ލިވަޕޫލާ ހަވާލުވީ ކުރަން ޖެހޭ މަސައްކަތް ދަނެ، މިހާރު އޮތް ހާލަތުވެސް ރަނގަޅަށް އެނގިގެން ކަމަށް އުމުރުން 43 އަހަރުގެ އަންޑޯނީ އިރައޯލާ ބުނެފިއެވެ.

މިދިޔަ ދެ ސީޒަނަށް ލިވަޕޫލަށް ކޯޗުކަން ކޮށްދިން އާނޭ ސްލޮޓް ނިމިިދިޔަ ސީޒަނަށްފަހު މަގާމުން ދުރުކޮށްފައިވާ އިރު، އޭނާ ނެތްތައް ފޫބައްދަން އާ ކޯޗަކަށް އިރައޯލާ ގެނައިކަން މިހާރު ވަނީ ރަސްމީކޮށް އިއުލާނު ކޮށްފައެވެ.

ބޯންމައުތާއެކު މިދިޔަ ދެތިން ސީޒަނުގައިވެސް އިރައޯލާ ވަނީ ތަފާތު ދައްކައިފައެވެ. ހާއްސަކޮށް ނިމިދިޔަ ސީޒަނުގައި 18 މެޗުން ބަލިނުވެ އެޓީމުން ހިފަހައްޓާލައި، ސީޒަން ނިންމާލީ ހަ ވަނައިގައެވެ. އެއީ ކްލަބު ތާރީހުގައިވެސް ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ. ބޯންމައުތު އަންނަ ސީޒަނުގައި ޔޫރޮޕާ ލީގު ކުޅޭނެއެވެ.

"އަހަރެން މިހުރީ ވަރަށް އުފަލާއެކު އާ ކަންތައްތަކަށް ތައްޔާރުވެގެން. އެއީ އަހަންނަށް އެނގޭ ލިވަޕޫލްގެ ބޮޑުކަން، ލިވަޕޫލަކީ ލިވަޕޫލްކަން. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބު. އަހަންނަށް އެނގޭ މި ކްލަބުގެ ކޯޗުކަމަކީ ފަސޭހަ ކަމެއް ނޫންކަން. ޕްރެޝަރު އަންނާނެކަންވެސް،" އިރައޯލާ ބުންޏެވެ.

އިރައޯލާ ބުނީ ލިވަޕޫލް މިހާރު އޮތް ހާލަތު އޭނާއަށް ސާފު ކަމަށާއި، ސަޕޯޓަރުންނާ ގުޅުމެއް އުފައްދާ ކާމިޔާބީގެ މަގަށް މަސައްކަތް ކުރާނެ ކަމަށެވެ.

ލިވަޕޫލަށް މިދިޔަ ސީޒަނަކީ ދަށް ސީޒަނެކެވެ. ތަށްޓަކާ ނުލައި ނިންމާލި އިރު، ޓީމު ތެރެއިން މައްސަލަތައްވެސް ފެނުނެވެ.