އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް ކާމިޔާބުކުރެވިއްޖެނަމަ، ރާއްޖެއިން ބައެއް ނުގެއްލޭގޮތަށް ޗާގޯސް މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައިވާ ނިންމުމަށް އެއްކޮޅަށް ރާއްޖެއިން މީގެ ކުރިން އަންނަނީ ވޯޓު ދެއްވަމުންނެވެ. އެއީ ޗާގޯސް އައިލެންޑްސްއަކީ އިނގިރޭސިވިލާތުގެ ސަރަހައްދެއް ކަމަށް ރާއްޖެއިން ދޭ ވޯޓެވެ. ނަމަވެސް ކުއްލިއަށް ރާއްޖެއިން އެ މައްސަލައިގައި މޮރިޝަސް ކޮޅަށް ވޯޓުދޭން ނިންމުނުން ރާއްޖެއިން ބައެއް ގެއްލިދާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ރާއްޖެއިން މޮރިޝަސް ކޮޅަށް ވޯޓު ދޭން ނިންމާފައިވާކަން އަންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މޮރިޝަންގެ ބޮޑު ވަޒީރަށް ސިޓީފުޅެއް ފޮނުވައިފައެވެ.
އެމްއެންޕީގެ އާ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި އެކަމަށް އިޝާރަތްކުރައްވައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މިހާރު އިވެމުންދަނީ އަމިއްލަ ފައިދާއަކަށް ނުވަތަ ޕާޓީގެ ފައިދާއަށް ރާއްޖޭގެ ތަންތަން ދިނުމަށް ނިންމާފައިވާ ވާހަކަތައް ކަމަށެވެ.
"ކޮންމެވެސް ކަހަލަ އަމިއްލަ ފައިދާއަކަށް ނޫނީ ޕާޓީ ފައިދާއަކަށްޓަކާ މިގައުމު ވިއްކާލުމުގެ ވާހަކަ އަޅުގަނޑުމެންނަށް މިއިވެނީ. ތަންތަން ދޭ ވާހަކަ މިދައްކަނީ. އަޅުގަނޑު މިރޭ ސާބިތުކޮށް ދަންނަވަން މިޕާޓީ ފުރުސަތު ދެއްވާ އިރާދަކުރެވިއްޔާ އަޅުގަނޑުމެންނަށް މިގެއްލެމުންދާ އުޅޭ ޗާގޮސް މައްސަލައިގައި އިރާދަކުރެވިއްޔާ އަޅުގަނޑުމެން ގާނޫނީ ތަރަހައިން މަސައްކަތް އިރާދަކުރެވިއްޔާ ރާއްޖޭގެ އެންމެ ތަންފުކެއް ނުދޭގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރާނެ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ ޗާގޯސް މައްސަލައިގައި ސިޔާސީ ޕާޓީތަކުން އަމަލުކުރަވަމުންދާ ގޮތްތަކަށް ވެސް ފާޑު ވިދާޅުވެފައެވެ. ނާޒިމް ވިދާޅުވީ 2019 ވަނަ އަހަރު މި ސަރުކާރުން ޗާގޯސް މައްސަލައިގައި އިނގިރޭސިވިލާތާ އެއްކޮޅަށް ވޯޓު ދިނުމުން ޕީޕީއެމުން ފާޑު ކިޔާފައިވާ ކަމަށެވެ. މިހާރު މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ވެސް ޕީޕީއެމުން ފާޑު ކިޔަމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"މީ ކޮންކަހަލަ ވާހަކައެއްތޯ. އެހެންވީމާ ދެއުޅި އެއްނުވާ ކަހަލަ ސިޔާސީ ވާހަކަ ނުދައްކަވާ ފަހަތަށް ޖެހޭ. މިޕާޓީއަށް ފުރުސަތު ދެއްވާ. މީ ގައުމީ ޕާޓީ، މީ މިކަން ހައްލުކުރާނެ ޕާޓީ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މި ސަރުކާރަށް ވެސް ޗާގޯސް މައްސަލަ ހައްލު ނުކުރެވޭ ކަމަށާއި އެކަން ކުރާނީ އެމްއެންޕީން ކަމަށެވެ.
ރާއްޖެ އާއި މޮރިޝަސް ދެމެދުގައި މެރިޓައިމް ބައުންޑަރީ ކަނޑައެޅުމަށް އެދި މޮރިޝަސްއިން ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ރާއްޖެއާ ދެކޮޅަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިމިފައެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންނުވާނަމަ ދެން އޮންނާނީ އެ މައްސަލައާ މެދު ގޮތެއް ނިންމުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު