ޕީޕީއެމް/ޕީއެންސީ އެމަނިކުފާނު އިސްވެ ހުންނަވައިގެން ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭނުގެ ހަރަކާތްތައް މިވަގުތު މަޑުޖެހިފައިވިޔަސް ހިތުގައި އަދިވެސް އޮތީ އެ ޝުއޫރު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ހަރަކާތްތައް ވަރުގަދަކުރަން ދ. ކުޑަހުވަދުއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެރަށުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެ މަނިކުފާނު ލީޑު ކުރެއްވި "އިންޑިއާ އައުޓް" ކެމްޕޭން ވަނީ އިދިކޮޅު ފަރާތްތަކުގައި ހިތްތަކުގައި ބިންވަޅު ނެގިފައި ކަމަށެވެ. އެ މަނިކުފާނުގެ ގެކޮޅުގައި ހަރުކޮށްފައިވާ ބެނާ އާއި އިންޑިއާ އައުޓް ޖެހި ޓީޝާޓް ލުންވެސް މި ސަރުކާރުން މަނާކޮށްފައިވާ ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެންގެ ހިތުގެ ޝުއޫރަކަށް އަޅުގަނޑުމެންގެ ވިސްނުމަކުން ނުނެރެވޭނެ އިންޑިއާ އައުޓް،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މިރޭ ވެސް އެ މަނިކުފާނު ގޮވާލައްވަނީ "އިންޑިއާ އައުޓް" ކަމަށެވެ.

ރާއްޖޭގެ ވެރިންނަށްވުރެ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ބާރުގަދަ ކަމަށާއި ދިވެހި ސަރުކާރަށް މިއަދު ޖެހެނީ އިންޑިއާއިން ނުވަތަ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވިދާޅުވާ ކަމެއް ކުރަން ކަމަށް ޔާމީން ވިދާޅުވިއެވެ.

އިންޑިއާގެ ރުހުމާނުލައި މިއަދު ދިވެހި ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށާއި އެ މަނިކުފާނުގެ ވެރިކަމުގައި ޗައިނާއާ ގުޅުން ބަދަހިކުރުމުގެ ސަބަބުން އެކަމަށް ފާޑު ވިދާޅުވި ބޭފުޅުން، މިސަރުކާރުން އިންޑިއާ އެކު ބާއްވަމުންދާ ގުޅުން ފެނިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުގެ ކޯލިޝަންގެ ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވީ، އިސްލާމްދީނާއި ގައުމިއްޔަތުގެ ވާހަކަ އެޕާޓީތަކުން ދެއްކިޔަސް އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ވާހަކަ ދައްކަވަން އެ ޕާޓީގެ ލީޑަރުންނަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

"މި ވާހަކަ ބުނާކަށް ނުކުރެނު މިވީ ހަތަރު އަހަރުގެ ތެރޭގައި. އެކަމެއް ނުވި އެ ބޭފުޅުންނަކަށް." ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމުނު އިރު އޮތީ އަހަރަކަށް ހަތަރު ބިލިއަން ރުފިޔާގެ ދަރަނި ކަމަށާއި އެކަމަކު މި ސަރުކާރުގައި އަހަރަކަށް 10 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުން ކުރަމުންދާ ކަމަކީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި މަޝްރޫއުތައް ނިމުމުން އެތަންތަން ހުޅުވުން ކަމަށާއި އެމްޑީޕީއަކީ އަބަދުވެސް އެގޮތަށް ކަންކަން ކުރާ ބައެއް ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީ ފޯރީގައި ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތް ހުއްޓާލަން ޖެހިވަޑައިގަތީ ރައީސް އިބްރާހީމް ސޯލިހު ނެރުއްވި ގަރާރާ ގުޅިގެން ކަމަށް ސަަންގު ޓީވީއަށް މިމަހުގެ ތިން ވަނަ ދުވަހު ދެއްވި އިންޓަވިއެއްގައި ޔާމީން ވަނީ ވިދާޅުވެފައެވެ.