ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި 11 އަހަރަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން އެ މަނިކުފާނު މިނިވަންކުރުމަށް ގޮވާލައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މުޒާހަރާ ކުރަން ފަށައިފިއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ވަނީ އާރަށުގެ މައްސަލައިގައި ދެ ދައުވާއެއް ކޮށްފައެވެ. އެއީ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ މައްސަލައިގައި ޔާމީނަށް އިއްވީ ހަތަރު އަހަރު ޖަލު ހުކުމެކެވެ. މަނީ ލޯންޑަރިންގެ މައްސަލައިގައި ހަތް އަހަރުގެ ޖަލު ހުކުމާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އެއް ވަނީ ކޮށްފައެވެ. ޖޫރިމަނާގެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

ޔާމީނަށް ހުކުމް ކުރުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މުޒާހަރާ ކުރަމުންދާއިރު، ބައިވެރިން މިހާރު ތިބީ މަޖީދީ މަގާއި ސޯސަންމަގާ ގުޅޭ ހިސާބުގައެވެ. އެއީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެކޮޅު ކައިރީގައެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ މުޒާހަރާ ފަށާފައިވަނީ މަޖީދީ މަގާއި ޗާންދަނީ މަގު ކަންމަތިންނެވެ. ނަމަވެސް އެސްއޯ ފުލުހުން ގޮސް އެއްވުން ރޫޅާލަން މަސައްކަތް ކުރުމުން އެއްވުމުގެ ބައިވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެއާ ދިމާލަށް ދިއުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން އެކަމަށް ހުރަސް އެޅުމުން ފަހުން މިސްރާބު ޖެހީ ޝާހިދުގެ ގެކޮޅު ކައިރިއަށެވެ.

މުޒާހަރާގެ ބައިވެރިން ދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. އަދި ޝާހިދަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ފާޑު ކިޔަމުންނެވެ.

ފުލުހުން މިހާރު ދަނީ އެއްވުން ރޫޅާލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މުޒާހަރާގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މިރޭގެ އެއްވުމުގެ ތެރެއިން މިހާތަނަށް ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ. ނަމަވެސް ސީދާ ހައްޔަރުކުރި އަދަދެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުޒާހަރާ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ޔާމީނަށް އިއްވި ހުކުމަކީ ޝާހިދުގެ ބޭނުންވި ގޮތަށް އިއްވި ހުކުމެއް ކަމަށެވެ. އަދި އެ ހުކުމަކީ އިންޑިއާއިން ފޮނުވި ހުކުމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިއީ އިންޑިއާއިން ޝާހިދަށް ފޮނުވި ހުކުމެއް. ޝާހިދު ބޭނުންވި ގޮތަށް ހުކުމްކުރީ. އޭނާ އެދަނީ ދައުލަތުގެ ހުރިހާ ފައިސާތަކެއް ހަރަދުކުރަމުން ވައްކަން ކުރަމުން. ގާޒީއަށް ލިބިގެންވާ އިންސާފުވެރިކަމާމެދު ޝަރީއަތް ކުރުމުގެ ހައްގު،" ޝިޔާމް ވިދާޅުވިއެވެ.