މިދިޔަ ބުދަ ދުވަހުގެ ރޭ އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހިގޭ ތިރީ ބައިގައި ހުރި ގަރާޖު (އޭސްއެމް ގަރާޖު) ހިންގަން ހުއްދަ ދީފައި އޮތީ ހުޅުމާލޭގައި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ މައުލޫމާތު ހިއްސާކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ، މ. ނިރުފެހި ގޭގެގައި ހިންގަމުންދިޔަ ގަރާޖުގެ ވެރިފަރާތުގެ ނަމުގައި، 'އޭސްއެމް ގަރާޖު' ނަމުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
"މ. ނިރުފެހި ގޭގެގައި ހިންގަމުންދިޔަ ގަރާޖުގެ ވެރިފަރާތުގެ ނަމުގައި، އޭސްއެމް ގަރާޖު ނަމުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވޭ. އެ ވިޔަފާރި ހިންގުމަށް ހުއްދަ ދީފައިވަނީ ހުޅުމާލޭގައިކަން ތަހުގީގަށް އެނގިފައިވޭ. އެހެންކަމުން ނިރުފެހި ގޭގައި ގަރާޖު ހިންގަމުން ދަނީ އެކަން ކުރުމުގެ ގަވައިދާ ހިލާފަށް،" ސަމީހު ވިދާޅުވިއެވެ.
ސަމީހު ވިދާޅުވީ އެންމެ ފުރަތަމަ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގަރާޖުގައި ކަމަށެވެ. އަދި ދޮޅު މިނިޓުގެ ތެރޭގައި އަލިފާންގަނޑު މުޅި އިމާރާތައް ފެތުރުނު ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ އިމާރާތުގެ ތެރޭގައި 26 މީހަކު ތިބި ކަމަށާއި އޭގެ ތެރޭގައި ގަރާޖާއި މަތީ ދެ ފްލޯގައި ތިބި މީހުން ހިމެނޭ ކަަމަށްވެސް ސާމިހް ވިދާޅުވިއެވެ.
ސާމިހް ވިދާޅުވީ ނިރުފެހިގޭގެ ފުރަތަމަ ބުރީގައި ހަތަރު ކޮޓަރި އަދި ދެވަނަ ބުރީގައި އަށް ކޮޓަރި ހުރި ކަމަށާއި ކޮންމެ ތަނެއްވެސް ހުރީ ވަކީން ކެއްކޭ ގޮތަށް އިންތިޒާމު ހަމަޖައްސާފައި ކަމަށެވެ. އަދި ގަރާޖުގައި މަސައްކަތް ކުރާ މީހުން ނިދަން ތިރީގައިވެސް ކޮޓަރިއެއް ހަދާފައިވާ ކަމަށާއި އެ ތަނުގައި ފަސް މީހަކު ދިިރިއުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހާދިސާގައި 10 ބިދޭސީއަކު މަރުވެފައިވާއިރު، ތިން މީހެއްގެ ހަށިގަނޑު އެ މީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށް ސަމީހު ވިދާޅުވިއެވެ.