ބާވީސް އަހަރުފަހުން ހޯދުނު ލީގު ތަށްޓަކީ ކްލަބަށް މަލާމާތާއި ފުރައްސާރަކުރި އެތައް ބަޔަކަށް ދެވުނު ރައްދެއް ކަމަށް އާސެނަލްގެ ތަރި ބުކަޔޯ ސަކާ ބުނެފިއެވެ.
އާސެނަލުން ބާކީ މެޗެއް އޮއްވާ މިފަހަރުގެ ލީގު ތަށި ޔަގީންކޮށްފައިވާ އިރު، ރޭ ތަށި އުފުލާލީ ލީގުގެ ފަހު މެޗުގައި ކްރިސްޓަލް ޕެލެސްވެސް ބަލިކޮށްގެންނެވެ. 2003-04 ވަނަ އަހަރުގެ ސީޒަނަށްފަހު އާސެނަލުން މުޅިން އަލަށް ޕްރިމިއާ ލީގު އުފުލާލާފައިވާ އިރު، މިއީ ސަކާއަށް ހުވަފެނެއް ހަގީގަތަކަށްވުން ކަމަށް އޭނާ ބުންޏެވެ. އަދި އާސެނަލާ ދިމާކޮށް ފުރައްސާރަކުރި އެތައް ބަޔަކަށް ދެވުނު ރައްދެއް ކަމަށް އޭނާ ބުންޏެވެ.
"އަހަންނަށް އެނގޭ އާސެނަލް ސަޕޯޓަރުންނަށް މިއަށްވުރެ ގިނަ ކާމިޔާބީ ހައްގުވާކަން،" ސަކާ ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ސަކާ އެ ޕޯސްޓްގައި ހިއްސާކޮށްފައި ވަނީ މީގެ ހަ އަހަރު ކުރިން ސީޒަނުގެ މެދުތެރެއިން އޭނާ ކުރި ޕޯސްޓެކެވެ. 2020 ވަނަ އަހަރު ސަކާ އެ ޕޯސްޓް ކުރި އިރު، އާސެނަލް އޮތީ ލީގު ތާވަލުގެ 15 ވަނައިގައެވެ. ޑިސެމްބަރާ ހަމައަށް ދިޔައިރު އާސެނަލަށް މޮޅުވެވިފައި އޮތީ އެންމެ ހަތަރު މެޗުންނެވެ.
އެ ހަނދާންތަކާއެކު ސަކާ ކުރި ޕޯސްޓްގައި އިތުރަށް ބުނީ މުޅި އާސެނަލާއި އޭނާއަށްވެސް އެއީ ކަޅު ދުވަސްތަކެއް ކަމަށެވެ. "އޭރު އަހަރެމެން މި ޓީމު، ލީގު ތަށްޓެއް ހޯދާނެ ކަމަށް ގަބޫލުވެސް ނުކުރާނެ. އެތައް ސްކޫލްތަކާއި ސޯޝަލް މީޑިއާގައިވެސް އާސެނަލާ ދިމާކޮށް، ހެމުން މަލާމާތް ކުރަމުންދިޔަ،" ކަމަށް ބުންޏެވެ.
ސަކާ ބުނީ "މިއީ ޖޯކު ޖެހޭނެ ވަގުތެއް ނޫން،" ކަމަށާއި އާސެނަލްގެ ވަގުތު ކަމަށެވެ. އަދި ލީގު ތަށްޓަކީ އާސެނަލަށް އެކަން ނުވާނެ ކަމަށް ބުނެ މަލާމާތް ކުރި އެތައް ބަޔަކަށް ދިން ރައްދެއް ކަމަށް އުމުރުން 24 އަހަރުގެ ސަކާ ފާހަގަކުރިއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު