އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަންގެ ފަހު މެޗުތައް މިރޭ ނިމިގެން ގޮސްފިއެވެ.
މިއަހަރުގެ ލީގު ޗެމްޕިއަންކަން އާސެނަލް ހޯދި އިރު، އެޓީމުން ލީގު ކާމިޔާބުކުރީ 22 އަހަރުގެ ދިގު އިންތިޒާރަކަށްފަހުއެވެ. އެކަން އޮތީ މިރޭގެ މެޗުތަކަށް ނުކުތްއިރުވެސް ޔަގީންވެފައެވެ. އާސެނަލުން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް، އިންތިޒާރީ ތަށި އުފުލާލިއެވެ. މެޗުގައި އާސެނަލްގެ ގޯލްތައް ޖެހީ ގެބްރިއަލް ޖީސަސްއާއި ނޮނީ މަޑުއޭކޭއެވެ. ޕެލެސްގެ ގޯލް ޖެހީ ޖޭން-ފިލިޕް މަޓެޓާއެވެ.
ޔުނައިޓެޑުން ތިންވަނަ ޔަގީންކޮށްގެން ސީޒަން ނިންމާލީ 3-0 އިން ބްރައިޓަން ބަލިކޮށްފައެވެ. އެ ބައްޔާއެކު ބްރައިޓަންއަށް އަންނަ ސީޒަނުގައި ޔޫރަޕުން ލިބުނު ޖާގައަކީ ޔޫއެފާ ކޮންފަރެންސް ލީގު ޖާގައެކެވެ. ޔުނައިޓެޑްގެ ގޯލްތައް ޖެހީ ޕެޓްރިކް ޑޯގޫއާއި ބްރަޔަން އެމްބުއޭމޯ އަދި ބްރޫނޯ ފެނާންޑޭޒްއެވެ. ޕްރިމިއާ ލީގުގެ އިތުރުން ޕީއެފްއޭއިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާ ފެނާންޑޭޒްއަށް މެޗު ހާއްސަވީ ޕްރިމިއާ ލީގުގެ ތާރީހީ އެސިސްޓް ރެކޯޑު މުގުރާލެވުމުންނެވެ.
މިރޭ ފުރަތަމަ ގޯލަށް އެސިސްޓް ކޮށްގެން ފެނާންޑޭޒް ވަނީ ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލައިފައެވެ. މެޗުގެ ކުރިން އެ ރެކޯޑު އޮތީ ފެނާންޑޭޒްއާއި ތިއެރީ އޮންރީ އަދި ކެވިން ޑި ބްރޭނާ އަތުގައެވެ. އެއީ 20 އެސިސްޓާއެކުގައެވެ.
އަލްވަދާއުތަކެއް، އެންމެ އަސަރުގަދަ އަލްވަދާއެއް ސަލާހަށް
ލިވަޕޫލަށްވެސް މިރޭގެ މެޗު ހާއްސަވިއެވެ. އެއީ ސީޒަން ނިމުމުން ޓީމު ދޫކޮށްލަން ނިންމާފައިވާ މުހައްމަދު ސަލާހް އެންފީލްޑްގައި ފަހު މެޗު ކުޅުމުންނެވެ. އަނިޔާއިން އެނބުރި އައިސް މިރޭ ބްރެންޓްފޯޑާ ދެކޮޅަށް ސަލާހް ކުޅެފައިވާ އިރު، މެޗު 1-1 އިންވީ އެއްވަރެވެ. ސަލާހް މެޗުގައި އެސިސްޓެއް ހެދިއެވެ. އެ ނަތީޖާއާއެކު ލިވަޕޫލަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައެއްވެސް ޔަގީންވެފައެވެ. ނުވަ އަހަރަށްފަހު ކްލަބު ދޫކޮށްލި ސަލާހަށް މުޅި އެންފީލްޑް ވަނީ ޝުކުރު އަދާކޮށްފައެވެ. އޭގެ އިތުރުން އެންޑީ ރޮބަޓްސަންއަށްވެސް އެ ކްލަބުން ވަނީ އަލަވަދާއު ކިޔައިފައެވެ.
ދެން އެންމެ އަސަރުގަދަ އަލްވަދާއުތަކެއް ފެނުނީ މެންޗެސްޓާ ސިޓީގެ ދަނޑުންނެވެ. 10 އަހަރުން ކްލަބަށް 20 ތަށި ހޯދައިދިން ކޯޗު ޕެޕް ގާޑިއޯލާ ކްލަބުގެ ކޯޗުކަން ދޫކޮށްލި އިރު، ބަނާޑޯ ސިލްވާއާއި ޖޯން ސްޓޯންސްއަށްވެސް އެ ޓީމުން މިރޭ އަލްވަދާއު ކިޔާފައިވެއެވެ. އެއީ ސީޒަނަށްފަހު ކްލަބު ދޫކޮށްލަން ނިންމާފައިވާ ދެ ކުޅުންތެރިންނެވެ. ބަނަޑޯ މެޗަށް އިރުއިރުވެސް ރޮވިފައި ހުރި އިރު، ސިޓީގެ ދަނޑުން ފެނުނީ އަސަރުގަދަ މަންޒަރުތަކެކެވެ. ސިޓީ ވަނީ މިރޭގެ މެޗުގައި އެސްޓަން ވިލާ ކައިރިން 2-1 އިން ބަލިވެފައެވެ.
ސަންޑަލޭންޑަށް ޔޫރަޕް ފުޓުބޯޅަ، ވެސްޓް ހޭމް ރެލިގޭޓް
މިރޭގެ ފަހު މެޗުތަކުގެ ނަތީޖާއިން ޔޫރަޕްގެ ޖާގަތައް ފުރިހަމަވި އިރު، ސަންޑަލޭންޑަށް ވަނީ ހަތްވަނައާއެކު އަންނަ ސީޒަނުގެ ޔޫރޮޕާ ލީގު ޔަގީންވެފައެވެ. އެއީ ޗެލްސީ ކައިރިން 2-1 އިން މޮޅުވެގެންނެވެ. ޗެލްސީއަށްވެސް ކޮންފަރެންސް ލީގު ފުރުސަތު އޮތް ނަމަވެސް އެޓީމު ބަލިވުމުން ނިންމާލީ 10 ވަނައިގައެވެ. ސަންޑަލޭންޑަށް 38 މެޗުން 54 ޕޮއިންޓް ލިބުނު އިރު، އެޓީމުގެ ޓްރައި ހިއުމްގެ ގޯލެއްގެ އިތުރުން ދެން ފެނުނީ މާލޯ ގުސްޓޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޗެލްސީގެ ގޯލް ޖެހީ ކޯލް ޕާމާއެވެ.
ރެލިގޭޝަންގެ އެއް ޖާގައިގެ ބިރު ދެޓީމަކަށް މިރޭ އޮތް އިރު، އެތަނުން ސަލާމަތްވީ ޓޮޓެންހަމްއެވެ. ރެލިގޭޓްވީ ވެސްޓް ހޭމްއެވެ. މިއީ 2010-11 ވަނަ އަހަރަށްފަހު ވެސްޓް ހޭމް ރެލިގޭޓްވި ފުރަތަމަ ފަހަރެވެ. ވެސްޓް ހޭމް މިރޭ ލީޑްސް ކައިރިން 3-0 އިން މޮޅުވި ނަމަވެސް، ޓޮޓެންހަމްއިން 1-0 އިން އެވަޓަން ބަލިކުރުމުން ޓޮޓެންހަމް ސަލާމަތްވިއެވެ.
ވެސްޓް ހޭމްގެ ގޯލްތައް ޖަހައިދިނީ ވަލެންޓިން ކަސްޓެލާނޯސްއާއި ޖެރަޑް ބޮވެން އަދި ކަލުމް ވިލްސަންއެވެ. ޓޮޓެންހަމް ސަލާމަތްކޮށްދިން ގޯލް ޖެހީ ޖުއައޮ ޕަލީނިއާއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު