އެމްޓީސީސީއަށް 10,000 ކިއުބިކް މީޓަރުގެ ބޮޑު ޑްރެޖަރެއް އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެ ގެނެވޭނެ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ގިނަ ރަށްރަށުގައި ބިން ހިއްކުމާއި ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަޝްރޫއުތަކުގައި ސޮއިކުރެވިފައިވީ ނަމަވެސް، މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ދަތިތަކެއް ހުރި ކަމަށެވެ.

މިވަގުތު ބިން ހިއްކުމުގެ މަސައްކަތުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމްޓީސީސީގައި ހުރި ޑްރެޖަރުތަކުގެ އަދަދު މަދުވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެ ކުންފުނީގެ ކަޓަރު ސަކްޝަން ޑްރެޖަރުތަކާއި ހަމައެކަނި ހުރި ހޮޕާ ޑްރެޖަރުވެސް މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މިހާރު ބޭނުންކުރަމުންދާ ހޮޕާ ޑްރެޖަރަކީ އެއްފަހަރާ ގާތްގަނޑަކަށް 3,000 ކިއުބިކް މީޓަރުގެ ވެލި ނެގޭ ވަރުގެ އުޅަނދެއް ކަމަށްވުމުން މަސައްކަތްތަކަށް ލަސްކަމެއް އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންވެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެމްޓީސީސީއަށް އޭގެ ތިންގުނަ ބޮޑު، އެއްފަހަރާ 10,000 ކިއުބިކް މީޓަރު ލޯޑުކުރެވޭވަރުގެ ޑްރެޖަރެއް ހޯދުމަށް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު އެ ބޮޑު ޑްރެޖަރު ރާއްޖެ ގެނެވުމުން، ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫއުތައް މިހާރަށްވުރެ ވަރަށް ބޮޑުތަނުން ހަލުވިވެގެންދާނެ ކަމަށެވެ.

ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލަ ހޯދުމަށް ވެސް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން އިންޑިއާއިން ބޮޑުހިލަ ބޭރުކުރުން މިވަގުތަށް މަނާކޮށްފައިވާ އިރު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ގެނައުމަށް ވެސް ދަތިތަކެއް ހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅާއެކު، އެ ގައުމުން ބޮޑުހިލަ ގެނެވޭނެ ގޮތެއް ހޯދުމަށް މިހާރު މަސައްކަތްކުރަމުންދާ ކަމަށެވެ.