ހައުސިން ސްކީމުން ދޫކުރާ ގޯތިތައް އެއްކޮށްލައިގެން އެޕާޓްމަންޓް ކޮމްޕްލެކްސް ހެދުމުގެ ފުރުސަތު ރިއަލް އެސްޓޭޓް ބިލުގެ ދަށުން ލިބޭނެ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގައި އާންމުންގެ ސުވާލުތަކަށް މިރޭ ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތައް އެއްކޮށްލައިގެން ތަރައްގީކުރުމުގެ ފުރުސަތު އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ބިލުގެ ދަށުން ލިބިގެންދާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި އިތުރު ބިން ނެތުމުން، މިހާރު ހުރި ބިންތައް އެންމެ ރަނގަޅު ގޮތުގައި ޔޫޓިލައިޒް ކުރެވޭނެ މެކޭނިޒަމެއް ގާއިމުކުރުމަކީ ރިއަލް އެސްޓޭޓް ސެކްޓަރ ތަރައްގީކުރުމަށް މުހިންމު ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ގޯތިތަކުގެ އަމިއްލަ މިލްކުވެރިކަން އަދި ނުލިބުނު ކަމުގައިވިޔަސް، އެ ގޯތިތައް އެއްކޮށްލައިގެން އެޕާޓްމަންޓް ކޮމްޕްލެކްސްގެ ގޮތުގައި ތަރައްގީކުރުމުގެ މަގު މި ބިލުން ހުޅުވާލެވޭނެއެވެ.
އިމާރާތްތަކުން ތަންތަން ގަންނަ ފަރާތްތަކަށް ރަޖިސްޓްރީ ނުލިބި ދިހަ އަހަރު ދުވަސް ވެގެންދާ މައްސަލައަށްވެސް މި ބިލުގެ ސަބަބުން ހައްލު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރު ރަޖިސްޓްރީ ނުލިބުމުގެ ސަބަބުން ކޯޓު މަރުހަލާތަކަށް ދާންޖެހި، ބޭންކުތަކަށްވެސް އެކަށީގެންވާ ރައްކާތެރިކަން ނުލިބޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ބިލުގެ މައިގަނޑު މަގުސަދަކީ އިންވެސްޓަރުންނާއި ގަންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް، ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުމާއެކު ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް އެދެވޭ ހައްލެއް ހޯދައިދިނުން ކަމަށެވެ.
ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ފޮނުވައިފައެވެ. މި ބިލުގައި ގަންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމާއި، އިޒްރޭލު މީހުންނަށް ތަންތަން ނުގަނެވޭނެ ގޮތް ހެދުމާއި، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ރާއްޖޭގައި ކަނޑައަޅާ ސަރަހައްދެއް، މާސްޓާ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ކަނޑައެޅުން ފަދަ ކަންކަން ހިމެނެއެވެ.
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮމެންޓް