ރަސްމާލެ މަޝްރޫއުގެ ތެރެއިން ބޭރުގެ ފަރާތްތައް ވަޒަންވެރިކުރުވަނީ ކަމަށްބުނެ ދައްކާ ވާހަކަތަކަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ވާހަކަތަކެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.

ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގާ ބިޔަ މަޝްރޫއަކީ ޔަހޫދީން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ތަކުރާރުކޮށް އެންމެ ގިނައިން ވާހަކަދައްކަވާ ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގައި އެ ވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓަރު މިރޭ ވިދާޅުވީ ރަސްމާލޭގައި ތަރައްގީކުރާ ރިއަލް އެސްޓޭޓް ޕްރޮޕަޓީތަކަކީ ބޭރުގެ މުއްސަނދިން އައިސް ދާއިމީކޮށް ދިރިއުޅޭނެ ތަންތަން ނޫން ކަމަށެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ރިއަލް އެސްޓޭޓް އުސޫލުން ހޮލިޑޭ ހޯމްސްގެ ގޮތުގައި އިންވެސްޓްކުރާ އުސޫލުން ވިއްކާ ތަންތަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގެ ފަޅުތަކާއި ރަށްތައް މާޒީގައި ދޫކޮށްފައިވާ ގޮތަށް އަލިއަޅުއްވާލައްވަމުން މުއްތަލިބު ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެނބޫދޫ ފަޅުން 700 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ދޫކޮށްލީ އެންމެ 40 މިލިއަން ޑޮލަރަށް ކަމަށެވެ. އެ ސަރަޙައްދުގައި ބިން ހިއްކައިގެން ތިން ރިސޯޓާއި މެރީނާއެއް ހަދާފައިވާ އިރު، އެވަރުގެ ސްޓްރެޓީޖިކް އެސެޓަކުން ދައުލަތަށް ލިބުނު އިގުތިސާދީ މަންފާ ކުޑަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރަސްމާލެ މަޝްރޫއުން ދައުލަތަށް ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، 99 އަހަރަށް ދޫކުރާ 500 ހެކްޓަރުގެ ބިމުގައި 30,000 އަށްވުރެ ގިނަ ޓޫރިސްޓް އެނދު ގާއިމުކުރެވޭނެ ކަމަށެވެ. ހަމައެކަނި ބިމުގެ ޕްރީމިއަމްގެ ގޮތުގައި 3.1 ބިލިއަން ޑޮލަރު ލިބޭ އިރު، ލީސްހޯލްޑް ރަޖިސްޓްރޭޝަންގެ ހަތަރު އިންސައްތައާއި، އަހަރަކު ޓީޖީއެސްޓީގެ ގޮތުގައި 340 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މުޅި ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ، ރަސްމާލެ މަޝްރޫއުން އެކަނިވެސް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަޝްރޫއުގެ އިގުތިސާދީ އެސެސްމަންޓް ކޭޕީއެމްޖީގެ އިތުރުން އިނގިރޭސިވިލާތުގެ ކުންފުންޏަކުން ހަދާފައިވާ ކަމަށާއި، މަޝްރޫއު ކުރިއަށްދާނީ ރާއްޖޭގެ ސޮވެރިނިޓީއާއި ދީނީ ކަންކަމަށް ފުރިހަމައަށް ރައްކާތެރިކަން ލިބޭ ގާނޫނާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ ދައުލަތުގެ އާމްދަނީއާއި ރިކަރަންޓް ހަރަދު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އިގުތިސާދު ފުޅާކުރުމަށް މިއީ ކޮންމެހެން ހިންގަންޖެހޭ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއު ކާމިޔާބުކަމާއެކު ނިމުމުން ރާއްޖޭގެ އިގުތިސާދު މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއަކީ ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަތައް ދައްކަމުންދާ އިރު، ސަރުކާރުގެ ފަރާތުން މިއަދު ވަނީ ރިއަލް އެސްޓޭޓާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ. މި ބިލުގައި ތަންތަން ގަންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމާއި، އިޒްރޭލު މީހުންނަށް ތަންތަން ނުގަނެވޭނެ ގޮތް ހެދުމާއި، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ރާއްޖޭގައި ކަނޑައަޅާ ސަރަހައްދެއް، މާސްޓާ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ކަނޑައެޅުން ފަދަ ކަންކަން ހިމެނެއެވެ.