ގުޅިފަޅުގައި ފެނާއި ނަރުދަމާގެ ނެޓްވޯކް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސާވިސް ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި "އަހާ" ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކޮށްފައިވާ ހުޅުމާލެ ފޭސް 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ތެރެއިން ގިނަ ތަންތަނަކީ މި ސަރުކާރުން ހަވާލުވިިއިރު މާބޮޑަށް ހިއްކާފައިނުވާ ތަންތަން ކަމަށެވެ.
އެއާއެކު އިގުތިސާދީ ދަތިތަކާއެކުވެސް އެ މަސައްކަތްތައް ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހުޅުމާލެ ފޭސް 3 އާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިން ހަވާލުކޮށްފައިވަނީ އެ ބިމުން ބައެއް ހިއްކާ ފަރާތަށް ލިބޭގޮތަށް ކަމަށްވީ ނަމަވެސް، އެއީ މުހިންމު ސަރަހައްދަކަށްވާތީ އެޗްޑީސީ މެދުވެރިކޮށް ކޮންޓްރެކްޓް ނޮވޭޓްކޮށްގެން ފައިސާ ދައްކައިގެން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމި ކަމަށް ވިދާޅުވިއެވެ.
މިހާރު ހުޅުމާލެ ފޭސް 3 އާއި ގުޅިފަޅު ހިއްކައި، އެ ތަންތަނުން ގޯތި ލިބުނު ފަރާތްތަކަށް ގާތްގަނޑަކަށް ގޯތިތައް ހަވާލުކުރެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ގުޅިފަޅާއި ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ ފަރާތްތަކަށް އެޗްޑީސީ މެދުވެރިކޮށް އިންފާރު ރޭނުމާއި އެހެނިހެން މަސައްކަތްތައް ކުރުމުގެ ހުއްދަ ދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ގިރާވަރުފަޅުގެ މަސައްކަތާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ 100 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކުމަށްފަހު ޑްރެޖަރަށް ދިމާވި ހާލަތަކާ ގުޅިގެން މަސައްކަތް މަޑުޖެހުނު ނަމަވެސް، މިހާރު އަލުން މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ. މާލަސްތަކެއް ނުވެ ބާކީބައި ހިއްކާ ނިންމައި، ހިއްކާ ނިމެންވާއިރަށް ސާވޭގެ މަސައްކަތް ފަށައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ތިލަފުއްޓާ ހަމައަށް ތަރައްގީކުރާ ތިލަމާލެ ބްރިޖުގެ މަސައްކަތް 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ތިލަފުށިން އުތުރުތިލަފަޅާ ހަމައަށް ގުޅާލުމަށްޓަކައި ފީޒިބިލިޓީ ސްޓަޑީ ހެދިފައިވީ ނަމަވެސް، ބޭރު ގައުމުތަކުން ލޯނު ލިބުމުގެ ދަތިތަކާ ހުރެ އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް އިގުތިސާދީ ހާލަތު ރަނގަޅުވެ، ލޯނު ލިބެންވާއިރަށް ބޭނުންވާ ޓެކްނިކަލް މަސައްކަތްތައް ނިންމުމަށްޓަކައި، މާ ލަސްތަކެއް ނުވެ އެ މަޝްރޫއުގެ ޑިޒައިން މަސައްކަތްކުރާނެ ބަޔަކު ހޯދުމަށް އިއުލާންކުރާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން އެ މަސައްކަތް ފެށުން ކަމަށް ވިދާޅުވިއެވެ.
ހިއްކާފައިވާ ސަރަހައްދުތަކުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތްތައް ގާއިމުކުރުމަކީ ބިން ހިއްކުމަށް ދިޔަ ހަރަދަށްވުރެ ބޮޑު ހަރަދެއް ހިނގާ ކަމެއްކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ ގުޅިފަޅުގައި އެ ހުރިހާ ހިދުމަތްތަކެއް ގާއިމުކޮށް މަގު ހެދުމަށް 400 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ އެކަން ލަސްވަމުންދާތީ، ޕަބްލިކް ވޯކްސް ސާވިސްއާއި އެމްޓީސީސީ ގުޅިގެން އެތަނުގެ ފޭސްތަކަށް ބޭނުންވާ ފެނާއި ނަރުދަމާގެ ނެޓްވޯކް މަސައްކަތް ފެށުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮމެންޓް