ސިޔާސީ ޕާޓީތަކުގެ ގާނޫނަށް، އިލެކްޝަންސް ކޮމިޝަނުން އިސްލާހު ގެންނަން ހުށަހަޅާގައިވާ ގޮތަށް ޕާޓީތަކުގެ އިސް މަގާމުތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކުރަން ގާނޫނުގައި ހިމަނަން ސިޔާސީ ޕާޓީތަކުން ދެކޮޅު ހަދައިފިއެވެ.

އިލެކްޝަންސް އިން ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލު ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ކުރިއަށް ގެންދިޔައިރު، އެ އިސްލާހުތަކާބެހޭގޮތުން މަޝްވަރާ ކުރުމަށް ސިޔާސީ ޕާޓީތަކުންނާއި އިލެކްޝަން ކޮމިޝަނުން ވަނީ ބައިވެރިވެފައެވެ.

އެ އިސްލާހާ ބެހޭގޮތުން އިދިކޮޅު ޕީޕީއެމްގެ ފަރާތުން ނައިފަރު ދާއިރާގެ މަޖިލިސް މެނމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެގޮތަށް ގާނޫނުގައި ހިމެނުމަކީ އަންހެނުންނަށް ކުޑައިމީސް ކުރުން ކަމަށެވެ.

"އެގޮތަށް ހެދީމަ އަންހެން ބޭފުޅުންނަށް ކުޑައިމީސްވަނީ، އަންހެން ބޭފުޅުންނަކީ އެއްވެސް ބައެއްނޫން ގޮތަށް އިހުސާސް ކުރެވެނީ، ކޯލިޝަންގައި ހިމެނޭ ދެ ޕާޓީ ހަމަހަމަ ވާނެ. އަޅުގަނޑުމެން ޕާޓީގެ އަންހެން މެމްބަރުން ވާދަވެރި އިންތިހާބުތަކުގައި ވާދަކޮށް ކާމިޔާބު ހޯދާފައިވަނީ. އެހެންކަމުން އަންހެންބޭފުޅުންދެކެ ލޯބިވެގެން ދެއްވަންޏާ އެއަށްވުރެން ބޮޑު ޕަސެންޓެއް ދޭން ޖެހޭނެ،" ޝިޔާމް ވިދާޅުވިއެވެ.

ވެރިކަންކުރާ މައި ޕާޓީގެ ފަރާތުން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ، ޝިޔާމު ދެއްކެވީ ރަނގަޅު ވާހަކައެއް ކަމަށާއި އަންހެން ބޭފުޅުންނަށް ކޯޓާ ކަނޑައެޅުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ. ނަމަވެސް އަންހެން ބޭފުޅުންނަށް އިސްކަން ދޭންޖެހޭނެ ކަމަށް ގާނޫނުގައި ލިޔެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްތަކުން އަންހެނުންނަށް ގާނޫނުން ހާއްސަކޮށްފައިވާ ގޮނޑިތަކަށް ބޭނުންވާ މިންވަރަށް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރު ކަމަށް އެއްވެސް ޕާޓީއަކަށް މިހާތަނަށް އަންހެން ބޭފުޅުން ނެރެވިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެއްވެސް ޕާޓީއަކަށް އެ އޮންނަ ޕަސެންޓަށް މެންބަރުން ނުނެރެވޭ. އެހުރިހާގޮނޑި އަދި ހަމައެއްނުވޭ ޑަބްލިއުޑީސީގައިވެސް ނުވޭ، ނުވާކަމަކަށް ކޯޓާއެއް ކަނޑައަޅާފައިބޭއްވުން އެއީ ރަނގަޅުކަމެއް ނޫން،" އިބުރޭ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން އަލީ އާރިފް ވިދާޅުވީ، އެގޮތަށް ގާނޫނުގައި 33 ޕަސެންޓް ހިމެނުމަކީ އަންހެނުންނަށް އޮތް ފުރުސަތު ހަނިކުރުން ކަމަށާއި ކޮންމެ ދިވެއްސަކަށްވެސް މަގާމުތަކަށް ވާދަ ކުރުމުގެ ހައްގު ގާނޫނުއަސާސީގައި ދީފައިވާއިރު، އެގޮތަށް ލިމިޓް ކުރުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އެއީ އަންހެން ބޭފުޅުންނަށް ކުޑައިމީސް ކުރުން ކަމަށާއި އެކަން އެގޮތަށް ކުރުމަކީ ގާނޫނުއަސާސީގައި ބުނާ ހަމަހަމަ ފުރުސަތު ދިނުމާ ހިލާފު ކަމަކަށް ވެދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަދި ރައްޔިތުންގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ، އެގޮތަށް އަންހެނުންނަށް ކޯޓާއެއް ކަނޑައަޅައި ގާނޫނުގައި ލިއުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ. ނަމަވެސް ޕާޓީތަކުގެ އިސް މަގާމުތަކަށް ވާދަ ކުރުމުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ހިމެނިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ވާހަކަތަކަށް ތާއީދުކުރައްވައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނާއިބު ރައީސް އިސްމާއިލް ހަބީބުވެސް ވިދާޅުވީ، އަންހެނުންނަށް ވަކި ކޯޓާއެއް ކަނޑައެޅުމުގެ ބަދަލުގައި މިންތީގެ ހަމަހަމަކަމަށް ބަލަންވާނެ ކަމަށް ނުވަތަ އިސްކަންދޭންވާނެ ކަމަށް ފަދަ އިބާރާތެއް އޮތުން މުހިއްމު ކަމަށެވެ. އޭރުން އަންހެނުންނަށް އިސްކަންދިނުން ބަލައިގަންނަކަން ފާހަގަވާ ކަމަށްވެސް ވިދާޅުވިއެވެ.