ކޯޓުތަކުން ހެކި ނައްތާލާފާނެތީ މީހުން ބަންދުން ކުރާތީ އާއި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރާ ގޮތާމެދު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޔާމީން އުތުރުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅު ތަކުގެ ތެރެއިން އިއްޔެ ހއ. ވަށަފަރަށް ވަޑައިގެން އެރަށުގެ ޕީޕީއެމް ޖަގަހަ ހުޅުވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ ގާނޫނުއަސާސީގައި ފައިދާ ނެގެން ހުރި މާއްދާތަކާއި ނާޖާއިޒު ފައިދާ ނެގޭ ގޮތަށް ލިޔެފައިވާ މާއްދާތައް އެބަހުރި ކަމަށެވެ. ޔާމީން ވިދާޅުވީ އެފަދަ މާއްދާތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުން އެކަމުގެ އަނިޔާ ލިބެނީ ގައުމާއި ރައްޔިތުންގެ ހައްގުގައި ތެދުބަހުން ވާހަކަ ދައްކަވާ ފަރާތްތަކަށް ކަމަށެވެ.

ޔާމީން ވިދާޅުވީ މިހާރު ގާނޫނުއަސާސީ އޮތްގޮތުން ކުށެއްގެ ތުހުމަތުގައި މީހަކު ފުލުހަށް ހާޒިރުކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އެއީ ފުލުހުން އަމިއްލަޔަށް އުފަންކުރާ، ވުޖޫދުގައި ނެތް މައްސަލައެއްގެ ތުހުމަތަށް ކަމަށް ޔާމީން ވިދާޅުވިއެވެ. ތުހުމަތަށް ފުލުހަށް ގެންދިޔުމަށްފަހު ދެން ގެންދަނީ ކޯޓަށް ކަމަށާއި ކޯޓުން ބަންދާމެދު ގޮތެއް ނިންމާނީ ދައުލަތުން ބޭނުންވާ ގޮތަކަށްކަމަށް ޔާމީން ވިދާޅުވިއެވެ.

"މުއްދަތު ކުރުކުރަން ވެއްޖިޔާ ފަނޑިޔާރު މި ވިދާޅުވަނީ ފުލުހުން އެދިފަ ތިއޮތީ 30 ދުވަހުގެ މުއްދަތޭ، މިފަރާތުން އެބައެދޭ މިއަށްވުރެ ލުއިކުރަން އެހެންވީމާ ދައުލަތުގެ އިއުތިރާޒެއް ފުލުހުންގެ އިއުތިރާޒެއް ނެތް މުއްދަތު ކުޑަކުރަން، މުއްދަތު ކުޑަކުރަން އިއުތިރާޒެއް ނެތިއްޔާ ތިމަންނަ ބޭނުންވަނީ 30 ދުވަސް މާ ދިގޭ 15 ދުވަސް ރަނގަޅޭ އެހެންވީމާ 15 ދުވަސް ފުލުހުން ނޫނީ ސަރުކާރު އިއުތިރާޒު ނުކުރާތީ 15 ދުވަސް މީތޯ އަޅުގަނޑުމެން އިންސާފު ގާއިމުކުރުމަކީ." ޔާމީން ވިދާޅުވިއެވެ.

ކުށެއްގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނުވަތަ ބަންދުގެ މުއްދަތު އިތުރުކުރަން ދައުލަތް ދެކޭ ގޮތް ފަނޑިޔާރުން ބައްލަންވަން ނުޖެހޭނެކަމަށް ޔާމީން ވިދާޅުވިއެވެ. ތުހުމަތެއްގައި ހާޒިރުކުރާ މީހާ ދޫކޮށްލަން ފަނޑިޔާރަށް ފެނިވަޑައިގެންފިނަމަ އެކަމެއް ކުރައްވަން ޖެހޭނެކަމަށް ޔާމީން ވިދާޅުވިއެވެ.

"ސަރުކާރުން މިކަމާ ދޭތެރޭ މި ބުނަނީ ކީކެހޭ. ބަލަ ފަނޑިޔާރުން ކީއްކުރަން ސަރުކާރުން މިކަމާ ދޭތެރޭ ގޮތް ބަލަންވީ، ފަނޑިޔާރުގެ ކުރިމައްޗަށް އަންނަންވާނީ އޭނާކުރި ކުށެއްގެ ތުހުމަތުގަ، ކުށެއްގެ ތުހުމަތު ނެތިއްޔާ ފަނޑިޔާރަކަށް ނުޖެހޭ ސަރުކާރުން އެކަމުގެ ދެކޭގޮތް ބަލާކަށެއް. ސަރުކާރުން ދެކޭ ގޮތަކާމެދު ވިސްނާފަ ގޮތެއް ހަދާކަށް ނުޖެހޭ. ކުށެއް ކޮށްފަ އޮތިއްޔާ އެކުށަކަށް އަދަބުދޭން ގާނޫނަކުން މި ކަނޑައަޅަނީ" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވަނީ ހެކިނައްތާލާފާނެތީ ކޯޓުތަކުން މީހުން ބަންދުކުރާތީ އެކަމާ ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޔާމީން ވިދާޅުވީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ފުލުހުން މީހުން ހައްޔަރުކުރުމުން އެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ބާރު ގާނޫނުން ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ. ޔާމީން ވިދާޅުވީ ގާނޫނުގައި އެފަދަ މާއްދާތައް ހިމާނާފައިވަނީ ރަނގަޅު މަގްސަދުގައި ކަމަށެވެ.

ހެކި ހުރެޖެއްނަމަ ކުށެއްގެ ތުހުމަތުގައިވާ މީހާ ބަންދުން ދޫކޮށްލާފައި ބެހެއްޓުމަކުން މައްސަލައެއް ނެތްކަމަށް ޔާމީން ވިދާޅުވިއެވެ. ގާނޫނުގައި ހެކި ނައްތާލާފާނެތީ ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހެއްޓިޔަސް ފުލުހުންނަށް އަދި ދައުލަތަށް ވެސް ނައްތާލަން އުޅުނު ހެއްކަކީ ކޮބައިކަން މައްސަލަ ނިމިގެންދާއިރު ވެސް ސާފުކޮށް ނުދެވޭކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު މީއެކަން ގޯތުރޫ އިހުސާސްކޮށްފަ ހުރި މީހެއް، އަޅުގަނޑަށް ފުރަތަމަ ބަންދެއް އައީ ހެކި ނައްތާލަފާނެތީ، ދެން މުޅި މައްސަލަ ނިމިގެންދިޔައިރު އެ ބުނާ ހެއްކެއް ނުފެނުނު. ދައުލަތަކަށްވެސް ނުދެއްކުނު. އެއީ މިހާރަކު ނޫން ރައީސް ނަޝީދުގެ ވެރިކަމުގަ އެއީ. މިހިރީ އަޅުގަނޑުމެންނަށް ގާނޫނުގަ ލިޔެވިފަ ހުރި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ނަމުގަ މިހިރީ ރައްޔިތުންނަށް އަދަބު ދޭން ލިޔެފަހުރި މާއްދާތައް. ހެކި ނައްތާލަފާނެތީ ނުޖެހޭ މީހަކު ހައްޔަރުކުރާކަށް، ހެކި ހޯދަން ޖެހެނީ ތަހުގީގީކުރާ އިދާރާތާކުން. އެއީ ފުލުހުން ސަރުކާރުން އިންވެސްޓްކުރާ މިއޮތްހާ ލާރި. ހެކި ނެތިއްޔާ ހެކި ނެތީ ހެކި ނެތީ އޭގެ މާނައަކީ އެ މީހުން އެ ވުޖޫދަށް ގެންނަން އުޅުނު މައްސަލަ އުފެދުމުގަ ވެސް ނެތް މައްސަލައެއް އެއީ، ދަންނަވަން މިއުޅެނީ އެއީ ފްރޭމްކުރާ ވާހަކަ" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ތަހުޒީބީ ގައުމުތަކުގައި ހެކި ނައްތާލާފާނެތީ މީހުން ބަންދު ނުކުރާ ކަމަށާއި ރާއްޖޭގެ ގާނޫނު އޮތްގޮތުން ކުށެއްގެ ތުހުމަތުވާ މީހަކު ވުޖޫދުން ފޮހެލެވެން އެބަހުރިކަމަށެވެ.

"އެކަމަކު ދުނިޔޭގެ ނެތްވަރުގެ މޮޅު ގާނޫނުއަސާސީއެއް ލިޔެވިފަ އޮތްކަމަށް އަޅުގަނޑުމެން މިހާތަނަށް ފަހުރުވެރިކަމާއެކީ ބުނަމުން މިގެންދަނީ" ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ގާނޫނުއަސާސީއަށް ވުރެ މޮޅު ގާނޫނެއް ނެތްކަމަށް ބުނަމުންދާ ޑިމޮކްރަސީގެ ޗެމްޕިއަނުން ގެންދަނީ އެ ގާނޫނުގެ ނާޖާއިޒު ފައިދާ ނަގައި އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅަމުން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީއަކީ ގާނޫނަށް ބޯލަބާ ބައެއް ކަމަށާއި ނަމަވެސް ގާނޫނަކީ އަމަލުކުރަން ނުޖެހޭ އެއްޗެއްކަމަށް ރައްޔިތުންނަށް ވިސްނައިދޭން އެމްޑީޕީން މަސައްކުރި ކަމަށް ޔާމީން ވިދާޅުވިއެވެ. އެކަން ކުރީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގެ ފަހު ދެ ދައުރުގައި ކަމަށާއި ގާނޫނުއަސާސީއަށް ތަބާވާން ނުޖެހޭކަން ވިސްނައިދީ އެމްޑީޕީން އެއިރު ރައްޔިތުން ކައްކުވާލި ކަމަށާއި ނަމަވެސް އެމްޑީޕީއަށް އިދިކޮޅު ކޯލިޝަނަށް އެ ފުރުސަތު ދޭން ނުކެރުނު ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.