Close
ޔޫއެފާ ޗެމްޕިއަންސް ލީގު

ލިވަޕޫލް ގަދަ 16 އަށް، އެތުލެޓިކޯ ކެޓީ ހިތްދަތިކޮށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ލިވަޕޫލް ދަތުރުކުރި އިރު، ވަރުގަދަ އެތުލެޓިކޯ މެޑްރިޑް ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ފަސްވަނަ ހަފުތާގެ މެޗުތައް ކުރިއަށްދާ އިރު، ގްރޫޕް އޭގައި ލިވަޕޫލުން ރޭ ކުޅުނު މެޗުގައި އަޔެކްސް ބަލިކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖައަކުންނެވެ. އަޔެކްސް ދަނޑުގައި ރޭ ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލް ވަނީ ގަދަ 16 ޔަގީން ކޮށްފައެވެ. އެޓީމަށް ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވާ އިރު، މިވަގުތު އޮތީ ގްރޫޕުގެ ދެވަނައިގައެވެ. އަޔެކްސް ތިންވަނައިގައި އޮތީ ފަސް މެޗުން އެންމެ ތިން ޕޮއިންޓް ލިބިގެންނެވެ. އެ ގްރޫޕުގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ރޭ ނަޕޯލީ އަތްދަށުވި ރޭންޖާސްއެވެ.

ލިވަޕޫލް ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި މިވަގުތުވެސް އޮތީ ނަޕޯލީއެވެ. އެއީ ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށް، 15 ޕޮއިންޓާ އެކުގައެވެ. ނަޕޯލީ އަދި މި ސީޒަނުގައި ބަލިވެފައިނުވާ އިރު، އެޓީމުން ރޭ ރޭންޖާސް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ނަޕޯލީއާއި ލިވަޕޫލަށް އެއްވަނައިގައި ފުރުސަތު އަދި އެބައޮތެވެ.

މޮޅަކާއެކު ގަދަ 16 ޔަގީންކުރަން ރޭގެ މެޗަށް ނުކުތް ލިވަޕޫލުން އަލަށް ގެންދިޔަ ފޯވަޑް ޑާވިން ނުނޭޒަށް ފުރަތަމަ 11 އިން ފުރުސަތު ދީފައިވެއެވެ. މެޗުގެ ފުރަތަމަ ކޮޅުގައި އޭނާއަށް ލިބުނު މުޅިން ހުސް ފުރުސަތެއް ބޭކާރުވެގެން ދިޔަ އިރު، ލިވަޕޫލަށް ހަމަޖެހިލެވުނީ 42 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ގޯލު ޖަހައި ލީޑު ނަގައިދިނުމުންނެވެ.

ދެވަނަ ހާފަށް ނުކުމެ ލިވަޕޫލުން ރަނގަޅު ޓެމްޕޯއެއްގައި ކުޅުން ހިފަހައްޓައި، އިތުރު ގޯލުތައް ޖެހިއެވެ. ލިވަޕޫލުން ދެވަނަ ހާފުގެ ކުރީކޮޅުގައި އިތުރު ދެ ގޯލު ޖެހި އިރު، އެޓީމުގެ ގޯލުތައް ޖަހައިދިނީ ނުނޭޒާއި ޒުވާން މިޑްފީލްޑަރު ހާވީ އެލިއޮޓެވެ.

ޔޫރަޕްގެ ވަރުގަދަ ބާރެއްގެ ގޮތުގައި ފާހަގަވާ އެތުލެޓިކޯ މެޑްރިޑަށް ގަދަ 16 އިން ޖާގަ ގެއްލުނީ ރޭ ކުޅުނު މެޗުގައި ބަޔާން ލެވަކޫސަންއާ އެއްވަރުވުމުންނެވެ. ޒަބީ އެލޯންސޯ އިރުޝާދު ދިން ލެވަކޫސަން ކައިރިން އެތުލެޓިކޯ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އެތުލެޓިކޯއަށް ފަސް މެޗުން ފަސް ޕޮއިންޓް ލިބި، ދެވަނައިގައި އޮތް އެފްސީ ޕޯޓޯ ފަހަށް ޖައްސައިނުލެވޭނެކަން ޔަގީންވިއެވެ.

ގްރޫޕް ބީގައި ރޭ ޕޯޓޯއިން ރަށުން ބޭރުގައި ކްލަބު ބްރޫޖު ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕުގެ އެއްވަނައިގައި ބްރޫޖް އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކުގައެވެ. ޕޯޓޯއަށް ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، އެދެޓީމަށްވެސް ގަދަ 16 ވަނީ ޔަގީންވެފައެވެ. ފަހު މެޗުން ގްރޫޕުގެ އެއްވަނަ ޔަގީންވާނެ ޓީމެއް އެނގޭނެއެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި ލެވަކޫސަންއަށް ލީޑު ނަގައިދިނީ މޫސާ ޑިއާބީއެވެ. އެ ގޯލާއެކު ލެވަކޫސަން ރަނގަޅަށް ކުޅެ ހާފު ނިންމާލީ އިތުރު ގޯލެއްވެސް ޖަހައިގެންނެވެ. އެ ގޯލަކީ ޗެލްސީގެ ލޯނެއްގައި ހުރި ކަލުމް ހަޑްސަން އޮޑޯއީ ޖަހައިދިން ގޯލެކެވެ.

ދެވަނަ ހާފަށް ނުކުމެ އެތުލެޓިކޯއިން ފަހަތުން އަރަން ކުރި މަސައްކަތުގައި ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަވެސް ކުރިއެވެ. އެ ގޯލުތައް ޖަހައިދިނީ ޔަނިކް ކަރެސްކޯއާއި ރޮޑްރީގޯ ޑި ޕައުލްއެވެ. މެޗުގެ ފަހު މިނެޓުގައި އެތުލެޓިކޯއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ކަރެސްކޯ ޖެހި ޕެނަލްޓީ ގޯލްކީޕަރު މަތަކުރިއެވެ. އަދި ރީބައުންސްގައި އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ކަޓާފައި އޮތް ބާސާއަށް ބޮޑު ބައްޔެއް، ޓޮޓެންހަމް އިންތިޒާރަކަށް

ޗެމްޕިއަންސް ލީގު ގްރޫޕް ސީގައި ރޭ ބާސެލޯނާއާއި ބަޔާން މިއުނިކް ކުޅުނު މެޗު ބަޔާންއިން ކާމިޔާބުކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ ގްރޫޕުގެ އެއްވަނަ ބަޔާންއިން ޔަގީން ކޮށްފައިވާ އިރު، ދެވަނައިގައި ގަދަ 16 އަށް ދިޔައީ އިންޓަ މިލާނެއެވެ. ބާސާއިން މި ސީޒަނުގައިވެސް ޔޫރޮޕާ ކުޅެން ޖެހިފައިވާކަން ރޭގެ މެޗަށް ނުކުތްއިރުވެސް އެޓީމަށް އޮތީ އެނގިފައެވެ. އެއީ އިރާކޮޅުގައި އިންޓައިން ވިކްޓޯރިއާ ޕްލެޒެން ކައިރީ ހޯދި މޮޅާއެކުގައެވެ.

ރޭގެ މެޗުގައި ބަޔާންގެ ގޯލުތައް ޖަހައިދިނީ ސަޑިއޯ މާނޭއާއި އެރިކް ޗުޕޮމޮޓެންގެ އިތުރުން ބެންޖަމިން ޕަވާޑެވެ.

ގްރޫޕް ޑީގައި ރޭ ޓޮޓެންހަމްއިން ކުޅުނު މެޗުގައި ސްޕޯޓިން ލިސްބަން ކައިރީ 1-1 އިން އެއްވަރުވުމުން އެޓީމަށް ގަދަ 16 ޔަގީންކުރަން އިތުރު އިންތިޒާރެއް ކުރަން ޖެހުނެވެ. މިވަގުތު ގްރޫޕުގެ އެއްވަނައިގައި ޓޮޓޭންހަމް އޮތީ ފަސް މެޗުން އަށް ޕޮއިންޓާ އެކުގައެވެ. އެ ގްރޫޕުގެ ދެވަނައިގައި އޮތް ސްޕޯޓިންއާއި ތިންވަނައިގައި އޮތް ފްރޭންކްފާޓަށްވެސް ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައިވުމާއެކު ޓޮޓެންހަމް ގަދަ 16 ޔަގީންކުރަން ފަހު މެޗުގައި މާސޭ ކައިރިން މަދުވެގެން ޕޮއިންޓެއް ބޭނުންވާނެއެވެ. މާސޭ މިވަގުތު ތާވަލުގެ ފުލުގައި އޮތީ ފަސް މެޗުން ހަ ޕޮއިންޓާ އެކުގައެވެ.

އެ ގްރޫޕުގެ ހަތަރު ޓީމަށްވެސް އަދި ގަދަ 16 ޖާގަ އެބައޮތެވެ.

ސްޕާސް ކޮޅަށް ރޭގެ މެޗުގައި ސްޕޯޓިންގެ ގޯލު ޖަހައިދިނީ މާކަސް އެޑްވާޑްސްއެވެ. އެ ގޯލާއެކު ބަލިވާން ދަނިކޮށް ރޮޑްރީގޯ ބެންޓެންކޫރްވަނީ 80 ވަނަ މިނެޓުގައި ސްޕާސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ ފަހު ސިކުންތުގައި ހެރީ ކޭން ގޯލަށް ވައްދާލި ބޯޅާއެކު ޓޮޓެންހަމް މޮޅުވި ކަމަށް ހީކުރެވުނު ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ ކޭން ބޯޅަ ފޮނުވާލީ އޮފްސައިޑް މަގާމެއްގައި އޮވެގެން ކަމަށެވެ.

އެކަމުގެ ޝަކުވާތައް ޓޮޓެންހަމްގެ ކުޅުންތެރިންނާއި ކޯޗުވެސް ކޮށްފައިވާ އިރު، މެޗު ނިމުނުތަނާ ރެފްރީއާ ދިމާލަށް ދިޔުމުން ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭއަށް ރެފްރީ ރަތް ކާޑު ދައްކާފައިވެއެވެ.