލޭންޑްސް ޓީމުން ވިދާލި ޒުވާން ހުނަރުވެރި ފޯވަޑް، ކޯޑީ ގަކްޕޯގެ ސޮއި، ލިވަޕޫލުން ހޯދައިފިއެވެ.
ގަކްޕޯގެ ޓްރާންސްފާއަށް ލިވަޕޫލާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނެދަލޭންޑްސްގެ ކްލަބް، ޕީއެސްވީން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. ޕީއެސްވީން ގަކްޕޯ ޓްރާންސްފާގެ އަގު އިއުލާން ކޮށްފައިނުވާ އިރު، ހަބަރުތައް ބުނެފައިވާ ގޮތުގައި އޭނާގެ އަގަކީ 40 އާއި 50 މިލިއަން ޔޫރޯއާ ދެމެދުގެ އަގެކެވެ.
ޕީއެސްވީން ރޭ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ލިވަޕޫލްގެ މެޑިކަލް ފުރިހަމަކުރުމަށް ގަކްޕޯ މިއަދު އިންގްލެންޑަށް ދާނެއެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ލިވަޕޫލާއި ޕީއެސްވީ އެއްބަސްވުމަކަށް އައިސް، މިހާރު ވަނީ އެއްބަސްވުންތަކުގައި ސޮއިވެސް ކޮށްފައެވެ.
ގަކްޕޯ ހޯދުމަށް ވޯލްޑް ކަޕްގެ ކުރިންވެސް އަދި ވޯލްޑް ކަޕްގެ ތެރެއިންވެސް އެންމެ ބުރަކޮށް މަސައްކަތް ކުރި އެއް ޓީމަކީ އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑެވެ. ކުރިން ނެދަލޭންޑްސް ލީގުގެ އަޔެކްސްއާ ހަވާލުވެ ހުރުމަށްފަހު މި ސީޒަނަށް ޔުނައިޓެޑަށް ދިޔަ ކޯޗު، އެރިކް ޓެން ހާގު ގަކްޕޯއަށް ތައުރީފުކޮށް ގިނަ ވާހަކަތަކެއް ދައްކާފައިވާ އިރު، މިދިޔަ ޓްރާންސްފާ ސީޒަނުގައި އެ ކްލަބުން ވަނީ ގަކްޕޯ ހޯދަން ބިޑްވެސް ކޮށްފައެވެ. އެ ބިޑަށް ޕީއެސްވީން އެއްބަސްނުވި ނަމަވެސް ގަކްޕޯ ވަނީ ޔުނައިޓެޑަށް ދާން ޝައުގުވެރިވެފައެވެ.
ގަކްޕޯ ވޯލްޑް ކަޕް ތެރޭގައިވެސް ބުނެފައި ވަނީ ބޮޑު ކްލަބަކަށް، "ޔުނައިޓެޑަށް ދާން،" ޝައުގުވެރިވާ ކަމަށެވެ. ޔުނައިޓެޑުން އިތުރު ބިޑަކަށް މަސައްކަތް ކުރަމުންދަނިކޮށް، ލިވަޕޫލުން ވަނީ ޑީލް އިއްޔެ ހައިޖެކްކޮށް، ޓްރާންސްފާ ފުރިހަމަކޮށްފައެވެ.
ވޯލްޑް ކަޕަށް ދިޔަ އިރުވެސް ޔޫރަޕްގައި އެންމެ ވިދުން ގަދަކޮށް ހުރި ފޯވަޑަކީ ގަކްޕޯއެވެ. އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ޕީއެސްވީއަށް ކުޅުނު 14 ލީގު މެޗުގައި ނުވަ ގޯލު ޖަހައި، 12 އެސިސްޓް ފުރިހަމަކޮށްފައެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ތިން މެޗުގައިވެސް ގޯލް ޖަހައި ގަކްޕޯ ވަނީ ހާއްސަ ޝަރަފެއްވެސް ހޯދައިފައެވެ.
އުމުރުން އެންމެ 23 އަހަރުގެ ގަކްޕޯއަކީ ނެދަލޭންޑްސް ގައުމީ ޖާޒީގައި ވޯލްޑް ކަޕެއްގެ ތިން މެޗެއްގައި ޖެހިޖެހިގެން ގޯލް ޖެހި ހަތަރު ވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެކަން ހާސިލުކޮށްފައިވަނީ 1974 ވަނަ އަހަރު ޔޮހާން ނީސްކެންއާއި 1998 ވަނަ އަހަރު ޑެނިސް ބާކޭމްޕްގެ އިތުރުން 2010 ވަނަ އަހަރު ވެސްލީ ސްނައިޑާއެވެ.
ލިވަޕޫލުން މި ސީޒަނަށް ތައްޔާރުވުމަށް ޑާވިން ނުނޭޒްވެސް ބޮޑު އަގުގައި ގެންގޮސްފައިވާ އިރު، އޭނާގެ ފަރާތުން އަދި އެކަށީގެންވާ ފޯމެއް ފެނިފައެއް ނުވެއެވެ. އޭގެ އިތުރުން އެ ޓީމުގެ އެޓޭކަށް ވަނީ އަނިޔާގެ މައްސަލަތައްވެސް ކުރިމަތިވެފައެވެ. އެގޮތުން މިހާރުވެސް ލުއިސް ޑިއާޒާއި ޑިއޭގޯ ޖޮޓާވެސް ހުރީ އަނިޔާގައެވެ.